ޑުޕަރ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖް 2021: ބޮޑު ތަފާތަކުން އޯވަންއޯ މޮޅުވިއިރު، ރެމްޕޭޖަށް މުހިންމު މޮޅެއް!
ޑުޕަރ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖުގައި އޯވަން އޯ އާއި ޕާކް ބޯއީސް ބައްދަލު ކުރި މެޗު 9-2ގެ ނަތީޖާ އަކުން އޯވަންއޯ އިން ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތުގެ މެޗުތައް މިރޭ ފަށާފައިވާއިރު މި މުބާރާތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފްއެވެ.
މިރޭގެ ފުރަތަމަ މެޗުގައި އޯވަން އޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވެ ޕާކް ބޯއީސްގެ ގޯލަށް ގިނަ ހަމަލާތަކެއް އެޓީމުން ވަނީ ފޮނުވާލާފައެވެ. ނަތީޖާއަކަށްވީ މެޗުގެ ދެވަނަ މިނެޓުގައި އޯވަންއޯގެ ހަތް ނަންބަރު ރޮނާ ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށްވަދެ މެޗުގައި ފުރަތަމަ ލީޑު އެޓީމުން ނެގުމެވެ، މި ގޯލް ރޮނާ ކާމިޔާބު ކުރީ ކައިރިއަށް އައި ޕާކް ބޯއީސްގެ ނާއިމް ކައިރިން ވަރަށް ރީއްޗަށް ނައްޓާލުމަށް ފަހުގައެވެ.
ފުރަތަމަ ގޯލަށް ފަހު ވެސް އޯވަންއޯގެ ފަރާތުން ފެނިގެން ދިޔައީ ތަފާތު މޮޅު ކުޅުމެކެވެ. ގިނަ ހަމަލާތަކެއް ޕާކް ބޯއީސްގެ ގޯލަށް ފޮނުވާލުމަށްފަހު މެޗުގެ ހަތަރުވަނަ މިނެޓުގައި އޯވަން އޯ އިން އަނެއްކާ ވެސް ގޯލެއް ޖެހިއެވެ. މި ގޯލަކީ އޯވަންއޯ އަށް ލިބުނު ކައުންޓަރ އެޓޭކެއްގައި އެޓީމުގެ 11 ނަންބަރު ސެޕީ އާއި މުނީޒްގެ ފަރާތުން ވަރަށް ރަނގަޅު ކޮމްބިނޭޝަނެއް ފެނިގެން ދިޔަ ގޯލެކެވެ. ދެ ކުޅުންތެރިންގެ ވަންޓޫ ވަން ޕާސްތަކަކަށް ފަހު މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ މުނީޒްއެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން އޯވަންއޯ އިން ވަނީ އިތުރު އެއްގޯލް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. އެގޮތުން މި ގޯލް އެޓީމަށް މެޗުގެ 19 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖާރޒީ ނަންބަރު 5 ލިޔާހުއެވެ. މި ގޯލަކީ އެޓީމުގެ 10 ނަންބަރު ހަމްދާން ދިން ޕާހަކުން ލިޔާހު ކާމިޔާބު ކުރި ހިތްގައިމު ގޯލެކެވެ.
ލިޔާހުގެ ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 3-0ގެ ނަތީޖާއަކުން އޯވަންއޯ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފަށް ނިކުމެ އޯވަންއޯގެ ފަރާތުން ފެނިގެން ދިޔައީ މާ ވަރުގަދަ ކުޅުމެކެވެ. އެގޮތުން މެޗު ފަށައިގެން ފުލުފުލުގައި ޕާކް ބޯއީސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލަމުން ދިޔައެެވެ. ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައި އޯވަން އޯގެ ޖާރޒީ ނަންބަރު 11 ސެޕީ ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބު ކޮށްދީފައެވެ.
ދެވަނަ ހާފް ފެށި ޕާކް ބޯއީސްގެ ފަރާތުން ހިސާބަކަށް ވަރުބަލިކަން ފެނިގެން ދިޔައެވެ. ނަތީޖާއަކަށްވީ އޯވަންއޯ އިން ފުލުފުލުގައި ތިން ގޯލް ކާމިޔާބު ކުރުމެވެ. އެގޮތުން މެޗުގެ 7 ވަނަ މިނެޓުގައި އޯވަންއޯގެ ނުވަ ނަންބަރު މުނީޒް ފޮނުވާލި ބޯޅަ ގޯލަށް ވަދެ މެެޗުގައި އޯވަންއޯ އިން ލީޑު ފުޅާ ކުރިއެވެ. އަދި އޭގެ ޖެހިގެން އައި މިނެޓުގައި އޯވަންއޯގެ ފަސް ނަންބަރު ލިޔާހު ޕާކްބޯއީސްގެ އޭރިއާ ލައިނުމަތިން ފޮނުވާލި ބޯޅަ ވަނީ ގޯލަށް ވަދެފައެވެ. މިގޯލަށް ފަހު އޭގެ ޖެހިގެން އައި މިނެޓުގައި އޯވަންއޯ އިން ވަނީ ގޯލެއް ޖަހާ ހަތް ގޯލުގެ ލީޑެއް ނަގާފައެވެ.
އޯވަންއޯގެ މި ގޯލަށްފަހު ޕާކް ބޯއީސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ޖެހިޖެހިގެން ދެގޯލު ކާމިޔާބު ކޮށްފައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ގޯލް މެޗުގެ 11 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖާރޒީ ނަންބަރު 9 ލަހުފާންއެވެ. އަދި އޭގެ ޖެހިގެން އައި މިނެޓުގައި އެޓީމުގެ 80 ނަންބަރު ސައިހާން ވަނީ އިތުރު ގޯލެއް ކާމިޔާބު ކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.
މެޗުގައި ފެނިގެން ދިޔަ ފަހު ގޯލަކީ ޕާކް ބޯއީސްގެ ޖާރޒީ ނަންބަރު 14 ޝައުފްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އެ ގޯލާއެކު މެޗު ނިމިގެން ދިޔައީ 9-2ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ މޭން އޮފް ދި މެޗްގެ މަގާމު ހާސިލް ކުރީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އޯވަންއޯގެ ޖާރޒީ ނަންބަރު 7 އަލީ ޝިފާއު (ރޮނާ) އެވެ.
މި މުބާރާތުގެ ދެވަނަ މެޗުގައި މިރޭ ބައްދަލު ކުރީ ހަލަބޮލި އާއި، ރެމްޕޭޖްއެވެ. މި މެޗު 3-2ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ރެމްޕޭޖްއެވެ.
#
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ދެ ގޯލް ކާމިޔާބު ކުރި ރެމްޕޭޖްގެ ޖާރޒީ ނަންބަރު 15 ޝިފާޒް އާދިލެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަ އަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ. ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ.
އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.