ކޮވިޑާއެކު "މީރާ"އަށްވެސް އުދަނގޫ އަހަރެއް، ވިހި އެކާވީހުގައި ރައްޔިތުންނަށް ލުއި ފަސޭހަވާނެ ޚިދުމަތްތަކެއް!
- 2020 ވަނަ އަހަރު މީރާއިން ދެވުނު ހިދުމަތްތައް
- ކޮވިޑް-19 އާއި ގުޅިގެން ދެވުނު ލުއިތައް
- އޮންލައިންކޮށް ހިދުމަތް ފޯރުކޮށްދިނުން
- ވިހި އެކާވީހުގައި މީރާގެ އަމާޒު
ދިވެހިރާއްޖޭގެ ޓެކްސް ނެގުމުގެ އިދާރީ އޮނިގަނޑު އެކުލަވާލައި، އެކަމަށް ޢަމަލުކުރަންޖެހޭ އެޞޫލުތައް ކަނޑައަޅާ އިދާރީ ޤާނޫނު ތަޞްދީޤު ކުރެއްވުމާއި ގުޅިގެން "މޯލްޑިވެސް އިންލަންޑް ރެވެނިއު އޮތޯރިޓީ" (މީރާ) ގެ ނަމުގައި ނަންދެވިފައިވާ މިނިވަން މުސްތަޤިއްލު، ވަކި ޤާނޫނީ ޝަޙްސެއް އުފެދުނެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އުފެދުނީ 18 މާޗް 2010 ގައެވެ.
އެއާއިއެކު މީރާއިން ދަނީ ދައުލަތަށް ނަގާ އާމްދަނީ ވީހާވެސް ފުރިހަމަގޮތެއްގައި، ޚަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ބަލައިގަތުމުގައި ޙަރަކާތްތެރިވަމުންނެވެ. މެދުކެނޑުމެއްނެތި ހިނގަމުންދާނެ ގޮތެއްގައި އުފައްދާފައިވާ މީރާ އަކީ ޓެކްސް ދައްކާ ފަރާތްތަކަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުވައިދޭ މުއައްސަސާއެކެވެ. ޓެކްސްއާއިބެހޭ ޤާނޫނުތައް ތަންފީޒުކުރުމާއި، ޓެކްސްއާއިބެހޭ ސިޔާސަތުތައް ހިންގުމާއި، ޤާނޫނީ ގޮތުން ދައުލަތަށް ނަގާ ޓެކްސް ނެގުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުމަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ މައިގަނޑު މަޤްޞަދުތަކެވެ.
މެދުކެނޑުމެއް ނެތި މީރާގެ ހިދުމަތްތައް ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދިނުމުގައި މީރާއިން ކުރާ މަސައްކަތް އެންމެ ބޮޑަށް ފެނިގެންދިޔައީ ދުނިޔެ ކުރިމަތިލާންޖެހުނު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ދެވުނު ހިދުމަތްތަކުންނެވެ. ފާއިތުވެދިޔަ އަހަރަކީ ހުރިހާގޮތަކުންވެސް ދަތިތަކާއި ކުރިމަތިލާންޖެހުނު، އިގްތިޞާދަށް ބޮޑު ހީނަރުކަމެއް ގެނުވި އަހަރެއް ކަމުން މީރާއަށް ވެސް ފާއިތުވެދިޔަ އަހަރު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނެވެ. އެހެންނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ހިދުމަތެއް މެދުކެނޑުމެއްނެތި މީރާގެ މުވައްޒަފުން ދިޔައީ ކުރައްވަމުންނެވެ.
އެގޮތުން ފާއިތުވެދިޔަ އަހަރު މީރާއިން ކުރިޔަށްގެންދިޔަ ހަރަކާތްތަކާއި އަދި 2021 ވަނަ އަހަރު ކުރުމަށް ރާވާފައިވާ ކަންތައްތަކާއި ބެހޭ ގޮތުން މީރާގެ އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް، ރެވެނިއު ސަރވިސް، އަޙްމަދު ޝަރީފް ވަނީ "ދެން" އަށް ހާއްސަ އިންޓަރވިއު އެއް ދީފައެވެ.
2020 ވަނަ އަހަރު މީރާއިން ދެވުނު ހިދުމަތްތައް
2020ވަނަ އަހަރު މައިގަނޑު ގޮތެއްގައި މީރާއިން ދެވުނު ހިދުމަތްތަކުގެ ތެރޭގައި އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ކުރެވިގެން ދިޔައީ ޑިސެމްބަރު 2019 ގެ ތެރޭގައި ތަސްދީގު ކުރެވުނު އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު ތަސްދީގު ވެގެންދިޔުމާއިއެކު އެ ޤާނޫނު ތަންފީޒު ކުރުމުގެ ގޮތުން ކުރަންޖެހުނު މަސައްކަތްތަކެވެ. ވަކިން ޚާއްސަކޮށް، އެ ޤާނޫނާއެކު ތައާރަފު ވެގެންދިޔަ ފަރުދުންގެ އާމްދަނީން ނެގޭ ޓެކްސްއާއި ވުމައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ނެގުމުގެ ނިޒާމު ގާއިމު ކުރުމެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާފައިވަނީ 1 ޖެނުއަރީ 2020އިން ފެށިގެންނެވެ. އެހެން ނަމަވެސް މުވައްޒަފުންގެ އުޖޫރައިންޓެކްސް ނަގަން ފަށާފައިވަނީ 1 އެޕްރީލް 2020 އިން ފެށިގެންނެވެ. އުޖޫރައިން ޓެކްސް ނެގުމަކީ، ވަކިން ޚާއްސަކޮށް މުވައްޒަފުންނަށް ދޭ އުޖޫރައިން ވަޒީފާ ދޭ ފަރާތުން ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި އުނިކޮށް، އެ ފައިސާ މީރާ އަށް ދެއްކުމުގެ ނިޒާމެވެ. މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސްގެ ނިޒާމަކީ މުޅިން އަލަށް ތައާރަފު ކުރެވުނު ކަމަކަށްވުމާއެކު އެކަމާ ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް މީރާއިން ވަނީ ކޮށްފައެވެ. މީގެ ތެރޭގައި ބޭރުގެ ތަޖުރިބާކާރުންނާއި ރާއްޖޭގެ ސްޓޭކް ހޯލްޑަރުންނާ ބައްދަލުކޮށް ޓެކްސް ދައްކާ ފަރާތްތަކަށް ލުއިވާނެ ގޮތަކަށް ނިޒާމު ބައްޓަންކުރެއްވުމަށް މީރާއިން ވަނީ މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަށް ހެދުމުގެ މަސައްކަތް ވެސް ކުރެވިގެންދިޔައެވެ.
2020ވަނަ އަހަރު މައިގަނޑު ގޮތެއްގައި މީރާއިން ދެވުނު ހިދުމަތްތަކުގެ ތެރެއިން އެންމެ ހާއްސަ ކަމެއްގެ ގަތުގައި ފާހަގަ ވެގެންދިޔައީ، އެނގިވަޑައިގަންނަވާނެ ، 2019 ވަނަ އަހަރުގެޑިސެމްބަރު މަހުގެ ތެރޭގައި އާމްދަނީ އިން ޓެކްސް ނެގުމުގެ ޤާނޫނުތަސްދީގުވެގެންދިޔައީ. އެއާއިއެކު ރާއްޖޭގެ ޓެކްސް ނިޒާމަށް ވަރަށް ބޮޑު ބަދަލެއް އައިސްގެން މިދިޔައީ. އާމްދަނީއިން ޓެކްސް ނެގުމުގެ ގާނޫނު އައުމުގެ ކުރީގައި މި އޮންނަނީ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ނެގުމުގެ ގާނޫނު. އެ ގާނޫނުގެ ދަށުން ޓެކްސް ނަގަމުންދިޔައީ ހަމައެކަނި ވިޔަފާރީގެ ފައިދާއިން. އަދި އާންމު ފަރުދުންނަށް މިލިބޭ އުޖޫރަ އިން ޓެކްސް ނަގާ ގޮތަކަށް ނޫން އޭރު އޮތީކީ. އެހެންނަމަވެސް އިންކަމް ޓެކްސް ގާނޫނު އައުމާއިއެކު ޓެކްސް ނެގޭ ދާއިރާ ފުޅާވެގެން މިދިޔައީ. ވިޔަފާރީގެ އާމްދަނީގެ އިތުރުން އުޖޫރައިގެ ގޮތުގަ ލިބޭ އާމްދަނީ އަކީވެސް ޓެކްސް ނެގޭ އާމްދަނީ އަކަށް ވެގެން މި ދިޔައީ. އެހެންވީމަ އެއީ ވަރަށް ބޮޑު ބަދަލެއް. ދެން 1 ޖެނުއަރީ 2020 ފެށިގެން އަމަލު ކުރަމުން މިދަނީ އާމްދަނީއިން ޓެކްސް ނެގުމުގެ ގާނޫނަށް. ހަމަ އެއާއިއެކު 1 އޭޕްރީލް 2020 ފެށިގެން އުޖޫރައިން ޓެކްސް ނެގުން ފެށިގެން މި ދިޔައީ. އެހެންވީމަ މީ ރާއްޖޭގެ ޓެކްސް މިޒާމަށް އައި ވަރަށް ބޮޑު ބަދަލެއް
ޝަރީފް
ޓެކްސް ދައްކާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް ޓެކުހަށް އަހުލުވެރި ކުރުވުމުގެގޮތުން ތަފާތު ޕޮރޮގްރާމްތަށް ހިންގުމުގެ އިތުރުން ރަޖިސްޓްރީ ކުރަން ޖެހޭ ފަރާތްތައް ރަޖިސްޓަރީ ކުރުމާއި، މުވައްޒަފުންގެ ގޮތުގަ މީރާގައި ރެޖިސްޓްރީ ވާން ޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ވެސް 2020 ވަނަ އަހަރު މީރާއިން ވަނީ ކުރިޔަށް ގެންގޮސްފައެވެ. އޭގެ އިތުރުން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ތައާރަފް ކުރުމާ ގުޅޭގޮތުން މީރާގެ ސިސްޓަމްތަށް ތައްޔާރުކުރުމަށް ބޮޑެތި މަސައްކަތްތަށް ކުރެވިގެން ދިޔައެވެ.
"ހާއްސަކޮށް މި މަސައްކަތްތަށް ކުރަން ދިމާވި ދަނޑިވަޅު ވެގެން މިދިޔައީ ލޮކްޑައުންއާވެސް ދިމާވެގެން . 1 އޭޕްރީލް 2020 ފެށިގެން އުޖޫރައިން ޓެކްސް ނަގަން ހަމަޖެހިގެން ދިޔައިރު، އެ މުއްދަތުގެ ތެރޭގައި ގިނަ އޮފީސްތަށްވެސް ހުޅުވައިގެން މަސައްކަތެއް ނުކުރޭ. އަދި އާންމު ގިނަ ވިޔަފާރިތަކުގެ ވެސް އޮފީސްތައް ބަންދު.އަޅުގަނޑުމެންނަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކޮށްގެން. އެހެން ނަމަވެސް ގާނޫނުގަ ނިންމަން ކަނޑައެޅިފަހުރި ހުރިހާ ކަންތައްތަކެއްވެސް ސުންގަޑިއަށް ވާނީ ނިންމާފަ. އެއީ ގަވާއިދު ހެދުން ކަމުގަ ވިޔަސް،ރަޖިސްޓަރީ ކުރުމުގެ އިންތިޒާމު ހަމަޖެއްސުން ކަމުގައި ވިޔަސް،ބަޔާން ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސުން ކަމުގައި ވިޔަސް ކަނޑައެޅިފަވާ ސުން ގަޑިއަށް ވަނީ އެކަންކަން ނިންމިފަ. އަޅުގަނޑު ދެކެނީ އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް. "
ޝަރީފް
އަތޮޅުތެރޭގައި މީރާގެ އޮފީސްތައް ހުޅުވުން
މީރާއިން ވަނީ ފާއިތުވެދިޔަ އަހަރު 3 އޮފީހެއް ރާއްޖޭގެ އަތޮޅުތެރޭގެ ރަށްތަކުގައި ގާއިމްކޮށްފައެވެ. ވިލިނގިލި، މުލި އަދި މަނަދޫގައި މީރާގެ އޮފީސްތައް ހުޅުވިގެން ދިޔައިރު ޖުމްލަ 17 އަތޮޅެއްގައި މީރާގެ އޮފީސްތަށް ވަނީ ހުޅުވާފައެވެ. މި އޮފީސްތައް ގާއިމްކުރުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ނުވަތަ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
"އަޅުގަނޑުމެންގެ މިހާރުގެ ސިސްޓަމް ތަރައްގީ ކުރެވިފަ ހުރި ގޮތުން ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް އަދާކުރަންޖެހޭ ހުރިހާ އިލްތިޒާމެއްވެސް އޮންލައިންކޮށް އަދާކުރެވޭނެ. އެހެން ނަމަވެސް އަތޮޅުތެރޭގައި އޮފީސް ހުޅުވުމުގެ އެންމެ މުހިއްމު އެއް ބޭނުކަމީ އެ އަތޮޅެއްގައާއި އެ ރަށެއްގަ ދިރިއުޅޭ ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށްޓަކައި، ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް އަޅުގަނޑުމެންގެ އޮފީސްތައް ގާއިމްކުރުން
ޝަރީފް
ކޮވިޑް-19 އާއި ގުޅިގެން ދެވުނު ލުއިތައް
މީރާއި ކޮވިޑް-19 އާއި ގުޅިގެން ދެވުނު ލުއި ތަކަށް ބަލާއިރު ލޮކްޑައުންއާއި ގުޅިގެން އޮފީސްތައް ބަނދު ކުރެވިގެން ދިޔަ މުއްދަތުގެ ތެރޭގައި އޮންލައިން ޚިދުމަތް މެދުނުކެނޑި ލިބުނު ކަމުގައިވިޔަސް، މީރާއިން ވަނީ އޮފީސްތައް ހުޅުވައިގެން ހިދުމަތް ފޯރުކޮށްދެވޭންދެން އެ މުއްދަތުގައި އައި ހުރިހާ ޓެކުހުގެ ސުންގަޑިތައް ފަސްކޮށްދީފައެވެ. މީގެ އިތުރުން ޓެކްސް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ލުއި ގޮތެއްގައި ބަހާލައިގެން ޓެކްސް ދެއްކޭނެ ނިޒާމެއް މީރާއިން ވަނީ ގާއިމްކޮށްދީފައެވެ. އަދި ކޮވިޑާއި ގުޅިގެން އަސަރު ކުރި ވިޔަފާރިތަކަށް އެ ފަރާތެއްގެ ވިޔަފާރިއަށް ކުރީ ކިހާވަރެއްގެ އަސަރެއްތޯ ބެލުމަށްފަހު އެފަރާތްތަކަށް ބަހާލައިގެން ފައިސާ ދެއްކުމުގައި ހާއްސަ ލުއި ތަކެއް ވަނީ ތައާރަފު ކޮށްފައެވެ.
"މިއީ އަޅުގަނޑު ދެކޭ ގޮތުގަ ވިޔަފާރިތަކަށް މި ދަތި ހާލަތުން އަރައިގަތުމުގަ ލިބުނު ވަރަށްބޮޑު ލުއި އަކަށް ވެގެންދާނެ ކަމެއް. އަދި އަޅުގަނޑުމެން ވާނީ ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހާ ގުޅޭ އިލްތިޒާމުތައް އަދާކުރުމުގަ ޖޫރިމަނާވެފަ ވާ ހާލަތްތަކުގަ އެކަމަށް އެދި ހުށަހެޅުމުން އެ ޖޫރިމަނާއެއް މާފުކުރުމުގެ ކަންތައްވެސް ލުއި ގޮތަކަށް ހަމަޖައްސައިދީފަ"
ޝަރީފް
އޮންލައިންކޮށް ހިދުމަތް ފޯރުކޮށްދިނުން
މީރާގެ ޚިދުމަތްތައް ކޮވިޑް-19 އާއި ގުޅިގެން އޮފީސް ބަންދު ކުރަން ޖެހުމާ ގުޅިގެން އޮފީހުން ޚިދުމަތް ދިނުން ހުއްޓާލުމަށްފަހު ދެމުން އައީ އޮންލައިންކޮށެވެ. މީރާއަކީ ފައިސާގެ ގިނަ މުއާމަލާތުތައް ހިނގާ ތަނަކަށް ވުމުން ސާރވިސް ސެންޓަރުތަކުން ހިދުމަތް ދިނުން ހުއްޓާލުމަށްފަހު އެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ދޭން ފެށުން ވެގެންދިޔައީ މީރާއަށް ކުރިމަތިވި ގޮންޖެހުމަކަށެވެ. އެހެންނަމަވެސް މީރާއިން ދިޔައީ ކޮވިޑާއި ގުޅިގެން އޮފީސް ބަނދުކުރުމާއި ގުޅިގެން އެ ހިދުމަތް ތައް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރަމުންނެވެ. ކޮވިޑާއި ގުޅިގެން މިދިމާވި ކަންތައްތަކާއި އެކުގައިވެސް ގެނެވުނު ބަދަލުގެ ތެރޭގައި މީރާއަށް ދައްކަންޖެހޭ ހުރިހާ ފައިސާވެސް އޮންލައިކޮށް ދެއްކުމުގެ ނިޒާމް ހަމަޖައްސައިދީފައިވެއެވެ. މީގެ އިތުރުން ޓެކްސްއާއި އެހެނިހެން ފައިސާ ދައްކާ ފަރާތްކަށް އޮންލައިންކޮށް ހިދުމަތް ބޭނުންކުރުމުގަ ދަތިތަކެއް ވާނަމަ އެކަމަކަށް އެހީތެރިވުމުގެ ގޮތުން މީރާގެ 1415 ހޮޓްލައިންގެ އިތުރުން ހާއްސަ ވައިބަރ ނަންބަރެއް ތައާރަފްކުރެވިގެންދިޔައެވެ.
" މީރާގެ މުވައްޒަފުން ދިޔައީ ހިދުމަތް ރައްޔިތުންނާ ހަމަޔަށް ފޯރު ކޮށްދިނުމުގަ ގޭގަ ތިބެގެންވެސް މަސައްކަތް ކުރަމުން. އަޅުގަނޑުމެންގެ ސިސްޓަމްތައްވެސް ރަނގަޅު ފެންވަރެއްގައި ޑިވެލޮޕްވެފަ ހުރުމާއިއެކު ކޮވިޑާއި ގުޅިގެން ވެސް އޮފީސް ބަނދުކުރަން ޖެހުނު ހާލަތުގަ މީރާގެ މައިގަނޑު އެއްވެސް މަސައްކަތަކަށް ހުއްޓުމެއް ނާންނާނެ ގޮތައް މުވައްޒަފުން ގޭގަ ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް ކަންތައްތައް ރާވާފަ ހުންނާނީ"
ޝަރީފް
މުސާރައިން އެއްވެސް ބައެއް އުނި ކޮށްފައެއް ނުވޭ
ކޮވިޑް-19 އާއި ގުޅިގެން ދަތިތައް ދިމާވި ނަމަވެސް މީރާއަކީ ދައުލަތުގެއިދާރާއެއްކަމުން އާއްމުގޮތެއްގައި މުވައްޒަފުންގެ މުސާރައިން އުނިކުރަން ޖެހިފައި ނުވާކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުގެ ވަކި ކެޓަގަރީ ތަކެއްގެ މުވައްޒަފުންނާ ވަކި ވަރަކަށް މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިން ސަރުކާރުން ކަނޑައެޅުއްވި މުއްދަތުގައިކޮންމެވެސް ވަރެއްގެ އުނިކަމެއް ގެނެވިފައި ވެއެވެ. މި ފަރާތްތަކުން ފިޔަވާ އިތުރު މުވައްޒަފެއްގެ މުސާރައަކަށް ބަދަލެއް އައިސްފައި ނުވެއެވެ. އޮފީހަށް ނުނިކުތް ނަމަވެސް މީރާގެ މުވައްޒަފުން ދިޔައީ ގޭގައި ތިބެގެން ހުރިހާ މަސައްކަތެއް ކުރަމުންނެވެ. އެންމެ ފުރަތަމަ އޮފީސްތައް ހުޅުވަން އެޗްޕީއޭއިން ހުއްދަ ނުދެއްވާއިރު ގޭގައި މަސައްކަތް ކުރި ނަމަވެސް އޮފީސްތައް ހުޅުވަން ފެށުމާއިއެކު މީރާގެ ބައެއް މުވައްޒަފުން ވަނީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އޮފީހައް ހާޒިރުވެ މަސައްކަތް ކޮށްފައެވެ.
"އެންމެ ފުރަތަމަ އޮފީސްތައް ހުޅުވަން އެޗްޕީއޭއިން ހުއްދަ ނުދެއްވާއިރު ވޯކް ފްރޮމް ހޯމް ހަދަމުން ދިޔައީ. ނަމަވެސް އޮފީސްތައް ހުޅުވަން ފެށުވާއިއެކު މީރާގެ ބައެއް މުވައްޒަފުން ވަނީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އޮފީހަށް ހާޒިރުވެ މަސައްކަތް ކޮށްފަ. މަޑުމަޑުން މުވައްޒަފުން އޮފީހަށް ހާޒިރުވެ މަސައްކަތް ކުރަން ފަށާ އެ އަދަދު މަޑު މަޑުން އިތުރު ކުރަމުން ގޮސް މިހާރު އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުންވެސް އޮފީހަށް ހާޒރުވެގެން މަސައްކަތް ކުރަނީ"
ޝަރީފް
ގޮންޖެހުންތައް
2020 ވަނަ އަހަރު މީރާއަށް ދިމާވެގެންދިޔަ އެންމެ ބޮޑު ގޮންޖެހުމަކީ އިންކަމް ޓެކްސް ގާނޫން ތަންފީޒުކުރަން ޖެހުނު އަހަރު ފަށުނުތަނާ ކޮވިޑް-19އާއި ކުރިމަތިލާން ޖެހުމެވެ. ގިނަ ކަންތައްތަކެއް ޕްލޭން ކުރި ނަމަވެސް ޕްލޭން ކުރި ގޮތައް ކަންތައަތައް ކުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއި ދިމާވެގެންދިޔައެވެ. މީގެ އިތުރުން ސިސްޓަމްތައް ތައްޔާރުކުރުމުގައި އެންމެ މުހިންމު ދުވަސްތަކުގައި އޮފީސް ބަނދުކުރަން ޖެހުންވެސް ވެގެންދިޔައީ މީރާއަށް ދަތިތަކާއި ކުރިމަތިލާންޖެހުނު ކަމަކަށެވެ. އެހެންނަމަވެސް ދިމާވި ގޮންޖެހުންތަކާއި އެކުވެސް ކާމިޔާބު ކަމާއި އެކު ހުރިހާ ކަމެއް ވެސް ކުރެވިފަ ވާކަން ޝަރީފް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން އުންމީދު ކުރިން އެވެއަރނެސް ޕްރޮގްރާމްތައްވެސް އަތޮޅުތެރެއަށް ގޮސް ހިންގަން. އެހެންނަމަވެސް ކޮވިޑާ ގުޅިގެން ފަހުން ބޮޑަށް މާސް މީޑިއާ އާއި އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ބޮޑަށް ހޭލުންތެރިކުރުމުގެ ކަންތައްތައްވެސް ކުރަން ޖެހުނީ. ކުރިން އަޅުގަނޑުމެން ރޭވިން އިތުރު ރަށްތަކަކަށްވެސް ގޮސްގެން މަސައްކަތްތަކެއް ކުރަން. ކޮވިޑާއި ގުޅިގެން މި ދެންނެވި ބައެއް ކަންތައްތައް ބަދަލުކޮށްލަން ޖެހުނު
ޝަރީފް
ވިހި އެކާވީހުގައި މީރާގެ އަމާޒު
2021 ވަނަ އަހަރު މީރާއިން ކުރަން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި އެންމެ އިސްކަމެއް ދީގެން ކުރަން ހަމަޖެހިފައިވާ އެއްކަމަކީ އިންކަމް ޓެކްސް ބަޔާންނާ ގުޅޭ ކަންކަމެވެ. މީގެ އިތުރުން އިކަމް ޓެކްސް ބަޔާން ތައްޔާރުކުރުމުގައި ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ތަފާތު ހަރަކާތްތައް ހިންގުމަށް ވަނީ ރާވާފައެވެ. މީގެ އިތުރުން ޓެކްސްދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޓެކްސް ދައްކާ ފަރާތްތަކުގެ ރިސްކަށް ބެލުމަށްފަހު، ކޮމްޕްލަޔަންސް ރިސްކް މެނެޖްމަންޓް ފްރޭމްވާރކެއްގެ ތެރެއިން ޓެކްސް ދައްކާ ފަރާތްތަކާމެދު ފިޔަވަޅުތައް އަޅަން ވަނީ ނިންމާފައެވެ. އަދި މީރާގެ ކޮމްޕްލަޔަނަސް ރިސްކް މެނޭޖްމެންޓް ޕޮލިސީގެ ކައިރި މުސްތަގުބަލެއްގައި އާއްމުކުރުމަށް ވަނީ ނިންމާފައެވެ. އަދި މީރާގެ "ޓެކްސް ޕެޔަރސް ޗާޓަރ" ވެސް ރިވައިޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
"އަޅުގަނޑުމެންގެ އޮންލައިން ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިޔަށް ދާނެ. މިހާރުވެސް އޮންލައިންކޮށް ހުރިހާ ކަމެއްވެސް ވާނެ. އެހެންނަމަވެސް މިހާރަށްވުރެވެސް އިތުރަށް ފަސޭހަ ގޮތްތައް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުން ދާނެ. މިއަހަރު ތެރޭގަ އަޅުގަނޑުމެން މިވަނީ ކުރިން ވެހިކަލް ފީ ދެއްކުމަށްފަހު ދޫކުރާ ސްޓިކާވެސް ޑިޖިޓަލް ސްޓިކާއަކަށް 1 ޖެނުއަރީ އިން ފެށިގެން ވާނީ ބަދަލުކޮށްފައި"
ޝަރީފް
މީރާއަކީ ޓެކުހުގެ ޤާނޫނުތައް ފުރިހަމައަށް ތަންފީޒުކުރާ، ޓެކުހުގެ ޤާނޫނުތަކަށް ތަބާވުމަށް ހިތްވަރުދޭ މުއައްސަސާއެކެވެ. ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓެކްސް ގެ ހިދުމަތްލިބިގަތުމުގައި ލުއިފަސޭހަ ނިޒާމެއް މީރާއިން ވަނީ ޤާއިމުކޮށްފައެވެ.