ތިހާވަރަށް ފަލަ ތިވަނީ، ގެންގުޅޭ ބައިވެރިޔާގެ ސަބަބުން ކަމަށް ވެދާނެ!
މިއީ ހެއްވާ ވާހަކައަކަށް ވެދާނެއެވެ. އާ ދިރާސާއެއްގައި ބުނަނީ ސްޓްރެސް ވެފައި ހުންނަ މީހަކާ ކައިވެނިކޮށްގެން އުޅޭ ނަމަ އުނަގަނޑާ ހިސާބުގައި މަސްޖަހައި ފަލަވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.
"މީހާގެ ބަރުދަން އިތުރުވެގެން ދިއުމަށް ހުރި ސަބަބުތަކަށް ބަލާއިރު ތިމާގެ ސްޓްރެސް ލެވަލްގެ އިތުރުން، ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ މީހާގެ ސްޓްރެސްއަށް ވެސް މި ކަމުގައި ދައުރެއް އަދާކުރާ ކަމަށް ބަލަންޖެހޭ،" ޔުނިވަސިޓީ އޮފް މިޝިގަން އިންސްޓްޓިއުޓް ފޯ ސޯޝަލް ރީސާޗްގެ އެސޯސިއޭޓް ޕްރޮފެސަރު ކީރާ ބާޓީޓް ވިދާޅުވި އެވެ.
ބާޓީޓް އާއި އޭނާގެ ބައިވެރިން ކުރިން ދިރާސާއިން އެނގުނު ގޮތުގައި ކައިވެނީގެ ހަޔާތުގެ އުފާވެރިކަން އޮންނަ މިންވަރު ވެސް، އަނބިމީހާ ނުވަތަ ފިރިމީހާ ހަތަރު އަހަރު ތެރޭ ފަލަވުމަށް އޮންނަ ފުރުސަތާ ގުޅެއެވެ.
ބައިވެރިޔާގެ ސްޓްރެސް އާއި ކައިވެނީގެ ހަޔާތުގެ އުފާވެރިކަމާ ދެމަފިރިންގެ ބަރުދަނަށް ބަދަލު އައުމާ ގުޅުމެއް އެބަހުރިކަން ދިރާސާއިން ދެއްކި ނަމަވެސް މިއީ ކިހިނެއް ދިމާވާ ކަމެއްކަން ދިރާސާއިން ހޯދިފައެއް ނުވެއެވެ. އެކަމަކު ޔޭލް ސްކޫލް ޕަބްލިކް ހެލްތުގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯން މޮނިން ވިދާޅުވި ގޮތުގައި މިއީ ސްޓްރެސް ދަށްކުރުމުން ، މަސައްކަތްކުރާ އިރު ވަކި މީހަކަށް އަމާޒުކޮށްގެން ފަރުވާ ކުރިއަށް ގެންދިއުމުގެ ބަދަލުގައި އެ މީހެއްގެ ބައިވެރިޔާއަށް ވެސް އެކަން އަމާޒުކުރަން ޖެހޭކަން އެނގުނު ދިރާސާއެކެވެ.
މީހާ ފަލަވުމުގައި، އުނަގަނޑުގެ ވަށަމިން މުހިންމު ވަނީ ބަނޑުގައި އިތުރަށް މަސް ޖަހާފައި ހުންނަ ވަރު ދެނެގަތުމަށާއި އެކި ބަލިތަކަށް ހުށަހެޅުމަށް އޮންނަ ނުރައްކަލުގެ މިންވަރު ދެނެގަތުމަށެވެ.
"...އަންހެނެއްގެ އުނަގަނޑު މަތިން 35 އިންޗިއަށް ވުރެ ފަލަ ނަމަ އެއީ ސިއްހީ ގޮތުން ރައްކާތެރި ނޫންކަން އަންގައިދޭ ކަމެއް. ފިރިހެނުން ނަމަ 40 އިންޗި،" ބާޓީޓް ވިދާޅުވެފައިވެއެވެ.
މި ދިރާސާގައި، ކައިވެނި ކޮށްގެން އުޅޭ 2000 އަށް ވުރެ ގިނަ އަންހެނުންނާއި ފިރިހެނުން ބައިވެރިކޮށްފައި ވެއެވެ. ދިރާސާ ފެށި އިރު ކޮންމެ 10 މީހަކުން ހަ މީހަކު (59 ޕަސެންޓް ފިރިން، 64 ޕަސެންޓް އަނބިން) ގެ އުނަގަނޑުގެ ސައިޒު ހުރީ ސިއްހީ ގޮތުން ނުރައްކާ ކަމަށް ބަލާ މިންގަނޑުގައެވެ.
ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން ނުވަ ޕަސެންޓް މީހުންގެ އުނަގަނޑުގެ ސައިޒު ހަތަރު އަހަރު ތެރޭ 10 ޕަސެންޓަށް އިތުރުވިކަން ފާހަގަވިއެވެ. އެ ގޮތުން، ފިރިމީހާ ސްޓްރެސްވެފައި ހުންނަ ނަމަ އަނބިންގެ އުނަގަނޑުގެ ސައިޒު ބޮޑުވުމަށް އޮންނަ ފުރުސަތު، 1.6 ގުނަ އިތުރެވެ. އެކަމަކު އުނަގަނޑުގެ ސައިޒު 10 ޕަސެންޓަށް ވުރެ އިތުރުވުމުގެ ފުރުސަތު، އަނބިންނަށް ވުރެ ފިރިންނަށް ބޮޑުކަން ވަނީ ފާހަގަ ވެފައެވެ.
ކައިވެނީގެ އުފާވެރިކަން ގެއްލޭ ފަދަ ހާލަތްތައް މެދުވެރިވެ ދެ މީހުންގެ ސްޓްރެސް ލެވަލް ވެސް މައްޗަށްދާ ނަމަ ބަރުދަން އިތުރުވެ ސިއްހީ މައްސަލަތަކަށް އޮންނަ ފުރުސަތު ވަކިން ބޮޑުވާކަން ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފައެވެ.