މީހުން ދައްކާ ވާހަކައަކަށް ، ނުރުހުމަކަށް ނުބަލާށެވެ. މުހިންމީ ﷲގެ ރުހުން ލިބުމެވެ.
ދިރިއުޅުމުގައި އެންމެ ހިތްދަތިކަން ލިބޭ އެއް ކަމަކީ ގާތް ތިމާގެ މީހުންނާއި އެކުވެރި،ރަހުމަތްތެރިންގެ ފަރާތުން މަލާމާތާއި ފުރައްސާރަ ލިބުމެވެ. ނެތި މޮށުމާއި ތިމާއާ ގުޅޭ ގޮތުން ދޮގު ވާހަކަ ދެއްކުމެވެ. ނަމަވެސް މިއީ އެތައް ގޮތަކުން ތިމާއަށް ލިބޭ ފަހި ފުރުސަތެކެވެ. ކެތްތެރިވުމާއެކު ﷲ ތަޢާލާގެ ޙަޟްރަތުން މަތިވެރި މަގާމު ލިބެން އޮތް މަގެކެވެ.
މީހުން ކިޔާފާނެ އެއްޗަކަށް ، މީހަކު ދީފާނެ ގެއްލުމަކަށް ވިސްނައިގެން އެކަންކަމުގެ މައްޗަށް ދިރިއުޅުން ބައްޓަން ކުރުމަކީ މޮޔަ ކަމެކެވެ. އެހެނީ އެހެން މީހުންގެ އަނގަ ބަންދު ކުރުމަކީ މިއަދު ނުވާނޭ ކަމެކެވެ. އަމުދުން ކުރިއަރާފައިވާ މި ޒަމާނުގައި މީސްމީޑިއާގައާއި އެހެނިހެން ވަސީލަތްތަކުގައި ފޭކް އެކައުންޓްތައް ހަދައިގެން ދޮގު ވާހަކަތައް ފެތުރުމާއި މަލާމާތާއި ފުރައްސާރަ ކުރުން އާންމުވެފައިވާއިރު އެކަންކަން ހުއްޓުމަކީ މުސްތަހީލް ކަމެކެވެ. އެހެންކަމުން ، ތިމާ ހުރީ ހައްގުގެ މަގުގައި ކަމަށްވާ ނަމަ އަދި ތިމާއާ ބެހޭ ގޮތުން އެ ދައްކާ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ކަމުގައި ނުވާނަމަ ހަމައެކަނި ހިނިތުންވެލުމަކީ އެފަދަ މީހުންނަށް ދެވޭނެ އެންމެ ފުރިހަމަ ޖަވާބެވެ. ހިނިތުންވެ ހުރެ ދިރިއުޅުމައިގެން ކުރިއަށް ދާށެވެ.
ވިސްނަވާށެވެ. މި ދުނިޔޭގައި ފައިންޕުޅު ބީއްސެވި އަދި އެފަދަ މާތް އިންސާނެއް ދެން ދުނިޔެ ނުދެކޭނެ ފަދަ އިންސާނާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މުޚާތަބު ކުރެވުނު ހަޑިހުތުރު ނަންތައް މަދުތޯއެވެ. ނަބީކަމާއި ރަސޫލުކަން ޚަތިމް ކުރެއްވި އެ މާތް އިންސާނާއާ ބެހޭ ގޮތުން ދެއްކި އަދި މިހާރު ވެސް ދައްކަމުންދާ ދޮގު ވާހަކަތައް މަދުތޯއެވެ. އެހެންކަމުން އަހަރެމެން ފަދަ އާދައިގެ އަދި ފާފަތަކުން ފޯވެފައި ތިބޭ މީހުންނާމެދު ދައްކާނެ ކިތަންމެ ވާހަކައެއް އޮންނާނެ ނޫންތޯއެވެ.
ވާހަކައަކީ ހުސްނުވާނެ އެއްޗެކެވެ. އެއީ ދޮގު ވިޔަސް ތެދު ވިޔަސް މެއެވެ. އެހެންކަމުން ތިމާއާ ބެހޭ ގޮތުން ދައްކާ ، ނޫނީ ދައްކައިފާނެ ވާހަކައަކަށް ވިސްނާ އެކަމަށް ވަގުތު ހުސްކުރުމަކީ މުހިންމު ކަމެއް ނޫނެވެ. މުހިންމީ ޢާލަމްތަކުގެ ވެރި އިލާހުގެ ރުހުމާއި ލޯބި ހޯދުމެވެ. އެހެން މީހުން ނުރުހޭ މަގުގައި ނަމަވެސް ﷲގެ ރުހުން ހޯދިއްޖެ ނަމަ އެމީހަކަށް ވުރެ ބޮޑު ނަސީބުވެރިއަކީ ކޮބައިތޯއެވެ.