ޚަބަރު

އިންޑިއާއިން ހަދިޔާކުރި އެއްލައްކަ ޑޯޒްގެ އެސްޓްރާޒެނިކާ ވެކްސިނުން އުއްމީދު އާކޮށްދީފި: ނައިބު ރައީސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފެތުރެމުން އަންނަ ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާއިން ހަދިޔާކުރި އެއްލައްކަ ޑޯޒްގެ އެސްޓްރާޒެނިކާ ވެކްސިނުން، އުއްމީދު އާވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

Ads by MWSC

އިންޑީއާގެ ޤައުމީ އެއާލައިން ކަމަށްވާ އެއާ އިންޑިއާއިން މިއަދު 14:00 ގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް ގެނެއުމާ ގުޅިގެން ނައިބު ރައީސް ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ވެކްސިނާއެކު ރާއްޖެއަށް އާ އުއްމީދުތަކެއް ގެނެސްދީފި ކަމަށެވެ.

ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އަބަދުވެސް އިސްކަމެއް ދެއްވާކަން ފާހަގަ ކުރައްވަމުން، ނައިބު ރައީސް ވަނީ އެކަމަށްޓަކައި ރައީސް ޞާލިޙަށް ޝުކުރު އަދާ ކުރައްވާފައެވެ.

މީގެއިތުރުން އެސްޓްރަޒެނިކާ ކޮވިޝިލްޑް ވެކްސިންގެ ފުރަތަމަ ބެޗް ރާއްޖެއަށް ހަދިޔާކުރެއްވި ކަމަށްޓަަކައި އިންޑިއާގެ ސަރުކާރަށާއި އެޤައުމުގެ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ އިތުރުން އިންޑިއާ ހައިކޮމިޝަނަށް ވެސް ނައިބު ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

މިއަދު އިންޑިއާއިން ހަދިޔާކުރި އޮކްސްފޯޑްގެ އެސްޓްރާޒެނެކާ ވެކްސިންގެ އެއްލައްކަ ޑޯޒަކީ، އިންޑިއާގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި ހިލޭ އެހީއެކެވެ.

ކޮވިޑާ ދެކޮޅަށް އުފައްދާ ވެކްސިން އަވައްޓެރި ޤައުމުތަކަށް ފޮނުވަން ފަށާނެކަން މޯދީ ވަނީ އިއްޔެ އިއުލާނު ކުރައްވާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށުމަށް ވެކްސިނަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައެވެ. އެގޮތުން ރާއްޖޭގައި ބޭނުން ކުރާނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ލިބިފައިވާ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ވެސް ފެތޭ ވެކްސިންތަކެއް ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!