ޚަބަރު

50 އަހަރުން މަތީގެ ދެ މީހުންނާއެކު، ކިނބިދޫން 3 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތ. ކިނބިދޫން ކޮވިޑް-19 އަށް ތިން މީހަކު ފައްސިވެއްޖެ އެެވެެ.

Ads by Sosun Fihaara

"ދެން" އަށް މަޢުލޫމާތު ދެއްވަމުން ކިނބިދޫ ކައުންސިލު ގެ ނައިބު ރައީސް ޢަބްދުﷲ ނާޒިމް ވިދާޅުވީ، ކޮވިޑަށް ފައްސިވެފައި ވަނީ އުމުރުން 50 އަހަރުން މަތީގެ ދެމަފިރިއަކާއި އެމީހުންގެ ދަރިފުޅު ކަމަށެވެ.

"އެމީހުން ވަރަށް ފަހުން މާލެ ގޮސްފައި އެއައީ. ކޮވިޑަށް ފައްސިކަން އެނގުނީ މާލެއިން އައިސް ކަރަންޓީނުގައި ހުރިއިރު، ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ހެދުމުން. ކަރަންޓީނު މުއްދަތު ވެސް ހަމަ ނުވަނީސް އެނގުނީ ފައްސިކަން." ނާޒިމް ވިދާޅުވިއެވެ.

ކިނބިދޫ ކައުންސިލު ނައިބު ރައީސް އިތުރަށް ވިދާޅުވީ، ފައްސިވީ ދެމަފިރިންގެ ތެރެއިން ފިރިހެން މީހާއަކީ ހައިރިސްކު މީހަކަށްވާތީ ލ. ގަމުގައި ހުންނަ ކޮވިޑް ފެސިލިޓީއަށް އެމީހުން ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ހައިރިސްކު ވެފައި ވަނީ ފިރިހެން މީހާ އެކަނި. ނަމަވެސް އަންހެން މީހާއާއި ކުއްޖާވެސް ދާން ބޭނުންވާތީ ތިން މީހުން ވެސް ގަމު ފެސިލިޓީއަށް ދާގޮތަށް ނިންމީ. އެކަމަކު ކަނޑު ގަދަކަމުން އަދި އެމީހުންނަށް ފުރޭ ގޮތް ނުވެގެން އަދި ތިބީ ކަރަންޓީނުގައި" ނާޒިމް ވިދާލުވިއެވެ.

އެތިން މީހުންވެސް ފައްސިކަން އެނގިފައި ވަނީ އިއްޔެ ކަމަށް ނާޒިމް ވިދާޅުވެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!