ފައިޒާ ވެކްސިން ޖެހި ނަރުހެއް ދެދުވަސް ފަހުން މަރުވެއްޖެ

މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރިފައިވާ ނުރައްކާތެރި ކޮވިޑު-19 އަށް ފަރުވާއެއް ހޯދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތަފާތު އެކި ވެކްސިންތައް ތައްޔާރުކުރެވި ބައެއް ވެކްސިން މިހާރު އާންމުންނަށް ފޯރުކޮށްދެމުން ވެސް އެބަ ގެންދެއެވެ.
އެގޮތުން ތައްޔާރު ކުރެވުނު އެއް ވެކްސިނަކީ ފައިޒާ ވެކްސިނެވެ. ޕޯޗުގަލްގެ އަންހެން ނަރުހެއް ވަނީ މި ވެކްސިން ޖެހިތާ 2 ދުވަސް ފަހުން މަރުވެފައެވެ. އެކަމާ ގުޅިގެން ފައިޒާ ވެކްސިން އާ ދޭތެރޭ އާންމުންގެ އެތައް ބައެއްގެ ހިތުގައި މިއަދު ވަނީ ބިރުވެރިކަން އުފެދިގެން ގޮސްފައެވެ.
ބޭރުގެ ނޫހެއް ކަމަށްވާ “ޒީނިއުސް އިންޑިއާ” އިން މައުލޫމާތު ލިބޭ ގޮތުގައި 41 އަހަރުގެ މި އަންހެން މީހާއަކީ ސިއްހީ ގޮތުން އެއްވެސް މައްސަލައެއް ނެތް އަދި ދާއިމަށް އެއްވެސް ބޭހެއް ވެސް ކަމުން އައި އަންހެނެއް ނޫން ކަމަށެވެ. މީގެ އިތުރުން ވެކްސިން ޖެހުމަށް ފަހު އޭގެ އެއްވެސް ނޭދެވޭ އަސަރެއް އޭނާގެ ކިބައިން ފެނިފައިނުވާ ކަމަށް ޚަބަރުތަކުން މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން މަރުވެފައިވާ އަންހެން މީހާގެ މަންމަ ވަނީ ޕޯޗުގަލް ކަމާ ބެހޭ އިދާރާތަކަށް ސުވާލު ކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ވެކްސިން ޖެހި ފަހުން ވެސް އެއްވެސް ސައިޑް އިފެކްޓެއް ފެނިފައިނުވާއިރު، ދަރިފުޅުގެ ކުއްލި މަރުގެ ހަގީގީ ސަބަބު އޭނާ ބަލަން ބޭނުން ކަމަށެވެ. އަދި މިކަން އިތުރަށް ބެލުމަށް ވެސް އޭނާ ވަނީ އެދިފައެވެ.
މިކަމާ ގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލަމުން އަންނަ ކަމަށް ޕޯޗުގަލްގެ ހެލްތު އިންސްޓިޓިއުޓް އިން ވަނީ ހާމަ ކޮށްފައެވެ.