ދެން ފުރަމަލަ

ކޮވިޑް-19ގެ ހަނގުރާމައިގައި އާއިލާއާ ދުރުގައި އެތައް މަސްތަކެއް ހޭދަކުރި އާޒިމް ކިޔައިދިނީ ހިތްދަތި ވާހަކަތަކެއް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ނިމިދިޔަ ވިހިވިހި ވަނަ އަހަރު މުޅި ދުނިޔެ ސިއްސުވާލައި ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށް ދައުވާ ކުރާ ގައުމުތައް ވެސް ކުޑަކަކޫ ޖެހުވީ އިންސާނާގެ ލޮލަށްވެސް ނުފެންނަ ކުޑަކުޑަ ވައިރަހެކެވެ. ޗައިނާގެ ވޫހާން ސިޓީއިން އުފަންވެގެން އައި މި ނުރައްކާތެރި ވައިރަހުގެ ރާޅު އަޅުގަނޑުމެންގެ މި ޖަޒީރާ ރާއްޖެއަށް ބިންދާލާކަށް ވެސް މާ ގިނަ ދުވަސްތަކެއް ނުނެގިއެވެ.

Ads by Sosun Fihaara

މާރޗް މަހުގެ ތެރޭގައި އަޅުގަނޑުމެންގެ ވެރިރަށް ފުރަމާލެއިން ކޮވިޑް-19ގެ ފުރަތަމަ ވޭދަނަ ފެނި މުޅި ގައުމު ފުރަބަންދަކަށް ދިޔައެެވެ. ސުކޫލްތަކާއި ސަރުކާރު މުއައްސަސާތަކުގައި ބޮޑުތަޅު އެޅުވިގެން ދިޔައެވެ. މިސްކިތްތައް ބަންދު ކުރެވި ކެފޭ ރެސްޓޯރެންޓުތަކާއި ފިހާރަތައް ވެސް ބަންދު ކުރެވުނެވެ. ހުރިހާ އޮފީހެއްގެ މުވައްޒަފުންހެން މަސައްކަތް ކުރަމުން ދިޔައީ ގޭގައި ތިބެގެން އޮންލައިން ކޮށެވެ. އެހެން ނަމަވެސް މި ނާޒުކު ދަނޑިވަޅުގައި ވެސް އަމިއްލަ ފުރާނަަ އަތަށް ލައިގެން ގައުމުގެ ރައްޔިތުންގެ ދިފާއުގައި ތެދުވި އެއް ބަޔަކީ ސިއްހީ ހިދުމަތްތެރީންނެވެ. ފުލުހުންނާއި ސިފައިންނެވެ. އަދި ދިވެހި ރެޑް ކްރެސެންޓުގެ ވަރުގަދަ ރަތް ލަޝްކަރެވެ.

އަހްމަދު އާޒިމް އަލީ އަކީ ވެސް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ގައުުމުގެ ހިދުމަތުގައި ނިކުތް ފަހުލަވާނުންގެ ތެރެއިން އެއް ފަހުލަވާނެވެ. މޯލްޑިވްސް ރެޑްކްރެސެންޓުގައި މަސައްކަތް ކުރާ މި ދަރުމަވެރިޔާ ކޮވިޑް-19ގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނީއްސުރެ ވެސް އުޅުނީ ސިއްހީ ޚިދުމަތުގައެވެ. މޯލްޑިވްސް ރެޑް ކްރެސެންޓުގެ ވެހިކަލް ސަޕޯޓްގައި ބަލި މީހުންނަށް އެހީތެރިވެދޭށެވެ.

އާއިލާއާ ދުރުގައި އެތައް ދުވަހެއް

ކޮވިޑް-19ގެ ފުރަތަމަ ވޭދަނަ ފެނި ، އެ ނުރައްކާތެރި ހާލަތުގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ގޭ ބަންދުގައި, އާއިލާގެ ގާތުގައި މަޑު ކުރެވުނު ނަމަވެސް އާޒިމް ފަދަ ސިއްހީ ޚިދުމަތްތެރިން ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް އެ ނުރައްކާތެރި ދުވަސްތައް ވެސް ކަނޑައްތު ކުރީ އާއިލާއާ ދުރުގައެވެ. އެގޮތުން ގާތްގަނޑަކަށް ހައެއްކަ މަސް ވަންދެން އާއިލާއާ ދުރުގައި އުޅެން ޖެހުނު ކަމުގައި އާޒިމް ފާހަގަ ކުރިއެވެ.

ހަމަ ޔަގީނުން ވެސް އާއިލާއާ ދުރުގައި އެހާ ގިނަ ދުވަސްތަކެއް ހޭދަ ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އަދި އެފަދަ ނާޒުކު ހާލަތެއްގައި އާއިލީ މީހަކާ ބައްދަލުނުވެ އުޅެން ޖެހުން ވާނީ ހަމަ ގައިމު ވެސް ވަރަށް ދަތި އުނދަގޫ ކަމަކަށް ކަން ޔަގީނެވެ. އެހެން ނަމަވެސް އާޒިމް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެ މަސައްކަތުގައި ދެމިހުރީ ހިތްވަރާއެކުއެވެ. އެތައް ބަލި މީހުންނަކަށް އެހީތެރިވެދެވޭތީ އެކަމާ ހިތްހަމަޖެހިފައިވާ ހާލުގައެވެ. އެތައް ބަޔަކަށް އެހީތެރިކަން ފޯރު ކޮށްދޭން ލިބޭތީ އެކަމާ ނުހަނު އުފާވެ ހުރެ ވެސް މެއެވެ.

އާއިލާއާ ދުރުގައި ގައުމީ ޚިދުމަތުގައި އާޒިމް އުޅުނު ނަމަވެސް އަބަދުވެސް އާއިލާއަށް ގުޅާ އެމީހުންގެ ހާލު ބަލައި ހަދާ ކަމުގައި އޭނާ ބުންޏެވެ. އަދި އާއިލާގެ ފަރާތުން ވެސް އޭނާގެ މަސައްކަތަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށާއި ކޮވިޑް-19 ރާއްޖެއިން ފެނުނީއްސުރެ މިއަދާ ހަމައަށް ވެސް މަސައްކަތުގައި ދެމި ހުރެވުނީ އާއިލާއިން ދިން އެއްބާރުލުމުގެ ސަބަބުން ކަމުގައި ވެސް އާޒިމް ބުންޏެެވެ.

ބައެއް ދުވަސްދުވަހު 24 ގަޑިއިރު ވެސް ހޭލާ ހުރޭ

ކޮވިޑް-19ގެ ދުވަސްވަރު ސިއްހީ ހިދުމަތްތެރިން މުޅިންހެން ފެނިގެން ދިޔައީ ޕީޕީއީ ކިޓު ލައިގެން ތިއްބައެވެ. އެހެން ނަމަވެސް އެ ކިޓު ލައިގެން އުޅެން ޖެހުމުން އެވާ އުނދަގުލާއި އެ ކިޓުގެ ސަބަބުން މީހާއަށް ވާ އުނދަގުލާއި ހޫނު އެ ކިޓު ނުލާ މީހަކަށް އިހްސާސް ވެސް ނުކޮށްލެވޭނެ ކަން ޔަގީނެވެ. އަދި އާޒިމްގެ ވަޒީފާ އަކީ ހަމަ އެކަނި އެ ކިޓު ލައިގެން ހުރުމެއް ވެސް ނޫނެވެ. އެމްބިއުލޭންސްގައި ބަލިމީހުން އުފުލުމަކީ އާޒިމް އާއި އޭނާގެ ޓީމުގެ ޒިންމާއެވެ.

ކޮންކްރިޓް ޖަންގައްޔެއްގެ ގޮތުގައި ސިފަކުރާ މި މާލޭގައި ހުސް ވެސް އޮތީ އިމާރާތެވެ. ގިނަ ގޭގޭގައި މިހާރު ލިފްޓު ހަރުކޮށްފައި ހުރި ނަމަވެސް އަދިވެސް ލިފްޓު ހަރު ނުކުރާ ގެތައް ބައިވަރު އެބަހުއްޓެވެ. އަދި އެކި ޒާތްޒާތުގެ ސިޑި ހުންނަ ގެތައް ވެސް މި މާލޭގައި މަދެއް ނޫނެވެ.

ގިނަ ފަހަރަށް އާޒިމްމެންނަށް އުފުލަން ޖެހޭ ބަލިމީހުންނަކީ އެހެން މީހުންގެ އެހީތެރިކަމާ ނުލައި އެމްބިއުލޭންސްއާ ހަމައަށް ނުދެވޭ މީހުންނެވެ. ނުހިނގޭ މީހުންނާއި އުމުރުން ދުވަސްވުމުގެ ސަބަބުން ތަންމަތިވެފައިވާ އިސް ރަށްވެހީންނެވެ. އެހެންކަމުން ޕީޕީއީ ކިޓުގައި ހުރެ އެފަދަ ހަނި ސިޑިތަކުން ބަލި މީހުން އުފުލުމަކީ ހަމަ ޔަގީނުން ވެސް ފަސޭހަ މަސައްކަތެއް ނޫނެވެ، އެހާމެ ބޮޑު ޒިންމާއެއް އޮތް މަސައްކަތެކެވެ. އަދި ބައެއް ފަހަރަށް ބަލި މީހުން އުުފުލަން އަށްވަނަ ފަންގިފިލާއަށް އަދި ދިހަ ވަނަ ފަންގިފިލާއަށް ވެސް އަރާފައި ހުންނާނެ ކަމުގައި "ދެން"އާ ވާހަކަ ދައްކަމުން އާޒިމް ބުންޏެވެ.

"ޕީޕީއީ ލައިގެން އުޅެން އަސްލު ވަރަށް ހޫނު، މީހާ ޑައުން ކޮށްލާ ކަމެއް. އެއްވެސް ވަރަކަށް އަނެއްހެން ބުނަންޏާ ވަޔެއް ނުއެއް ލިބޭ އެތެރެއަކަށް. ބަންދުވެފައި އިންނަ އެއްޗެއް ލައިގެން އުޅުން ކަހަލަ ކަމެއް ހަމަ"

އާޒިމް

ބައެއް ބަލި މީހުންނަށް އާއިލާއިން އަޅައެއްނުލާ: ހިތް ފަޅައިގެންދާ ފަދަ މަންޒަރުތަކެއް

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބުނީ ޝޮކެކެވެ. އެ ޝޮކުގައި އެތައް ބަޔަކު ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަށް ވެސް ދިޔައެވެ. އަދި ވަކިން ހާއްސަކޮށް މި ބައްޔަކީ އުމުރުން ދުވަސްވީ މީހުންނަށާއި ބޮޑެތި ބަލިތަކަށް ދާއިމީ ގޮތެއްގައި ބޭސް ކުރަމުންދާ ފަރާތްތަކަށް ނުރައްކާތެރިކަން ބޮޑު ބައްޔެއް ކަމުގައި އަބަދުހެން މީޑިއާތަކުން ގޮވަމުން ދިއުން ވީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން ބޮޑުވެގެން ދިޔަ ކަމަކަށެވެ. އެހެން ނަމަވެސް ހަގީގަތުގައި ވެސް ކޮވިޑް-19އަކީ އެފަދަ "ހައި ރިސްކު" މީހުން ބޮޑަށް ރައްކާތެރިވާން ޖެހޭ ފަދަ ބައްޔެކެވެ.

މިފަދަ ހާލަތެއްގައި އެފަދަ ބަލިމީހުންނާ ވެސް ވަރަށް ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު އާޒިމްއަށް ލިބިގެން ދިޔައެވެ. އެގޮތަށް އުޅުމުގެ ތެރޭގައި "ހިތް ފަޅައިގެންދާ ފަދަ" އެތައް މަންޒަރުތަކެއް ވެސް ފެނިފަައި އެބަހުރި ކަމުގައި އާޒިމް ކިޔައިދިނެވެ. އެވާހަކަތައް "ދެން"އާ އާޒިމް ހިއްސާ ކުރީ އަސަރާއެކުގައެވެ.

އާޒިމް ބުނީ އެންމެ ދެރަވާ އެއް ކަމަކީ ބަލިމީހުން ބަލައި ދާ ވަގުތު އެ ބަލިމީހުންނާ  ދޭތެރޭ އާއިލާތަކުން އަޅާނުލާ މަންޒަރު ފެނުމެވެ. ބަލި މީހާ ވަރަށް ހާލުގައި އޮންނަ އިރު ވެސް އާއިލާ މީހުންނަށް ކަހާތަން ހިރުވާލާ ހެން ވެސް ހީނުވާތީއެވެ. އާޒިމް ބުނީ ވަކި ވަރަކަށް ބަލިވެ މުސްކުޅި ވުމުން އާއިލާއިން އަޅާ ނުލަނީ ކަމެއް ނުވަތަ އެހެން ވެސް ސަބަބަކާހުރެ އާއިލީ ގުޅުމަށް އަސަރުތަކެއް ކޮށްފައިވަނީ ކަން ނޭނގޭ ކަމަށެވެ.

"ބައެއް ފަހަރު ފެނޭ މަންޒަރު ގޭގެއަށް ވަންނައިރު މުސްކުޅި މާމަމެން ކާފަމެން ނިދަން ތިބޭ ތަނާއި ގޮތާ ފެނުނީމަ އަސްލު ވަރަށް ހިތަށް ތަދުވޭ"

އާޒިމް ބުނީ ބައެއް ފަހަރަށް ބަލިމީހުން ބާއްވައިފައި އޮންނަ ތަނަކީ ސާފުތާހިރުކަން ވެސް ވަރަށް ކުޑަ ތަންތަން ކަމަށެވެ. އަދި އެފަދަ މަންޒަތުތައް ފެނުމަކީ ހިތަށް ވަރަށް ތަދުވާ ކަމެއް ކަމަށާއި މި ތަޖުރިބާގެ ތެރެއިން އެންމެ ދެރަވާ އެއް ކަމަކީ އެއީ ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބައެއް ސިއްހީ މަސައްކަތްތެރިންނާ ދިމާއަށް ބައެއް އާންމުން އެއްޗެހި ކިޔާ މަންޒަރު ވެސް ފެނިފައި އެބަހުއްޓެވެ. އަދި އެފަދަ ކަންތައްތައް ދިމާވި ބައެއް ސިއްހީ މަސައްކަތްތެރިން އެމީހުންގެ އިހްސާސްތައް މީސްމީޑިއާގައި ބަންޑުންކޮށްލާފައިވާ އަސަރުގަދަ ލިޔުންތައް ވެސް ފެނިފައި އެބަހުއްޓެވެ. އެފަދަ ކަމަކާއި ކުރިމަތިވިތޯ ކުރި ސުވާލަށް ޖަވާބު ދެމުން އާޒިމް ބުނީ ﷲގެ އިރާދަފުޅާއެކު އެފަދަ ކަމަކާ ކުރިމަތިލާން ނުޖެހޭ ކަމަށެވެ.

2020ވަނަ އަހަރުގެ ރޯދަ މަސް: ތަފާތު ތަޖުރިބާއެއް

ކޮންމެ މީހަކު ވެސް ރޯދަ މަސް ހޭދަ ކޮށްލަން ބޭނުން ވާނީ އާއިލާއާއެކުގައެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި އެންމެ ގިނަ ވެގެން ދިޔަ އެއް ދުވަސްވަރަކީ ނިމިދިޔަ ރޯދަމަހުގެ ތެރޭގައިކަމުން، އާޒިމްއަށް ޖެހުނީ ނިމިދިޔަ 2020 ވަނަ އަހަރުގެ ރޯދަމަސް އާޒިމްގެ އާއިލާއާ ދުރުގައި ހޭދަ ކުރާށެވެ. ހަމަގައިމު ވެސް އެތައް ދުވަހެއް އާއިލާއާއެކު ދުރުގައި ހުރެ، އެންމެ ކުޑަމިނުން ރޯދަ މަސް އަމިއްލަ އާއިލާއާއެކު ހޭދަކޮށްލުމުގެ ފޮނި އުއްމީދުތައް ދުށް ނަމަވެސް ކަންދިމާކުރި ގޮތުން އާޒިމަށް ހުންނާން ޖެހުނީ އާއިލާއާ ދުރުގައި ގައުމަށް ވަފާތެރިކަން މަތީ ސިއްހީ ހިދުމަތް ކޮށްދިނުމުގައެވެ. ރޯދައަށް ހުރެ އެވަރުބަލިކަންމަތީގައި ވެސް އާޒިމްމެން މަސައްކަތް ކުރީ ޕީޕީއީ ކިޓުގައެވެ. ހިއްލާހާ ދަލަކާއި، ނަގާހާ ހޫނެއްގައި އާޒިމް މަސައްކަތް ކުރީ ސާބިތުކަން މަތީގައެވެ. ބައެއް ދުވަސް ދުވަހު ރޯދަ ވީއްލުމަށްޓަކައި ޖޫސް ތައްޓަކާއި، ދެތިން ހެދިކާއެއް ކާލައިގެން ހުންނަން ޖެހޭ ކަމަށްް ވެސް ރޯދަ މަހުގެ ތަޖުރިބާތައް ހިއްސާ ކުރަމުން އާޒިމް ބުންޏެވެ.

އާޒިމްގެ އިލްތިމާސެއް އާންމުންނަށް : އެމްބިއުލާންސް އެމަރޖެންސީގައި ދާ ވަގުތު ތަން ދައްކަވާ

ރައްޔިތުންގެ ރައްކާތެރިކަން ޔަގީން ކުރުމަށްޓަކައި މިހާ ގިނަ ދުވަސްތަކެއް ވަންދެން ވެހިކަލް ސަޕޯޓްގައި މަސައްކަތް ކުރިއިރު އެތައް ގޮންޖެހުންތަކެއް ވެސް ވަނީ އާޒިމް އާއި އޭނާގެ ޓީމަށް ކުރިމަތިވެފައެވެ. އެގޮތުން ފުރަބަންދަށް ލުއިތަކެއް ދީ މަގުމައްޗަށް ނުކުމެ އުޅުމުގެ ހުއްދަ ރައްޔިތުންނަށް ދިނުމާއެކު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ހާލުބޮޑު ބަލިމީހުން ގޮވައިގެން އެމަރޖެންސީގައި ދާ ވަގުތުގައި ވެސް އެމްބިއުލާންސް އަށް ތަން ނުދެއްކުމެވެ.

ހަގީގަތުގައި ވެސް އާޒިމް ބުނީ ތެދެކެވެ. މާލޭގެ މަގުމަތީގައި ދުއްވާ އެއްޗެހި ދުއްވާ ބައެއް މީހުންނަށް އެކަމަކީ މާ ބޮޑު ކަމަކަށް ނުވެއެވެ. ކޮންމެ މީހަކު ވެސް އުޅެނީ ތާކަށް ދާން ގަޑި ޖެހޭތީއެވެ. ގަޑިއަށް ތާކަށް ނުދެވިދާނެތީއެވެ، އެހެން ނަމަވެސް ހަމަ ޔަގީނުން ވެސް މީހެއްގެ ފުރާނައަށް ވުރެ އަގުބޮޑު އެހެން އެއްޗެއް ނޯންނާނެ ކަން ޔަގީނެވެ.

އާޒިމް ވަނީ މާާލޭގައި ދުއްވާ އެއްޗެހި ދުއްވާ މީހުންނަށް ނަސޭހަތެއް ދީފަައެވެ. އެއީ އެމްބިއުލާންސްގެ ސައިރިންގެ އަޑު އިވިއްޖެ ނަމަ އެމްބިއުލާންސް އަށް ތަންދިނުމެވެ. އެންމެންގެ ރައްކާތެރިކަމަށްޓަކައި ފަރުދީ ޒިންމާ އަދާ ކުރުމަކީ އެއީއެވެ.

އެމަޖެންސީކޮށް ގެންދަންޖެެހޭ ޕޭޝަންޓުން ގެންދަންޖެހޭ ފަހަރު ވެސް ބައެއް ބޭފުޅުން އެމްބިއުލޭންސަށް ތަން ނުދައްކާ އުޅޭ މަންޒަރު ވެސް ފެނޭ. އެެގޮތުން ޕޭޝަންޓު ގެންދަންޖެހޭ ވަރަށް ވުރެ ލަހުން ދެވެނީ.

އާޒިމް

އާޒިމް ބުނީ ބަލިމީހުން އުފުލުމުގައި އެމްބިއުލޭންސް ތެރޭގައި ހާސްވާން ޖެހޭ ވަރުގެ އެއްވެސް ކަމެއް މާތްﷲ ގެ އިރާދަފުޅުން އަދި ކުރިމަތި ނުވާކަމަށާއި އުއްމީދު ކުރަނީ ވެސް އެފަދަ ކަމެއް ކުރިމަތި ނުވާނެ ކަމަށެވެ. ޓީމުގެ އެންމެންގެ އެހީތެރިކަން އަބަދު ވެސް ލިބޭ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ހަމަ އެފަދައިން އެއްބާރުލުން ލިބޭނަމަ ހާސްވާން ޖެހޭވަރު ކަމަކާ ކުރިމަތިލާން ނުޖެހޭނެ ކަމަށް ވެސް އާޒިމް ބުންޏެވެ.

އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބަލިމީހުންގެ މޫނުމަތިން ފެންނަ ހިނިތުންވުން

މިފަދަ ބުރަ އަދި އެހާމެ ޒިންމާދާރު މަސައްކަތެއްގައި އުޅޭއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކޮބައިތޯ އާޒިމްއާ ސުވާލު ކޮށްލީމެވެ. އާޒިމް ބުނީ ބަލި މީހާ އުފުލުމަށް ފަހު އެމީހާގެ މޫނުމަތިން ފެނިގެންދާ ހިތްހަމަ ޖެހުމާއި ހިނިތުންވުމަކީ އާޒިމަށް ވެސް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި މި މަސައްކަތަކީ ކިތަންމެ ބުރަ މަސައްކަތެއް ނަމަވެސް އުފަލާއެކު، ކުރާހިތުން މި މަސައްކަތުގައި އާޒިމް ދެމިހުރުމުގެ ސިއްރަކީ ވެސް މިއީއެވެ.

މީގެ އިތުރުން ކޮންމެ އާއިލާއަކުން ވެސް ބަލި މީހާ އާޒިމްމެންނާ ހަވާލު ކުރާއިރު، އެ ޓީމަށް އެ އާއިލާތަކުން އެއްވެސް ހާސްކަމެއް ނެތި ބަލިމީހާ ދޫކޮށްލުމަކީ ވެސް އާޒިމް ގެ މަސައްކަތަށް ލިބިގެން ދާ އިތުރު ހިތްވަރެއް ކަމަށާއި، އެ އާއިލާތަކުން އެމީހުންގެ މައްޗަށް ކުރާ އިތުބާރަކީ ލިބޭ އުފަލެއް ކަމުގައި ވެސް އޭނާ ސިފަކުރިއެވެ.

އެތައް ދުވަހަކަށްފަހު އާއިލާއާ ބައްދަލުވުން: ބުނެދޭން ނޭނގޭ ފަދަ އިހްސާސްތަކެއް

ދިގު ދަތުރެއް ކޮށްފައި އައިސް އެތައް ދުވަހަކަށްފަހު އާއިލާއާ ބައްދަލުވުމަކީ ކޮންމެ މީހަކަށް ވެސް އުފާވެރި އިހްސާސްތަކެއް ކުރެވޭނެ ކަމެއް ކަން ޔަގީނެވެ. އަދި ހާއްސަކޮށް މިފަދަ ބިރުވެރި ދުވަސްވަރެއްގައި ގައުމީ ހިދުމަތެއްގައި އެތައް ދުވަހެއް އާއިލާއާ ދުރުގައި ހޭދަ ކުރުމަށްފަހު އެންމެ ފުރަތަމަ ބައްދަލުވުމުން ކުރެވިގެންދާނީ ތަފާތު އިހްސާސްތަކެއް ކަން ޔަގީނެވެ، އެ އިހްސާސްތަކާ ބެހޭގޮތުން އާޒިމްއާ ސުވާލު ކޮށްލުމުން އޭނާގެ މޫނުމަތިން ފެނިގެން ދިޔަ ކުލަވަރުން ވެސް އެވާހަކަ ވަރަށް ރަނގަޅަށް ބުނެދެއެވެ.

އާޒިމް ބުނީ އާއިލާއާ ވަކިން ދިިރިއުޅުންވީ ތަފާތު ތަޖުރިބާއަކަށް ކަމަށެވެ. އެގޮތުން އާއިލާއާ އެކު އުޅޭއިރު އެއްވެސް ކަމެއް އަމިއްލައަށް ކުރަން ނުޖެހޭ ކަމަށާއި ނަމަވެސް އާއިލާއާ ދުރުގައި ހޭދަކުރި ދުވަސްވަރުގައި ހުރިހާ ކަމެއް ވެސް ކުރަން ޖެހުނީ އަމިއްލަައަށް ކަމުގައި އާޒިމް ފާހަގަ ކުރިއެވެ. އަދި އާއިލާއާ އެތައް ދުވަހެއް ފަހުން ބައްދަލުވުމުން އޭނާއަށް ކުރެވުނު އިހްސާސަކީ ބުނެދޭން ވެސް ދަތި އިހްސާސެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. އުފަލުން ގޮސް އެދުވަހު ރޮވުނު ކަމަށް ވެސް އާޒިމް ބުންޏެވެ.

މީހެއްގެ ފުރާނަ ސަލާމަތް ކުރުން: އާޒިމްގެ ބަކެޓް ލިސްޓުގައި ހިމެނޭ ކަމެއް

އާޒިމް އަކީ ސުކޫލް ދައުރުގައި ކެޑޭޓެކެވެ. އަދި ސުކޫލް ނިންމުމަށްފަހު އޭނާ ވަނީ ވޮލެންޓިއަރެއްގެ ގޮތުގައި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯގެ ފެހި ލަޝްކަރުގައި ވެެސް މަސައްކަތް ކޮށްފައެވެ. އަދި އާޒިމްއަށް ރެޑް ކްރެސެންޓްގެ ވޮލެންޓިއަރަކަށް ވުމުގެ ފުރުސަތު ލިބުނީ އެމްއެންސީސީގައި ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށްނެވެ.

އެންމެ ކުޑައިރުއްސުރެ ވެސް އާޒިމް ދެކޭ ހުވަފެނެއް އޮވެއެވެ. އެ ހުވަފެނަކީ މީހެއްގެ ފުރާނަ ސަލާމަތް ކުރުމުގައި އެހީތެރިވެ ދިނުމެވެ. އެގޮތުން މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް އޭނާއަށް ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއް ވެސް އޭނާ ވާނެ ކަން ޔަގީނެވެ.

އުމުރުން 18 އަހަރުވީ ވެސް ގައުމީ ޚިދުމަތުގައި ޑިއުޓީގައި ހުއްޓާ

ކޮވިޑް-19ގެ ރާޅު ރާއްޖެއަށް ބިންދާލައި މުޅި ގައުމު ކުއްލި ހާލަތަށް ދިޔައިރު އާޒިމްގެ އުމުރަކީ އެންމެ 17 އަހަރެވެ. އެހާ ޅަ އުމުރެއްގައި ވެސް ރަތް ލަޝްކަރާއެކު ގައުމީ ޚިދުމަތަށް އާޒިމް އެދުވަހުވެސް ނުކުތީ ހާލުގެ ދުލުން އޭނާގެ އެހީތެރިކަމަށް އެދި ގައުމު ގޮވާތީއެވެ. އޭނާފަދަ ހިތްވަރުގަދަ ފަހުލަވާނުން މިފަދަ ހާސްކަންބޮޑު ދަނޑިވަޅެއްގައި ވެސް ގައުމަށް ބޭނުންވާތީއެވެ.

ނިމިދިޔަ 2020ވަނަ އަހަރުގެ އޭޕްރީލް މަހުގެ ސަތާރަ ވަނަ ދުވަހު އޭނާއަށް 18 އަހަރު ވީ ވެސް އޭނާ ޑިއުޓީގައި ހުއްޓާއެވެ. ހަމަ ޔަގީނުން ވެސް އޭނާ އަކީ މިއަދު ގައުމުގެ ޅަ ކުދިންނަށް ނަމޫނާއެއް ކަން ޔަގީނެވެ. އޭނާގެ އެ ހިތްވަރުގަދަ މަސައްކަތުން އެތައް ކުދިންނަކަށް އެތައް ހާސް ފިލާވަޅުތަކެއް ނަގައިދީފިކަން ޔަގީނެވެ.

އާޒިމް ވަނީ ޒުވާން ޖީލަށް ވެސް މެސެޖެއް ދީފައެވެ. އެގޮތުން ގޭގައި ކަމެއް ނެތިފައި ހުރުމަށްވުރެ މިފަދަ ގައުމީ ހިދުމަތަކަށް ނުކުމެ، ރައްޔިތުންނާއި ގައުމުގެ ރައްކާތެރިކަން ޔަގީން ކުރުމަށް މަސައްކަތް ކުރުމަކީ މާ ބުއްދިވެރިކަމެއްގެ ގޮތުގައި އާޒިމް ސިފަކުރެއެވެ. އަދި ޒުވާން ޖީލުގެ ބެލެނިވެރިންނަށް ވެސް އާޒިމް ދިނީ ކުރު ނަމަވެސް މުހިންމު މެސެޖެކެވެ. އެއީ އެ ބެލެނިވެރިންގެ ދަރިންނަކީ ހަރުދަނާ ބަޔަކަށް ހަދަން ބޭނުންނަމަ ގައުމީ މިފަދަ ހިދުމަތަކަށް ކުދިންނަށް ފުރުސަތު ދިނުމަށެވެ. ގައުމީ ލޯބި ކުދިންގެ ހިތްތަކުގައި އާލާ ކުރަން މަސައްކަތް ކުރުމަށެެވެ. ހަމަ ޔަގީނުން ވެސް މިފަދަ ބަލިމަޑުކަމެއްގައި ގައުމު ސަލާމަތް ކުރެވޭނީ ޒުވާން ޖީލުތަކުން މިފަދަ މަސައްކަތް ތަކަށް ނުކުމެގެން ކަން ޔަގީނެވެ.

އާންމު ރައްޔިތުންނަށް އާޒިމްގެ މެސެޖެއް

އާންމު ރައްޔިތުންނަށް އާޒިމް ދިން މެސެޖަކީ ވެސް މުހިންމު މެސެޖެކެވެ. މިފަދަ ބަލިމަޑުކަމެއްގެ ތެރޭގައި އަބަދުގެ އަބަދަށް އުޅެން އެކަކު ވެސް ބޭނުން ނުވާނެ ކަން ޔަގީނެވެ. އެހެންކަމުން އާޒިމް ވަނީ އެޗްޕީއޭ އިން ދޭ އިރުޝާދުތަކަށް ވީހާވެސް ބޮޑަށް އަމަލު ކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި ބަލިން ރައްކާތެރިވުމަށްޓަކައި އަދި އަނެކާގެ ރައްކާތެރިކަން ކަަށަވަރު ކުރުމަށް ޓަކައި ފަރުދީ ޒިންމާ ނެގުމަށް ވެސް އޭނާ ވަނީ އާންމު ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

އާޒިމްއާ މެދު އާއިލާއިން ފަޚުރުވެރިވޭ

އަމިއްލަ ދަރިއަކު އެއްފަސްގަނޑެއްގައި ހުރެ ބައްދަލު ނުވުމަކީ ކޮންމެ މަޔަކާއި ބަފައަކަށްވެސް ވަރަށް ހިތްދަތި އިހްސާސެއް ކުރުވާނެ ކަމެއް ކަން ޔަގީނެވެ. އެގޮތުން އާޒިމްގެ ބައްޕައާ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުމުން ދެތިން ސުވާލެއް ކޮށްލީމެވެ. މިފަދަ ހާސްކަންބޮޑު ބިރުވެރި ދަނޑިވަޅެއްގައި ދަރިފުޅު ބަލިމީހުން އުފުލުމުގައި އާއިލާއާ ދުރުގައި އުޅުމުން ކުރެވުނީ ކޮންކަހަލަ އިހްސާސެއްތޯ ސުވާލު ކޮށްލެވުނެވެ.

"ދަރިފުޅު ބައްޕައާ ދުރުގައި ހުރި ދުވަސްވަރު ވަރަށް ހިތްދަތި އިހްސާސްތަކެއް ކުރެވުނު. އެހެން ނަމަވެސް ދަރިފުޅު ކޮށްދިން ގައުމީ ޚިދުމަތަށް އަބަދުވެސް ފަޚުރުވެރިވޭ." އާޒިމް ބައްޕަގެ އަޑުގައި ހުރީ އާދަޔާޚިލާފު ޖޯޝެކެވެ. ދަރިފުޅުގެ ގައުމީ ޚިދުމަތާ މެދު ވަރަށް ބޮޑަށް ވެސް ފަޚުރުވެރިވާ ކަން ވަރަށް ރަނގަޅަށް ވެސް އެނގިގެން ދިޔައެވެ.

މިފަދަ ހާސްކަން ބޮޑު ދަނޑިވަޅެއްގައި ދަރިފުޅު ދުރުގައި ހުރުމުން ވަރަށް ހާސްވި ކަމަށާއި އަބަދުވެސް ދުއާ ކުރީ ދަރިފުޅު ސަލާމަތުން ހުރެގެން އެހެން މީހުންނަށް އެހީތެރިވަމުން ގެންދެވޭނެ ކަމަށް ކަމުގައި ވެސް އާޒިމްގެ ބައްޕަ ބުންޏެވެ. އަދި މި ނުރައްކާތެރި ބައްޔަށް ދަރިފުޅު ހުށަހެޅިގެން ނުދޭތޯ އަބަދުވެސް ދުއާ ކޮށްލަ ކޮށްލާ ހުންނަ ކަމުގައި ވެސް އޭނާ ބުންޏެވެ.

ގިނަ ދުވަސްތަކަކަށްފަހު އަމިއްލަ ދަރިފުޅާ ބައްދަލުވުމުން ކޮންމެ ބައްޕައަކަށް ވެސް ކުރެވޭނީ ތަފާތު އިހްސާސްތަކެއް ކަން ޔަގީނެވެ. އެތައް ދުވަހަކަށްފަހު އެންމެ ފުރަތަމަ ބައްދަލުވީ ދުވަހު ކުރެވުނީ ކޮންކަހަލަ އިހްސާސެއްތޯ އަހާލުމުން އާޒިމްގެ ބައްޕަ ދިނީ ކުރު ޖަވާބެކެވެ. އެހެން ނަމަވެސް އެ ޖަވާބަކީ ހަމަ ހަގީގަތުގައި ވެސް ވަރަށް މާނަފުން ޖަވާބެކެވެ. އެއަޑުން ވެސް އެތައް ކަމެއް އަަަޅުގަނޑުމެންނަށް އެނގިގެން ދިޔައެވެ. "ވަރަށް އުފާވި، ވަރަށް ވަރަށް އުފާވި" އާޒިމްގެ ބައްޕަ ބުނީ ހަމަ އެކަނި މިހެންނެވެ. ހަމަ ހަގީގަތުގައި ވެސް އެހާ ދުވަސްފަހުން ގައުމީ ޚިދުމަތުގައި އުޅުނު ދަރިފުޅާ ބައްދަލުވުމުން ކުރެވޭ އިހްސާސް ބަޔާން ކޮށްދިނުން ވާނީ ދަތި ކަމަކަށް ކަން ޔަގީނެވެ.

އާޒިމް އަކީ ހަމަ ހަގީގަތުގައި ވެސް "ހީރޯ" އެކެވެ. ގައުމީ ލޯބި ހިތުގައި އުތުރިއަރަމުންދާ މި ޒުވާނާގެ މިސްރާބު މިހާރު ހުރީ ގައުމީ ދިފާއީ ބާރުގެ ވަޒީފާއާ ދިމާއަށެވެ. ގައުމީ ދިފާއީ ބާރުގެ ވަރުގަދަ ލަޝްކަރަށް ހަމަ ޔަގީނުން ވެސް ބޭނުންވަނީ މިފަދަ ހިތްވަރުގަދަ ބަތަލުންކަން ޔަގީނެެވެ. މިމަހުގެ 12 ވަނަ ދުވަހު އާޒިމްގެ ގައުމީ ދިފާއީ ބާރުގެ ވަޒީފާގެ އިންޓަވިއު އެބައޮތެވެ. އެ އިންޓަވިއުއަށް ވެސް އާޒިމް އަށް ކާމިޔާބަށް އެދެމެވެ.

ދިވެހި ޒުވާން ކުދިން ހިތްވަރު ލިބިގަންނަންވީ މިފަދަ ޒުވާން ދަރުމަވެރިންގެ ވާހަކަތަކުންނެވެ. އާޒިމްފަދަ ފަހުލަވާނުންގެ ވާހަކައިން ހިތްވަރު ލިބި އެފަދަ އެތައް ޒުވާނުންނެއް މި ދިވެހި ގައުމުގެ ދިފާއުގައި ނުކުތުމަކީ ހާލުގެ ދުލުން މިއަދު ގައުމު ގޮވަމުން އަންނަ ގޮވެއްޔެވެ.

  1. ފަނާ

    ސަާބަހޭ އާޒިމް