1 ޖެނުއަރީ: "ޑިފޯލްޓް" އުފަން ދުވަހުގެ ހެޔޮ އެދުމާ ތަހުނިޔާ
އާ އަހަރު ފެށުމާއެކު މީސް މީޑިއާއިން ދެން އެންމެ ގަދައަށް ފެނިގެން ދާނީ އުފަން ދުވަހުގެ ތަހުނިޔާތަކެވެ. ހާއްސަކޮށް މާމައިންނާއި ކާފައިންގެ އުފަން ދުވަހެވެ. ހުރިހާ މާމައިންނާއި ކާފައިން އުފަންވީ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ތޯ ސުވާލު އުފެދޭ ހާ މި ދުވަހު އުފަން ދުވަސް ފާހަގަކުރާ މީހުން ގިނައެވެ. ހަގީގަތުގައި ވެސް މިއީ ހަމަ މި ހުރިހާ މީހުންގެ އުފަން ދުވަސް ހެއްޔެވެ؟
ހަގީގަތުގައި މިއީ މި ހުރިހާ އެންމެންގެ އުފަން ދުވަހެއް ނޫނެވެ. ނަމަވެސް އައިޑީކާޑުގައި ޖަހާލާ އުފަން ތާރީޚެއް އެކަންޏެވެ.
އިހު ޒަމާނުގައި މީހުން އުފަން ތާރީޚު ކިޔައި އުޅެނީ ހަނދު މަހުންނެވެ. ގިނަ މީހުން މި ފަދަ ތާރީޚުތައް ހަނދާން ބަހައްޓާކަށް ވެސް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ނަމަވެސް ޒަމާން ތަރައްގީވެ، އައިޑީ ކާޑުގައި އުފަން ތާރީޚު ޖަހަން ޖެހިއްޖެއެވެ.
މި ސަބަބަށްޓަކައި އުމުރުން ދުވަސްވީ، އުފަން ދުވަހުގެ ރަސްމީ ރެކޯޑެއް ނެތް މީހުންގެ އުފަން ދުވަހެއްގެ ގޮތުގައި އައިޑީކާޑުގައި ޖަހަނީ ޖެނުއަރީ 1 އެވެ. އުފަންވި އަހަރު ލަފާކޮށް، ޖެނުއަރީ 1 އެވެ. އެހެންވެ ރާއްޖޭގެ ރަސްމީ ރެކޯޑަށް ބަލާއިރު އެންމެ ގިނަ މީހުން އުފަން ދުވަހަކީ ޖެނުއަރީ 1 އެވެ. 2018 ވަނަ އަހަރުގެ ރިޔާސި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ބެލުމުން، ޖެނުއަރީ 1 ގައި އުފަން ދުވަސް ފާހަގަކުރާ 16،850 މީހުން ތިބިއެވެ.
އެހެން ކަމުން މިއަދު "ޑިފޯލްޓް" އުފަން ދުވަސް ފާހަގަކުރަމުން އަންނަ ހުރިހާ ފަރާތްތަކަށް ވެސް އެދެނީ ވަރަށް ބާއްޖަވެރި އުފަން ދުވަހަަކަށް އަދި އައު އަހަރަކަށެވެ.