އެންމަޑި މަރުވުން އިތުރުވާތީ އީޕީއޭގެ ކަންބޮޑުވުން

ކަނޑު އުޅަނދުތަކުން މޫދާއި ކަނޑު އަޑީގައި އަޅާ ވާތަކުގައި ތާށިވެ އެންމަޑި މަރުވުން އިތުރުވެފައި ވާތީ އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާރަކަށް އައިސް ކަނޑު އުޅަނދުތަކުން އަޅާ ވަލުގައި ތާށިވެ، މަޑީގެ ބާވަތެއް ކަމަށްވާ އެންމަޑި މަރުވުން އިތުރުވެފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ ބާވަތްތަކަކީ ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިގްތިސާދީ ގޮތުން މުހިއްމު ދިރުންތަކެއް ކަން ފާހަގަކޮށް އީޕީއޭއިން ވަނީ އުޅަނދުފަހަރު އެޅުމަށްޓަކައި މޫދާއި ކަނޑުގައި އަޅާފައިވާ ވާތަކުގެ ސަބަބުން އެންމަޑި ފަދަ ކަނޑުގެ ބޮޑެތި ދިރުންތަކަށް ގެއްލުން ނުވާނެ ގޮތަށް "މޫރިންގް ސިސްޓަމްތައް" ފަރުމާކޮށް އެޅުމަށް އިލްތިމާސް ކޮށްފައެވެ.
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކަނޑުގެ މާހައުލުގައި އުޅޭ މަޑީގެ ހުރިހާ ބާވަތެއް ހިމާޔަތްކޮށްފައި ވަނީ ޖޫން 16، 2014 ގައެވެ.