އިންޑިއާގެ މެޑިކަލް ކޮލެޖެއްގައި މިނިކާވަގެއް، ކުދިން ތިބީ ބިރުން ފިތްކަނޑައިގެން ގޮސްފައި!
އިންޑިއާގެ ޗަމްރާނަގަރުގައި ހުންނަ މެޑިކަލް ކޮލެޖަކުން މިނިކާވަގުގެ ވައްތަރެއް ކަމަށްވާ “ބްލެކް ޕެންތާ” އެއް ދުވަނިކޮށް ފެނިއްޖެއެވެ.
ޓުވިޓާގައި ހިއްސާ ކޮށްފައިވާ މި ފޫޓޭޖުން ފެންނަނީ ކުދިން ނިދަން ތިބޭ ކޮޓަރިތަކާ ދިމާލުން ކަޅުކުލައިގެ މިނިކާވަގު ހިނގަމުންދާ މަންޒަރެވެ. މިކަމާ ގުޅިގެން ކޮލެޖުގެ ޑީން ބުނެފައި ވަނީ މިއީ މިގޮތަށް މިފަދަ މިނިކާވަގެއް ކޮލެޖުގެ ތެރެއިން ފެނުނު ފުރަތަމަ ފަހަރު ނޫން ކަމަށާއި، 2019 ވަނަ އަހަރު ވެސް ހަމަ މިފަދަ ގޮތަކަށް މިނިކާވަގެއް ފެނިފައިވާ ކަމަށެވެ.
މި ވީޑިއޯ ޓުވިޓާގައި ހިއްސާ ކޮށްފައި ވަނީ ކޮލެޖާ ގުޅުން ހުރި ފަރާތެއް ކަމެއް އަދި ނޫން ކަމެއް ވެސް އެނގިފައި ނުވާއިރު ގިނަ ބަޔަކަށް މި ވީޑިއޯ ވެގެން ދިޔައީ މަޖާ ވީޑިއޯއަކަށެވެ. އެގޮތުން އެ ވީޑިއޯގައި ފެންނަމުންދާ މިނިކާވަގުގެ މޫނު މަތިން ފެންނަމުން ދަނީ ހުރިހާ ކުދިންތައް ނިދައިފިތޯ ބަލާ ފާސްކުރުމަށް ވަރަށް “ސީރިއަސް” މޫނަކާއެކު ކަމަށް އެ ވީޑިއޯގެ ކޮމެންޓްގައި ވެއެވެ.
މިކަމާމެދު އެސަރަހައްދުގެ ފުލުހުންގެ ބަހެއް ލިބިފައިނުވާއިރު، ވަލު ޖަނަވާރާ ބެހޭ ބޭފުޅުން ބުނެފައިވަނީ އެއީ ސީދާ “ބްލެކް ޕެންތާ” އެއް ކަމަށް ބުނަން ދަތި ކަމަށެވެ. އެހެންނަމަވެސް އެއީ މިނިކާވަގުގެ ވައްތަރެއް ކަން ޔަގީން ކުރެވޭ ކަމަށެވެ. އަދި އެކަމާ އެ ކޮލެޖުގެ ހުރިހާ ކުދިން ވެސް ތިބީ ބިރުން ކަމަށް ވެސް ބޭރުގެ ޚަބަރުތަކުން މައުލޫމާތު ލިބެއެވެ.