ޚަބަރު

ކޮވިޑް އޮތަސް އެހެން ބަލިތަކުގެ މީހުންނަށް އިހުމާލު ވެއެކޭ ނުބުނެވޭނެ: މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް ފެތުރެމުން ދިޔަ ނަމަވެސް އެހެން ބަލިތަކުގެ މީހުންނަށް އިހުމާލު ވެއެކޭ ނުބުނެވޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by MWSC

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކަށް ފަރުވާ ދެމުން ގެންދާ ކަމަށާއި އޭގެ ތެރެއިން ފެންމަތިވަނީ ރަނގަޅު ކުރަންޖެހޭ ކަންކަން ހުރި ކޭސްތައް ކަމަށެވެ.

"ރާއްޖޭގައި ސިއްހީ ނިޒާމުގެ 55 ޕަސެންޓު ވަރު ކޮވިޑްއާ ގުޅޭ ކަންކަމަށް ހުސް ކޮށްފައި ވަނީ. ނަމަވެސް އަނެއް 45 ޕަސެންޓް އޮތީ ކުރިން ވެސް އޮތްހެން އެހެން ބަލިތަކަށް. މިފަދަ ބޮޑު ބަލިމަޑުކަމެއް އައިސްގެން އުޅޭއިރު ބައެއް ހިދުމަތްތައް މެދު ކެނޑޭނެ." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ސިއްހީ ހިދުމަތްތެރިން ރެއާ ދުވާލު އެތައް މަސައްކަތެއް ކުރާކަން ހަނދާން ކުރަން ޖެހޭ ކަމަށެވެ. އަދި އެތައް ކަމެއް ރަނގަޅަށް ވާ ކަމަށާއި، ނަމަވެސް ބައެއް ކޭސްތައް އަތުން ދޫވެގެންދާ ކަމަށެވެ. އެހެންކަމުން އެކަން ދޮގު ނުކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ބޮޑު ކަމެއް ދިމާވެއްޖެނަމަ އެކަމާ ބެހޭ ފަރާތްތަކުން މީޑިއާއާ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާ ކަމަށެވެ. އަދި ރަނގަޅު ކުރަންޖެހޭ ކަންކަމުގެ ވާހަކަ ވެސް ދައްކާ ކަމަށް އޭނަ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!