ވިހި އެކާވީސް: އެފްއެސްއެމްގެ އަމާޒަކީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ދިނުން!
ރާއްޖޭގެ އެކިއެކި ކުންފުނިތަކަށް ބަލާއިރު ފިއުލްސް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑެރީ ކުންފުންޏެކެވެ.
އެގޮތުން 2000 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އުފެދުނު އެފްއެސްއެމް އިން ކުރާ ކަމަކީ އެސްޓީއޯ އިން ރާއްޖެއަށް އެތެރެކުރާ ތެޔޮ، ރާއްޖޭގެ އެކި ރަށްރަށަށް (އެކި ކަންކަމުގައި ބޭނުންވާ ތެޔޮ) ޑެލިވަރ ކުރުމުގެ މަސައްކަތެވެ. ތެޔޮ ޑެލިވަރ ކުރުމަށް ބޭނުން ކުރަނީ ބައުޒަރާއި ބާޖުތަކެވެ. އެބާޖުތަކާއި ބައުޒަރުތައް މަރާމާތު ކުރުމުގެ މަސައްކަތް ވެސް އެފްއެސްއެމް އިން ކުރަމުންދެއެވެ.
އެފްއެސްއެމް އާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ގަސަމް "ދެން" އަށް ދެއްވި އެކްސްކްލޫސިވް ބަސްދީގަތުމެއްގައި ވިދާޅުވީ، 2019 ވަނަ އަހަރަކީ އެފްއެސްއެމް އަށް ވަރަށް ބޮޑު ފައިދާއެއްވި އަހަރެއް ކަމަށާއި އެއަހަރު އެކުންފުންޏަށް 59 މިލިއަން ރުފިޔާ ފައިދާވި ކަމަށެވެ.
2019 ވަނަ އަހަރު އެފްއެސްއެމް އަށް 29 މިލިއަން ރުފިޔާގެ ފައިދާއެއްވި. އެއީ ވޭތުވެދިޔަ ތިން އަހަރު ކުންފުންޏަށް ނުވާވަރުގެ ފައިދާއެއް. އެއަހަރުތަކުގެ ހިސާބުތަކުން ދައްކަނީ ގެއްލުން ވެފައިވާ ކަމަށް. އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން 2019 އަހަރު ހާސިލު ކުރެވުނު ވަރަށްވުރެ ރަނގަޅު މިންވަރެއް މިއަހަރު ހާސިލު ކުރެވޭތޯ. އެހެންނަމަވެސް މިއަހަރު ކުރީކޮޅު މުޅި ދުނިޔެއަށް މިދިމާވި ބަލިމަޑުކަމާއި ގުޅިގެން އެކަން ހާސިލު ނުވެ މިދިޔައީ.
ގަސަމް
އެފްއެސްއެމް ގެ މައިގަނޑު ވިޔަފާރި ގުޅިފައިވަނީ ރިސޯޓުތަކާއިކަން ގަސަމް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ކޮވިޑާއި ގުޅިގެން ގިނަ ރިސޯޓުތައް ބަންދު ކުރުމުންނާއި، ޚިދުމަތް ދޭން ހުއްދަ ދިން ރިސޯޓުތަކުން ބޭނުން ކުރީ ވަރަށް ކުޑަ ކަރަންޓުކޮޅެއް ކަން ވެސް ފާހަގަ ކުރައްވަމުން ގަސަމް ވިދާޅުވީ ރިސޯޓުތަކުގެ ކޮންސަމްޕްޝަން ވަރަށް ބޮޑަށް ދަށްވެގެން ދިޔުމުން ފިއުލްގެ ވިޔަފާރި 2019 ވަނަ އަހަރާއި އަޅާ ބަލާއިރު 2020 ވަނަ އަހަރު ދިޔައީ ވަރަށް ދަށްކޮށް ކަމަށެވެ.
ގަސަމް ވިދާޅުވި ގޮތުގައި މިއަހަރު 2020 ވަނަ އަހަރުގެ ނޮވެމްބަރު މަސް ނިމުން އިރުވެސް އެފްއެސްއެމް އަށް އަދި ވަނީ ފައިދާއެއް ނުވެ، ގެއްލުން ވެފައި ކަމަށެވެ.
އެފްއެސްއެމްގެ ފްލީޓަށް ބަލާއިރު މިވަގުތު އެކުންފުނީގައި 18 ބާޖު އޮވެއެވެ. ނަމަވެސް މިއީ މިފަދަ ޚިދުމަތެއް ދިނުމަށް މަދު އަދަދެއްކަމުން އެކުންފުނީގެ މެނޭޖްމަންޓުން ދަނީ ބާޖުތައް އިތުރު ކޮށްދިނުމަށް އެދެމުންނެވެ.
2019 ވަނަ އަހަރުން ފެށިގެން އެވާހަކަ ދައްކަމުން، ކޮންޓެކްޓަކާއި ހަމައަށް ގޮސް ބަޔަކާއި ހަވާލު ކުރެވިފައިވަނީ ހަތަރު ބާޖު ގެނައުމުގެ މަސައްކަތް. އެގޮތުން ހުޅުވާލި ޕްރޮޕޯށަލަކުން އެންމެ ރަނގަޅު ކުންފުންޏަކަށް އަޅުގަނޑުމެންނަށް ލިބިފައިވަނީ މިސްރުގެ ކުންފުންޏެއް. އެކުންފުނިން ބާޖުތައް ބަނުމުގެ މަސައްކަތް ކުރިއަށް އެބަދޭ
ގަސަމް
މިބާޖުތައް ރާއްޖެއަށް ޑެލިވަރ ކުރުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުއެވެ. ނަމަވެސް މުޅި ދުނިޔެއަށް ފެތުރުނު ކޮރޯނާ ވައިރަހާއި ގުޅިގެން މިސްރު ބަންދު ކުރުމާއި ގުޅިގެން، އެމަސައްކަތް ކުރަމުން ދިޔަ ކުންފުނިން ވެސް ވަނީ މަސައްކަތް މެދުކަނޑާލާފައެވެ. ނަމަވެސް މިހާރު ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވުމުން މަސައްކަތް އަނެއްކާ ވެސް ކުރިއަށްދާ ކަމަށް ގަސަމް ވަނީ ވިދާޅުވެފައެވެ.
އެކުންފުނިން މިހާރު ބުނެފައިވަނީ 2021 ވަނަ އަހަރުގެ މެއި ގެ ނިޔަލަށް ބާޖުތައް ލިބޭނެ ކަމަށް. އެބާޖުތަކަކީ ގާތްގަނޑަކަށް ދެ ލައްކަ 200،000 ލީޓަރުގެ ޕެޓްރޯލް އުފުލޭވަރުގެ ބާޖުތަކެއް
ގަސަމް
މިފެށުނު އައު އަހަރުގެ މެއި މަހު އެހެންކަމުން އެފްއެސްއެމް އަށް އިތުރު ހަތަރު ބާޖު ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެކުންފުނީގެ އެމްޑީ ގަސަމް ވަނީ ވިދާޅުވެފައެވެ.
މިއަހަރު އެފްއެސްއެމްއަށް އިތުރު ތިން ބައުޒަރު ވެސް ވަނީ ގެނެވިފައެވެ. އޭގެ ތެރެއިން އެއް ބައުޒަރު ވަނީ އައްޑީސިޓީ ގައި ހުންނަ އެފްއެސްއެމް ގެ ސައިޓަށް ގެންގޮސް، އައްޑޫ ގައި ބައުޒަރުގެ ޚިދުމަތް ދޭން ފަށާފައެވެ.
އެފްއެސްއެމް ގެ މުވައްޒަފެއްގެ ފަރާތުން ކުރިމަތިވި ކޮރަޕްޝަން ގެ މައްސަލަ
2020 ވަނަ އަހަރު ފެންމަތިވި އެކިއެކި މައްސަލަތަކުގެ ތެރެއިން ގިނަ ބަޔަކު ސިއްސުވާލި އެންމެ ބޮޑު އެއް މައްސަލައަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަށް މިލިއަން ރުފިޔާގެ ޚިޔާނާތެއް ހިންގި ކަމަށާއި އެމްޕީއެލް އަށް ތެޔޮ ފޯރުކޮށްދިނުމުގައި އެފައިސާގެ ވައްކަމުގައި އެފްއެސްއެމް ގެ މުވައްޒަފަކު ވެސް ބައިވެރިވި ކަމުގެ މައްސަލައެވެ.
މިމައްސަލައިގައި އެމުވައްޒަފާއިމެދު ކުންފުނިން ފިޔަވަޅު އަޅައި، އޭނާ ސަސްޕެންޑު ވެސް ކުރިއެވެ. އަދި މިފަދަ މައްސަލައެއް ދެން އިތުރު މުވައްޒަފެއްގެ ފަރާތުން ވެސް ކުރިމަތި ނުވާނެ ގޮތް ހެދުމަށް ވެސް އެކުންފުނިން ވަނީ ފިޔަވަޅު އަޅާފައެވެ. އަދި މިމައްސަލަ އެފްއެސްއެމް ގެ އިންވެސްޓިގޭޝަނުން ދަނީ އަދިވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި އެމައްސަލައިގައި މިހާރު ކުރިއަށްދަނީ ފައިނަލް ރިޕޯޓު ނެގުމުގެ މަސައްކަތް ކަމަށް އެފްއެސްއެމް އިން މައުލޫމާތު ދީފައިވެއެވެ.
"ނާޖާއިޒް މަންފާ ލިބުމުގެ ކަންތައްތައް ހުއްޓުވުމަށް ކުންފުނިން ކުރަން ޖެހޭ ކަންތައްތައް ކުރަމުން މިދަނީ. އެފްއެސްއެމް ގެ ހިސްޓަރީ އަށް ވެސް ބަލާލީމަ އެކަން ފާހަގަ ވާނެ. ކުންފުންޏަށް ގެއްލުމެއް ވާފަދަ އަމަލެއް ކޮށްފައިހުރި މީހަކަށް ވެއްޖިއްޔާމު އަޅަންޖެހޭ ފިޔަވަޅު އަޅަމުން މިދަނީ. ކުރިއަށް އޮތް ތަނުގައި ވެސް އެފިޔަވަޅުތައް އަޅާނަން." ގަސަމް ވިދާޅުވިއެވެ.
ބަނދަރުގެ ޚިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރާނީ ހުޅުމާލެ ސައިޓުންނާއި ތިލަފުށި ސައިޓުން. މިހާރު އެތަނުގައި ވާނީ ކެމެރާ ވެސް ހަރުކޮށްފައި. އުޅަނދުތައް އޮޕަރޭޓް ކުރާ ގޮތް ދެނެގަތުމަށް އެ ސައިޓުގައި ވެސް މިހާރު ހުންނާނީ ކެމެރާ ހަރުކޮށްފައި
ގަސަމް
މީގެއިތުރުން މިހާރު ބޭނުން ކުރާ މީޓަރު ވެސް، މޮނީޓަރ ކުރެވޭ ކަހަލަ ހަރުދަނާ މީޓަރަކަށް ބަދަލު ކުރުމަށް ރާވާފައިވާ ކަމަށް ވެސް ގަސަމް ވިދާޅުވެފައިވެއެވެ.
އެފްއެސްއެމްގެ ފަރާތުން އެހީތެރިވި ފަރާތް
ކޮންމެހެނަކަސް ނިމިގެން މިދިޔަ 2020 ގެ އަހަރަކީ ވަރަށް ގިނަ ގޮންޖެހުންތަކަކާއި އަދި ދަތިކަމަކާއި އެތައް ބަޔަކަށް ކުރިމަތިވި އަހަރެކެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ މުޅި ދުނިޔެއަށް ވެސް ފެތުރުނު ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ވަބާ ރާއްޖޭގައި ވެސް ފެތުރުމެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ވަރަށް ބޮޑަށް ދަށްވެ، އެތައް ބައެއްގެ އަތްމަތި ދަތިވިއެވެ.
އެހެންކަމުން ރާއްޖޭގެ ބައެއް ކުންފުނިތަކުން ވަނީ އެފަދަ ދަތިކަން ފޯރާފައިވާ ބައެއް ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެފްއެމްއެސް އިން ވެސް ވަނީ އެފަދައިން ބަޔަކަށް އެހީތެރިވެދީފައެވެ.
އެފްއެސްއެމް އިން ނިންމީ އާއްމު ޚިދުމަތްދޭ ކޮންމެވެސް ފަރާތަކަށް އެހީތެރިކަން ދިނުމަށެވެ. އެގޮތުން އެކުންފުނީގެ މެނޭޖްމަންޓުގައި ވާހަކަ ދައްކައިގެން އެކުންފުނިން އެހީތެރިވީ ޖަމީޢަތުލް ތަޢާވުން ކިޔާ އަމިއްލަ ޖަމިއްޔާ އަކަށެވެ.
"ޖަމީޢަތުލް ތަޢާވުން އަކީ މަރުވާ މީހުން ހިނަވާ، ކަށުކަމާކެމީގެ ކަންތައްތައް ހަމަޖައްސާ އަމިއްލަ ޖަމިއްޔާއެއް. އެޖަމިއްޔާއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފަރާތުން ވެސް އަދި އަމިއްލަ މީހުންގެ ފަރާތުން ވެސް މާބޮޑު އެހީތެރިކަމެއް ލިބިފައިވާ ޖަމިއްޔާއެއް ނޫން. އަދި ބޭރުގެ ޖަމިއްޔާތަކުން ވެސް އެހާ ބޮޑަށް އަޅާލާ ޖަމިއްޔާއެއް ނޫން ކަމަށް އަޅުގަނޑުމެންނަށް ފާހަގަވީ. ނަމަވެސް އެޖަމިއްޔާއަކީ ފުދޭވަރަކަށް ދިގު މުއްދަަކަށް ދިވެހި ރައްޔިތުންނަށް ޚިދުމަތް ކޮށްދީފައިވާ ޖަމިއްޔާއެއް. އެހެންކަމުން އަޅުގަނޑުމެން ނިންމީ ޖަމީޢަތުލް ތަޢާވުން އަށް އެފްއެސްއެމްގެ ސީއެސްއާރް ޕްރޮގްރާމް ގެ ދަށުން އެހީތެރިވެދިނުމަށް" ގަސަމް ވިދާޅުވެފައިވެއެވެ.
އެފްއެސްއެމް ގެ އަހަރީ ދުވަހު އެހީތެރިކަމުގެ ގޮތުން ޖަމީޢަތުލް ތަޢާވުން އަށް 50،000 ރުފިޔާ ހަދިޔާ ކޮށްދިނިން
ގަސަމް
ރާއްޖެ މިހާރު މިއޮތް ހާލަތުން އަރައިގެނެވޭނީ..
ކޮރޯނާ ވައިރަހާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކުރައްވަމުން ގެންދަވާ ހަރުދަނާ މަސައްކަތުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ރާއްޖޭގެ ރައްޔިތުންނަށް ފެންނާނެ ކަމަށް އެފްއެސްއެމް އިން ވެސް ޤަބޫލު ކުރެއެވެ.
"ކުރިއާއި އަޅާބަލާއިރު މިހާރު ބަލިފެތުރޭ މިންވަރުވެސް ރަނގަޅުވެ ރާއްޖޭގެ ބޯޑަރުތައް ވެސް ހުޅުވާލާފައި މިވަނީ. ފަތުރުވެރިން ވެސް ރާއްޖެއަށް އިންތިހާއަށް އެބައާދޭ. ކޮރޯނާ ވައިރަހުގެ އިތުރު ރާޅެއް ނައިސް އިތުރު ނުރައްކަލެއް ނައިއްޔާ ރާއްޖޭގެ އިޤްތިޞާދު ދާނީ ކުރިއަރަމުން" ގަސަމް ވިދާޅުވިއެވެ.
ގަސަމް ވިދާޅުވީ ސަރުކާރާއި ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބާ ކަމަށްވާނަމަ، މިހާލަތުން މިހާރަށްވުރެ ވެސް ބޮޑަށް އަރައިގަނެވިދާނެ ކަމަށެވެ.
2021 ވަނަ އަހަރަށް އެފްއެސްއެމް ގެ ޕްލޭންތައް
2020 ވަނަ އަހަރު ނިމިފައިވަނީ އެފްއެސްއެމް އަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކަކާއި އެއްކޮށެވެ. އެފްއެސްއެމް ގެ އަމާޒަކީ، 2021 އަހަރަކީ އެކުންފުންޏަށް ރަނގަަޅު ފައިދާއެއް ލިބިގެންދާނެ އަހަރަކަށްވުމެވެ.
މިއަހަރަށް އެފްއެސްއެމް އިން އަމާޒުކޮށްފައިވާ ލަނުދަނޑިތައް ހާސިލު ކޮށްދިނުމަށް އެކުންފުނީގެ ހުރިހާ މުވައްޒަފުންގެ ކިބައިން ވެސް އެފްއެސްއެމް ގެ މެނޭޖްމަންޓުން ވަނީ އެދިފައެވެ.
އެގޮތުން މާލޭގައި އެފްއެސްއެމް ގެ ފަރާތުން ގާއިމް ކޮށްފައިހުންނަ ޕެޓްރޯލް ޝެޑްތައް ޒަމާނީ ޝެޑްތަކަކަށް ބަދަލު ކުރުމުގެ މަސައްކަތް އެފްއެސްއެމް ގެ ފަރާތުން ކުރުމަށް ވަނީ ނިންމާފައެވެ.
"2021 ވަނަ އަހަރުގެ ކުރީކޮޅު އެމަސައްކަތް ފެށޭނެ. ޤަބޫލު ކުރެވޭ ގޮތުގައި މިއަހަރުގެ މެދެއްހާތަނުގައި އިންޑަސްޓްރިއަލް ޒޯނުގައި ފުދޭވަރެއްގެ ބޮޑު ޝެޑެއް ގާއިމް ކުރެވޭނެ" ގަސަމް ވިދާޅުވިއެވެ.
އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ ޕެޓްރޯލް ޝެޑުން އެއްފަހަރާ 14 ސައިކަލަށް ޚިދުމަތް ދެވޭނެ. އަދި އަށް ކާރަށް އެއްފަހަރާ ޚިދުމަތް ދެވޭނެ
ގަސަމް
ގަސަމް ވިދާޅުވިގޮތުގައި އިންޑަސްޓްރިއަލް ޒޯނުގައި ހަދާ ޕެޓްރޯލް ޝެޑުން، އެއްފަހަރާ 14 ސައިކަލަށާއި އަށް ކާރަށް ޚިދުމަތް ދެވޭނެއެވެ. މިހާރު އާއްމުކޮށް ހުރި ޝެޑުތަކުން ޚިދުމަތް ދެވެނީ އެއްފަހަރާ ހަތަރު ސައިކަލަށް، އަދި އެއް ކާރަށް ނުވަތަ ދެ ކާރަށެވެ. އެހެންކަމުން އޭގެ ބަދަލުގައި އެއްފަހަރާ 14 ސައިކަލަށާއި އަށް ކާރަށް ޚިދުމަތް ދެވުމުން ފުދޭވަރަކަށް ހަލުވިކަމާއެކު ޚިދުމަތްދެވި، ޕެޓްރޯލު އަޅަން ހަދާފައި އޮންނަ ކިޔުވެސް މަދުވެގެން ދާނެ ކަމަށް އެފްއެސްއެމް ގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ގަސަމް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ގަސަމް ވިދާޅުވީ، ސަރުކާރުގެ ވިސްނުން ކުރިއަށް އޮތްތަނުގައި ހުރިގޮތުންނަމަ މާލޭގައި ޕެޓްރޯލް އަޅައިދޭ ދެ ޝެޑު ހުންނައިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް ޕެޓްރޯލް ޝެޑުތަކެއް އެޅުމަށެވެ. އެގޮތުން އެތަނުން ވެސް އެފްއެސްއެމް އަށް ބިމެއް ލިބޭނެ ކަމުގެ އިޝާރާތެއް އެޗްޑީސީން ކޮށްފައިވާ ކަމަށް ގަސަމް ވިދާޅުވެފައިވެއެވެ.
ޕެޓްރޯލު އެޅުމާއި ގުޅޭގޮތުން ވާހަކަ ދައްކާއިރު، މާލޭގައި މިހާރު 24 ގަޑިއިރު ޕެޓްރޯލު އެޅުމުގެ ޚިދުމަތްދޭ ޝެޑެއް ނެތުމުން އެކަމާއި ބައެއް ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެކަމާއި ގުޅޭގޮތުން އެފްއެސްއެމް އިން ބުނީ 2019 ވަނަ އަހަރުގެ ކުރިން ސްޓެލްކޯ ކައިރީގައި އިންނަ ޕެޓްރޯލް ޝެޑުން 24 ގަޑިއިރު ޚިދުމަތްދޭ ގޮތަށް ބަދަލު ކުރި ކަމަށެވެ.
"ކޮރޯނާ ވައިރަހާއި ގުޅިގެން 24 ގަޑިއިރުގެ ޚިދުމަތް ދިނުން ހުއްޓާލިގޮތަށް އަދި ވަނީ ހުއްޓިފައި. މިހާރު މިހާލަތަށް ވެސް ލުޔެއް އައުމާއި ގުޅިގެން (ކާފިއު ގަޑިވެސް އުވާލުމާއި ގުޅިގެން) ސްޓެލްކޯ ކައިރީގައި އިންނަ ޝެޑުން 24 ގަޑިއިރުގެ ޚިދުމަތް ދިނުމާއި ގުޅޭ ގޮތުން ފުލުހުންނާއި ވެސް މަޝްވަރާ ކުރިން. ނަމަވެސް ފުލުހުން ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން އަދި ހުއްދަ ނުދޭ ކަމަށް 24 ގަޑިއިރު ޚިދުމަތް ދޭކަށް އެއްވެއް ތަނަކުން. އެހެންވީމަ އެހުއްދަތައް ލިބެންދެން އަޅުގަނޑުމެން މަޑުކޮށްލަން ނިންމީ. ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް އެހެންވީމަ އަޅުގަނޑުމެން ކަންތައް ކުރަނީ" ގަސަމް ވިދާޅުވިއެވެ.
ގަސަމް ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީން 24 ގަޑިއިރުގެ ޚިދުމަތް ތަންތަނުން ދެވޭނެ ހުއްދަ ދިނުމުން ސްޓެލްކޯ ކައިރީގައި އިންނަ އެފްއެސްއެމް އީޒީފިލް 1 ން 24 ގަޑިއިރު ޕެޓްރޯލް އަޅާދިނުމުގެ ޚިދުމަތް ފަށާނެ ކަމަށެވެ.