ކޮލަމް

ކޮވިޑް-19: ކޭސްތައް އަނެއްކާވެސް އިތުރުވުން، ނުރައްކަލުގެ ރަނގަބީލެއްބާ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައު އަހަރަށް އަޅުގަނޑުމެން ކުރިމަތިލީ މުޅި 2020ވަނަ އަހަރު ކުރު އަހަރަކަށް ހަދާލި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އިން ސަލާމަތް ވެވޭނެ ކަމުގެ ފޮނި އުންމީދުތަކާއެކުގައެވެ.

Ads by MWSC

މިދިޔަ އަހަރު ފެށުނުއިރު ވެސް ކޮވިޑްގެ އަސަރު ދުނިޔޭގެ އެކި ހިސާބުތަކަށް ފޯރާފައި ވީނަމަވެސް، ރާއްޖެއާއި ހަމައަށް އެ ނުބައި ވައިރަސް ދަތުރު ނުކުރާނެ ކަމަށް އަޅުގަނޑުމެން އެންމެން ވެސް އުންމީދު ކުރީމެވެ. އަދި އެކަމަށް ޓަކައި ކަމާބެހޭ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިއެވެ.

އަހަރު ފެށިގެން މާރިޗު މަހާ ހަމައަށް އާންމު ދިރިއުޅުމުގައި ކުރިން ވެސް އުޅުނު ފަދައިން އުޅެވުނު ކަމުގައި ވިޔަސް، އޭގެ ފަހުން މުޅި 2020 ނިންމާލަން ޖެހުނީ މާސްކާއި ސެނިޓައިޒަރަށް ބަރޯސާ ވެގެން އޭގެން ރައްކާތެރިކަން ހޯދައިގެންނެވެ. ޗައިނާއިން އުފެދިގެން ވުޖޫދަށް އައި މިވައިރަސް ގެ ސަބަބުން ދުނިޔޭގެ އެންމެން ޖެހުނީ އަތް ދޮވެ ދޮވެ ތިބޭށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށާއި ސަލާމަތްވުމަށް އެންމެން ވެސް ދުޢާކޮށް، ރައްކާތެރިވުމުގެ ގޮތުން އިތުރަށް އެޅިދާނެ ފިޔަވަޅުތަކަށް ގިނަ މީހުން ތަބާވާން ފެށިއެވެ. މާސްކު ނާޅާ ބޭރަށް ނުނިކުތުމާއި، ގިނަގިނައިން އަތް ދޮވުމާއި ނުވަތަ ސެނިޓައިޒަރު ބޭނުން ކުރުމުގެ އިތުރުން އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށް ވެސް ސަމާލުކަން ދިނެވެ. މީގެ އިތުރުން މާލެ ސަރަޙައްދުގައި، ވަކި ވަގުތުތަކުގައި ބޭރުގައި އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް އެޅި ފިޔަވަޅުތަކަށް ވެސް ގިނަ ބަޔަކު ބޯލެނބިއެވެ.

އޭގެ ނަތީޖާ ވަރަށް ވެސް ފޮންޏެވެ. ރާއްޖޭގައި ކުރިން ފައްސިވާ މީހުންގެ އަދަދު 100 އަށްވުރެ މަތީގައި ހުރި ހުރުން އިސާހިތަކު މަދުވެގެން ދިޔައެވެ. ފައްސިވާ މީހުންގެ އަދަދު ގިނަ ދުވަސް ދުވަހު 30 އަށްވުރެ ވެސް މަދެވެ. އަދަދުތައް މަދުވުމުގެ އުފާވެރި ޚަބަރަކަށްވީ ކޮވިޑާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކާފިއު ގަޑިތައް ވެސް އުވާލާ، ވަރަށް ބޮޑު ލުޔެއް ދޭން ފެށިއެވެ.

ނަމަވެސް ހިތާމައަކީ އަނެއްކާވެސް އަދަދުތައް ކޮންމެވެސް ވަރަކަށް އިތުރުވަމުން އަންނަ ކަމެވެ. އެގޮތުން މިހާތަނަށް މުޅި މިހަފްތާގެ ނަތީޖާތަކަށް ބަލާލާއިރު އެންމެ މަދުން މީހުން ފައްސި ވެފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެދުވަހު 25 މީހުން ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވެއެވެ. ނަމަވެސް އޭގެ ފަހުން ނަތީޖާތައް މުޅިން ވެސް އުޅެނީ 40 އަށްވުރެ މަތީގައެވެ.

އިއްޔެ ވެސް ރާއްޖެއިން ކޮވިޑް ބައްޔަށް 59 މީހުން ފައްސި ވެފައިވާއިރު، އިތުރު 37 މީހުން ބަލިން ފަސޭހަ ވެސް ވެފައިވެއެވެ. އިއްޔެ މާލެ ސަރަޙައްދުން 33 މީހުން މިބައްޔަށް ފައްސި ވެފައިވާއިރު އަތޮޅުތެރެއިން 20 މީހުން އަދި ހިންގަމުން އަންނަ ރިސޯޓުތަކުން 6 މީހަކު ފައްސި ވެފައިވެއެވެ.

ދާދި ފަހުން ގއ. ދެއްވަދޫން އުފެދުނު ކްލަސްޓަރ އަކުން އެރަށާއި ލ. ފޮނަދޫއާއި ލ. ގަން މިހާރު ވަނީ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށިއެވެ.

މިހާތަނަށް ރާއްޖެއިން 14،218 މީހުން މިބައްޔަށް ފައްސި ވެފައިވާއިރު 13،402 މީހުން ބަލިން ރަނގަޅު ވެފައިވެއެވެ. އަދި 49 މީހުން ރާއްޖެއިން މިބަލީގައި ވަނީ ނިޔާވެފައެވެ.

ކޮވިޑަށް ފައްސިވާ ކޭސްތައް އިތުރުވަމުން ދިޔުމާއެކު، ބައެއް ރައްޔިތުންގެ ހިތްތަކުގައި މިވަނީ ބިރުވެރިކަން އަނެއްކާވެސް އުފެދި ސުވާލުތައް ވެސް އިތުރުވެފައެވެ. އެގޮތުން އެއް ބައެއްގެ ހިތުގައި އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ، ވިހި ވިއްސާއި އެއްފަދައިން 2021 ވެސް ނިމިގެން ދާނީ މިބަލި މަޑުކަމުގައިތޯއެވެ. މީގެއިތުރުން މިބަލީގެ އައު ވޭރިއަންޓްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެދެމުން ފެތުރެމުން ދިޔުމުން، ރާއްޖެއާއި ހަމައަށް ކޮވިޑްގެ މި އައު ވައްތަރުތައް އައިސްދާނެ ކަމުގެ ބިރު ވެސް އެބައޮތެވެ.

ކޮވިޑަށް މިހާރު ވެކްސިން ވެސް އުފައްދާފައިވާއިރު، ވެކްސިން ރާއްޖެއާ ހަމައަށް އަންނާނީ ކޮން އިރަކުންތޯ، އެވެކްސިނަށް އިތުބާރު ކުރެވޭތޯ ވެސް ބައެއް ރައްޔިތުން ސުވާލު އުފެދެއެވެ. ސަބަބަބީ ވެކްސިނާމެދު އެކިއެކި ވާހަކަތައް ފެތުރެމުން ދިޔުމެވެ. ވެކްސިން ޖެހި އެއްބަޔަކު، އެމީހުންގެ ހާލު ރަނގަޅު ކަމަށް ބުނާއިރު، ދުނިޔޭގެ އެހެން ބައެއް މީޑީއާތަކުން އެކި ގޮތްގޮތަށް އެވާހަކަތައް ގެނެސް ދިނުމެވެ.

ކޮންމެއަކަސް އަދިވެސް އަޅުގަނޑުމެންނަށް މިކަމާމެދު ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ ކުރިން ރައްކާތެރިވެ، ސަމާލުވެގެން އުޅުނު ފަދައިން މިހާރު ވެސް އުޅުމެވެ. ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނިކުތް ނަމަވެސް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއި ގިނަގިނައިން އަތް ދޮވުން ފަދަ އާދަކާދަތައް އަޅުގަނޑުމެންގެ ކިބައިގައި އަދިވެސް އިތުރަށް ހަރުލެއްވުމެވެ. އެއިރު ކުރިމަތި ވެދާނެ ކަމަށް ލަފާ ކުރެވޭ ނުރައްކަލުގެ ރަނގަބީލު ޖެހުމުގެ ކުރިން، އޭގެ އަޑު ކެނޑިގެން ހިނގައިދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!