ޚަބަރު

ވިޔަފާރި ބަނދަރަކަށް އެންމެ ރަނގަޅީ ތިލަފުށި: ޑރ. މުޢިއްޒު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިސަރަޙައްދުގައި ވިޔަފާރި ބަނދަރެއް އަޅަން އޮތް އެންމެ ރަނގަޅު ތަނަކީ ތިލަފުށި ކަމަށާއި އެއީ ޓެކްނިކަލް ގޮތުން ބަލާއިރު ވެސް ފެންނަން އޮތް ހަޤީޤަތް ކަމަށް މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ތިލަފުށީގައި ވިޔަފާރި ބަނދަރު އަޅަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ނިންމި ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އެނިންމުން ވަނީ ބަދަލު ކުރައްވާފައެވެ. އަދި މިސަރުކާރުން ބުނެފައިވާ ގޮތުގައި ވިޔަފާރި ބަނދަރު އަޅާނީ ގުޅީފަޅު ގައެވެ. އަދި އެމަސައްކަތް ކުރުމަށް ގުޅިފަޅު ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މިކަމާ ގުޅޭގޮތުން ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގުޅީފަަޅުގައި އަޅަން ނިންމާފައި އޮތް ޕޯޓު ތިލަފުއްޓަށް ބަދަލު ކުރުމުގައި އެއްވެސް ޓެކްނިކަލް މައްސަލައެއް ނެތް ކަމަށެވެ.

"އެކަން ސަރުކާރުން ނުކުރެވެންވީ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ. އަދި މިސަރަޙައްދުގައި ޕޯޓެއް އަޅަން އެންމެ ރަނގަޅީ ތިލަފުށިކަން އެއީ ޓެކްނިކަލީ ބަލާއިރު ފެންނަން އޮތް ހަގީގަތް" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މިސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ބަނދަރު ހެދުމުގެ މުޅި މަޝްރޫޢުއަށް 120 މިލިއަން ޑޮލަރު (1.86 ބިލިއަން ރުފިޔާ) އަރާނެއެވެ. ބީލަމަށް ނުލައި ބޮސްކާލިސްއާ ފުރަތަމަ ފިޔަވަހި ހަވާލުކުރީ 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށެވެ. ބޮސްކާލިސްއާ ހަވާލުކުރި ފުރަތަމަ ފިޔަވަހި ނިމުމުން ދެން ހިއްކާނީ ކިހާ ސަރަހައްދެއް ކަމެއް މިހާތަނަށް އާއްމެއް ނުކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!