ހުޅުމާލޭގެ ބައެއް މަގުތައް އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކުރަނީ

މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރަން ހުޅުމާލޭގެ ބައެއް މަގުތައް އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލު ކުރަން މަސައްކަތް ކުރާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެއް ކޮޅަށް ދުއްވޭ ގޮތަށް ބަދަލު ކުރަނީ ހުޅުމާލޭގެ 20 މަގެކެވެ. އެޗްޑީސީން ބުނީ ހުޅުމާލޭގެ މަގުތައް ބޭނުން ކުރާ ފަރާތްތައް އިތުރުވަމުން އަންނާތީ، މާލޭ ސިޓީގެ އެ ރަށުގެ މަގުތަކަކީ ރައްކާތެރި އަދި ފަސޭހައިން ދަތުރު ކުރެވޭ މަގުތަކެއް ކަމަށް ހަދަން ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި އެ ޕްލޭންގެ ދަށުން ބައެއް މަގުތައް އެއް ކޮޅަށް ދަތުރު ކުރާ ގޮތަށް ބަދަލު ކުރުމުގެ މަސައްކަތް އިއްޔެ ފަށާފައި ވާ ކަމަށެވެ.

ހުޅުމާލޭގައި އެއްކޮޅަށް ދުއްވާގޮތަށް ކަނޑައަޅާފައިވާ މަގުތައް
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނީ މި މަސައްކަތް އެޗްޑީސީން ފަށާފައި ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މަޝްވަރާ ކުރުމަށް ފަހުއެވެ. ހުޅުމާލޭ ނޭބަހުޑް 2ގައި ހިމެނޭ މި 20 މަގު އެއްކޮޅަށް ދުއްވާގޮތަށް ހަމަޖެއްސުމުން ދުއްވާ މީހުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.