ކޮވިޑް-19: ރާއްޖެއިން މިއަދު 30 މީހުން ފައްސިވީއިރު، އިތުރު 16 މީހުން ބަލިން ފަސޭހަ ވެއްޖެ
ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 30 މީހުން ފައްސިވެ 16 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 17 މީހުންނާއި ހިންގަމުން އަންނަ ރިސޯޓުތަކުން 13 މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 13،834 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 13,166 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 48 އެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 29 މީހުންނެވެ.
ރާއްޖޭގައި ކޮވިޑަށް ފައްސިވަމުން އަންނަ މީހުންގެ އަދަދަށް ބަލާއިރު، އެއަދަދު ވަރަށް ދަށްވުމަށްފަހު، ދާދި ފަހުން ޝީ ބިލްޑިންގ ގައި ބޭއްވި ކައިވެނި ޕާޓީ އަކަށްފަހު އެއަދަދު ވަނީ އިތުރުވާން ފަށާފައެވެ. މިހާރު ކޮވިޑް-19 ގެ އާ ވައްތަރެއް އެހެން ޤައުމުތަކުން ފެންނަމުން ދިޔުމާއި ގުޅިގެން ފަހުން ފައްސިވީ ކްލަސްޓާ އާއި ކޮވިޑްގެ އާ ވޭރިއަންޓާ ގުޅުމެއް ވޭތޯ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދަނީ މަސައްކަތް ކުރަމުންނެވެ.