ޖެނުއަރީ 26 ވަނަ ދުވަހު ރާއްޖެއަށް ކޮވިޑް-19 ވެކްސިން ލިބޭނެ
މި ހިނގާ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކޮވިޑް-19 ވެކްސިން ލިބޭނެ ކަން ކަށަވަރު ވެފައިވާ ކަމަށް ދައުލަތުގެ މީޑިއާ އިން ރިޕޯޓުކޮށްފިއެވެ.
ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތުގެ އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކާ ހަވާލާދީ "ޕީއެސްއެމް ނިއުސް" ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި 26 ވަނަ ދުވަހު ރާއްޖެއަށް ވެކްސިން ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެއިން ގެނައުމަށް ނިންމާފައި ވަނީ އޮކްސްފޯޑާއި އެސްޓްރަޒެނިކާ ގުޅިގެން އުފެއްދި ވެކްސިނެވެ. އަދި މި ވެކްސިން ހޯދުމަށް ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ އެސްޓްރާޒެނެކާ ޕްރައިވެޓް ލިމިޓެޑްއާއެކު އެއްބަސްވުމުގައި ސޮއި ކުރަން ނިންމައި އެކަމަށް ކުރަމުން ޖެހޭ މަސަައްކަތް ކުރަމުން އަންނަ ކަމަށް މިދިޔަ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ވެކްސިން ބަހައްޓަން ޖެހޭ ފިނި ހޫނުމިނާއި ތަންތަނަށް ގެންދިޔުމުގައި ހުރި ފަސޭހަކަން ކަމަށް ވިސްނައި އޮކްސްފޯޑާއި އެސްޓްރަޒެނިކާ ގުޅިގެން އުފައްދާ ވެކްސިނަކީ ރާއްޖެއަށް އެންމެ އެކަށޭނެ ވެކްސިން ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ވެކްސިން ރައްކާކުރުމަށް ބޭނުންވާ ފިނި ކޮށާރުތަކެއް ހެދުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރަމުންނެވެ. ޑަބްލިއުއެޗްއޯގެ އެހީގައި ބައިނަލްއަޤުވާމީ ވެކްސިން ޕްރޮގްރާމް ކޯވެކްސްގެ ދަށުން ރާއްޖޭގެ އާބާދީގެ %20އަށް ހިލޭ ވެކްސިން ލިބޭނެ ގޮތް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
الحمدالله