އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުން ރާއްޖެއިން ބޭރަށް ފޮނުވަން މަސައްކަތް ކުރަނީ
އައްޑޫ ސިޓީގައި ހިންގަމުންދާ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ރާއްޖޭ ބޭރުގައި ފުރިހަމަކުރެވޭނެ ގޮތެއް އޮތްތޯ ބެލުމުގެ މަސައްކަތް ފަށާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ހަސަން ވިދާޅުވެއްޖެއެވެ.
ޑރ.އިބްރާހިމް ހަސަން މިހެން ވިދާޅުވެފައި މިވަނީ، އައްޑޫ ފްލައިން ސްކޫލްގައި ބޭނުންވާ މިންވަރަށް ވަސީލަތްތައް ނެތުމުގެ ސަބަބުން އެތައް ދަރިވަރުންތަކެއްގެ ކިޔެވުން ހުއްޓި، އެކަމާ ގުޅިގެން ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އައްޑު ފްލައިން ސްކޫލާ ގުޅޭގޮތުން ފެންމަތިވެފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުން މަސައްކަތް ކުރަމުންދާއިރު، ރައްޔިތުންގެ މަޖިލީހުންވެސް ވަނީ މިމައްސަލަ ދިރާސާކުރުމުގެ މަސައްކަތް ފަށާފައެވެ.
އެގޮތުން މިމައްސަލަ ދިރާސާކުރާ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް މިއަދު ވަނީ ފްލައިންގ ސްކޫލްގެ މައްސަލައިގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ އިސްވެރިންގެ ތެރެއިން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއާއި، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ހަސަން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
އެކޮމިޓީގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް މާބޮޑު ޒިންމާއެއް ނޯންނާތީ، އެމިނިސްޓްރީއަށް ފްލައިން ސްކޫލާމެދު ފިޔަވަޅުއެޅެން ނޯންނަ ކަމަށެވެ. ނަމަވެސް ތަޢުލީމީ ގޮތުން ދޭންޖެހޭ ލުއިތައް ދިނުމާއި، އަދި ކުދިންނަށް އިތުރު ގޮތްތައް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ފްލައިންގ ސްކޫލްގެ ދަރިވަރުން ކިޔެވުމަށް ނަގާފައިވާ ލޯނު އަނބުރާ ދެއްކުން ފަސްކޮށްދީފައިވާކަމަށް ވެސް މިނިސްޓަރ އިބްރާހިމް ހަސަން ވިދާޅުވެފައިވެއެވެ.
ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، މިބަދަލާއެކު ދަރިވަރުންނަށް ލޯނު އަދާކުރަން ޖެހޭނީ، ކިޔެވުން ފުރިހަމަ ކުރުމަށްފަހު އޭގެ ހަ މަސް ފަހުން ކަމަށެވެ. އަދި ދަރިވަރުންނަށް ރާއްޖެއިން ބޭރުން ކިޔެވޭނެ ގޮތްތަކެއް އޮތްތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އޯޕަން ޗެކެއް ދެވޭކަށް ނެތް. އިތުރު ފަންޑިންގއެއް ދެންޏާ ދާނެ ވަރެއް ނޭނގެ. މިހާރު ބަލަމުން މިދަނީ ރާއްޖޭއިން ބޭރުގައި މިކުދިންނަށް ކިޔެވުން ފުރިހަމަކުރެވޭނެ ގޮތެއް އޮތްތޯ." ޑރ، އިބްރާހިމް ހަސަން ވިދާޅުވިއެވެ.