ލައިފްސްޓައިލް

ދަރިފުޅަށް ވެކްސިން ދިނުމަށްފަހު މި ކަންތައްތައް ކޮށްލާ!

ރައުފާ ރަޝީދު

ތުއްތު ދަރިފުޅަށް ވެކްސިން ދޭ ދުވަހަކީ ކޮންމެ މަންމަޔަކުވެސް އެކަމާމެދު ވަރަށް ވިސްނާނެ ދުވަހެއް ކަން ޔަގީނެވެ. ވެކްސިން ދިނުމުން ހުން އައިސް ވެކްސިން ޖެހި ތަނެއް ދުޅަވެ،ނުނިދި ދުވަސްތައް ހޭދަވެގެން ދެއެެވެ.

ރިސާޗްތަކުން ދައްކާ ގޮތުގައި ވެކްސިން ޖެހުމަށް ފަހު ދެތިން ދުވަހު ވެކްސިން ޖެހި ތަނެއް ދުޅަވެ، ހުން އައިސް އުނދަގޫތައް ވާނެއެވެ. އެކި ކުދިންނަށް ވެކްސިންގެ އަސަރު ކުރާނީ އެކި މިންވަރަށެވެ. ހުން އަންނަ ކުދިންނާއި ހުން ނާންނަ ކުދިން އުޅެއެވެ.

ހުން އަންނަ ނަމަ އެންމެ އިސްކަމެއްދީގެން ބަލަންޖެހޭނެ ކަމަކީ ހުން އަންނަ ވަރު ގަޑިން ގަޑިޔަށް ބެލުމެވެ. 39 އަކަށްވުރެ މައްޗަށް ހުން އަންނަ ނަމަ އެންމެ ރަނގަޅު ގޮތަކީ އަވަހަށް ޑޮކްޓަރަށް ދެއްކުމެވެ. ތުއްތު ދަރިފުޅަށް މައި މީހާގެ ގާތުން ދޭ ކިރަކީ ހުން އަންނަ ނަމަ ވަރަށް އަވަހަށް ރަނގަޅުކޮށްދޭ ކަމެކެވެ. އަވަސް އަވަހަށް ކިރު ދިނުން މުހިންމެވެ.

ވެކްސިން ޖެހި ތަން ދުޅަ ވުމަކީ އާންމު ކަމެކެވެ. އާންމުކޮށް ފަޔަށް ޖަހާ ވެކްސިން ޖެހުމުން ދުޅަވެ، ރަތް ވުން ފަދަ ކަންތައްތައް ދިމާވެއެވެ. ޑޮކްޓަރުން ލަފާކުރާ ގޮތުގައި ތަދުވި ނަމަވެސް ފައިގިނައިން ތެޅުވުމާއި ވެކްސިން ޖަހާފައިވާތަން ވަށައިގެން މަސާޖް ކުރުމުން ތަދު މަޑުވާނެ ކަމަށެވެ.

ވެކްސިން ދިނުމުގެ ކުރިން ވިސްނަންވީ ކަންތަައްތަކުގެ ތެރޭގައި ހުން ބެލުމަށް ތާމޯމީޓަރެއް ގެންގުޅުން މުހިންމެވެ. މީގެ އިތުރުން ވެކްސިން ޖަހަން ދާއިރު ދަރިފުޅުގެ ހެދުމަކީ ގަޔަށް ދޫ، ފަސޭހަ ހެދުމެއް ކަން ޔަގީން ކުރާށެވެ. ވެކްސިން ޖަހާ ގަޑީގައި ދަރިފުޅު ކޮންމެވެސް ކަމެއްގައި ޝާމިލްކުރާށެވެ. ވާހަކަ ދެއްކުން ނުވަތަ ހެއްވާ މަޖާ ކޮށްލުމުން ވެކްސިން ޖަހާ ގަޑީގައި ދަރިފުޅަށް ފަސޭހަ ވެގެން ދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!