ޚަބަރު

ގއ އަތޮޅު ފެރީން ދަތުރުކުރި ފަރާތްތައް ކަރަންޓީނުވާން އަންގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ގއ. އަތޮޅުގައި ދުއްވާ އަތޮޅު ފެރީ "ކޮއިމަލާ 4" އިން ދަތުރު ކޮށްފައިވާ ފަރާތްތައް ކަރަންޓީނު ވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

Ads by Sosun Fihaara

އެ ފެރީން ދަތުރުކުރި މީހުން ކަރަންޓީނު ވާން އަންގާފައި ވަނީ މިއަދު އެ އަތޮޅު ދާންދޫން ޕޮޒިޓިވްވި މީހާއާ ގުޅިގެން ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެޗްޕީއޭ އިން ބުނެފައި ވަނީ ފެރީން ދަތުރުކުރި މީހުން ވީ އެންމެ އަވަހަކަށް އެރަށެއްގެ ސިއްޙީ ހިދުމަތްދޭ ތަނަކަށް އަންގައިދިނުމަށާއި 23 ޖަނަވަރީ 2021 ވަންދެން ކަރަންޓީނުވެ ތިބުމަށެވެ.

ދެއްވަދޫން ފުރަތަމަ ކޮވިޑް ކޭހެއް ރިޕޯޓް ކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮޒިޓިވްވީ އެރަށުގައި ހޯމް ކަރަންޓީގައި ހުރި މީހެކެވެ. ދާންދޫ އާއި ވިލިނގިލިން ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން މި ދެރަށް ވެސް މިހާރު ވަނީ މޮނިޓަރިންނަށް ލާފައެެވެ. މިދެ ރަށުގެ ވެސް ކޮންޓެކްޓް ޓްރޭސިންގ މިހާރު ހަދަމުންދާ ކަމަށް ވެސް އެޗްއީއޯސީން ބުނެފައިވެއެވެ.

ވިލިނގިލީ މޮނީޓަރިންގެ ހާލަތަށް ލާފައިވާއިރު، އެ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެ ސްކޫލް ވެސް މިއަދު ވަނީ ބަންދު ކޮށްފައެވެ. ދެއްވަދޫގެ އެންމެފަހުގެ އަޕްޑޭޓަށް ބަލާއިރު، އެރަށުން 33 މީހަކު ކޮވިޑަށް ފައްސިވެ ތިން މީހަކު ބަލިން ފަސޭހަ ވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!