ޚަބަރު

ސިއްހީ ހިދުމަތްތެރިންނަކީ ގައުމީ ބަތަލުން: މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

ސިއްހީ ހިދުމަތްތެރިންނަކީ ގައުމީ ބަތަލުގެ ގޮތުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް ސިފަ ކުރައްވައިފިއެވެ.

Ads by MWSC

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ގިނަ ބަޔަކު ތިބީ ގެއަށް ވަޑައިނުގަތް ކަމަށާއި އެ ބޭފުޅުން ތިއްބަނީ ވަކިން ހާއްސަ ކުރެވިފައި ހުންނަ އެޕާޓްމަންޓުތަކުގައި ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެ ބޭފުޅުންނަށް ގެއަށް ވަޑައިގަތް އާއިލާ މީހަކަށް ބަލި ޖެހިދާނެތީ ދިވެހިންގެ ހިދުމަތުގައި އެ ތިއްބަވަނީ ގެއަށް ވެސް ވަޑައިނުގަތް ކަމަށާއި އެތައް ބަޔަކު އެ މަސައްކަތް ކުރަނީ ދުވާލާ ރޭގަނޑު ހުއްޓުމެއްނެތި ކަމަށެވެ.

"ސިއްހީ ހިދުމްތެރިން އެ ތިއްބަވަނީ ނުހަނު ބޮޑު ނުރައްކަލަކަށް ހުށަހެޅިގެން. އެ ބޭފުޅުން އެ ކުރައްވާ މަސައްކަތަކީ މި ޖީލު ދެކޭނެ އެންމެ މުހިންމު އެއް މަސައްކަތް. އަޅުގަނޑުމެންގެ ގައުމީ ބަތަލުން އެ ބޭފުޅުންނަކީ އެހެންވީމަ އަޅުގަނޑުމެން އެންމެންގެ ނަމުގައި ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ޝުކުރުއަދާ ކުރަން ބޭނުން،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އެ މަސައްކަތް ކުރެވެނީ ޑޮކްޓަރަކަށް ނުވަތަ ނަރުހަކަށް އެކަނި ނޫން ކަމަށާއި ސިއްހީ ހިދުމަތުގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅންނާއި އެ ބޭފުޅުންގެ ސަޕޯޓު ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަކީ ވެސް މިއަދު ނުހަނު މުހިންމު މަސައްކަތްތަކެއް ކުރައްވާ ބައެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!