ދީން

ތިބާ އައު ދުވަހަކަށް ލޯހުޅުވާލާނެ ފުރުސަތެއް ލިބުނީތީ ޝުކުރުވެރިވާށެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ސިކުންތަކަށް ފަހު ސިކުންތެއް ހިނގާނެއެވެ. އަދި ކޮންކެ ސިކުންތަކާއެކު ތިބާގެ ޙަޔާތުން ސިކުންތެއް ވެސް އުނިވަމުން ދާނެއެވެ. އަދި މި ވަގުތުގައި ވެސް އެތައް ބަޔަކު މި ދުނިޔެއިން އަލްވަދާއު ކިޔާފައިވާއިރު، އެތައް ކުދިންނެއް ދުނިޔެއަށް މަރުޙަބާ ވެސް ކިޔަމުން ވެސް އެބަދެއެވެ.

އައު ދުވަހަކަށް ކަންކަން ރޭވުމަށް ފަހު ތިބާ ތިޔަ ނިދަން އަރާ އޮށޯންނަނީ، މާދަމާ ތިބާއަށް ލޯ ހުޅުވާލުމުގެ ފުރުސަތު އޮތް ކަމެއް ނުވަތަ ނެތް ކަމެއް ވެސް ނޭނގޭ ޙާލަތުގައެވެ. ދިރިއުޅުމަކީ ކޮންމެ ތަނަކުވެސް އަދި ކޮންމެ ގޮތަކަށް ވެސް ބަދަލު ވުމުގެ އިޚްތިޔާރު ލިބިގެންވާ އެއްޗެކެވެ.

ވީއިރު ތިބާގެ ދިރިއުޅުމުގައި މިހާރު ލިބޭ ހުސް ވަގުތުތައް ބޭކާރު ކޮށްލުމަކީ ހާދަހާ މޮޔަ ކަމެކެވެ. މިއަދު އެތައް ބައެއް މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކިޔައިފިއެވެ. އެކަމުން ވެސް ތިބާ ޢިބުރަތް ލިބިގަންނާކަށް ނުވޭ ހެއްޔެވެ؟ އަދި އުޅުން އިސްލާހު ކުރާކަށް ނުވޭ ހެއްޔެވެ؟

ދަނޑުމަތީގައި ކުޅެން ހުއްޓާ ވެސް މަރު އައިސްދާނެއެވެ. އަދި ކޮންމެ ގޮތަކަށް ވެސް އައިސްދާނެއެވެ. ވިސްނަންވީ ތިބާގެ އެންމެ ގާތުގައިވާ އެއްޗަކީ ތިބާގެ މަރުކަމެވެ. ޖެހިގެން އަންނަ ދުވަހަށް ތިބާއަށް ލޯ ހުޅުވައި ލެވުމަކީ ތިބާއަށް ލިބިގެން ދާ އިތުރު ފުރުސަތެއް ކަމެވެ. އެހެންކަމުން އެ ފުރުސަތު ދެއްވީތީ އެކަލާނގެ ޙަޟްރަތަށް ޝުކުރުވެރިވާށެވެ. އަދި ލިބުނު ފުރުސަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް މަސައްކަތް ކުރާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!