ކޮވިޑް-19: ފައްސިވީ މީހުން މިއަދު އެންމެ ގިނައީ މާލެ ސަރަޙައްދާއި ރިސޯޓުތަކުގައި
ރާއްޖެއިން މިއަދު 79 މީހުން ކޮވިޑް-19 އަށް ފައްސިވެ، އިތުރު 24 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 36 މީހުންނާއި އަތޮޅުތެރެއިން 6 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 35 މީހަކާއި ލިވް އެބޯޑް ދެ މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 14,712 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 13,639 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 49 އެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 79 މީހުންނެވެ.
ރާއްޖޭގައި ބަލި ފެތުރުން މިހާރު ބޮޑުތަނުން ކޮންޓްރޯލް ވެފައިވީ ނަމަވެސް، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ބައެއް ފަރާތްތަކުން ފަރުވާ ކުޑަކުރަމުން އަންނަކަން އެޗްޕީއޭއިން ފާހަގަ ކުރެއެވެ.
އެގޮތުން ބައެއް ފަރާތްތަކުން މިހާރު ބޭރުގައި އުޅޭއިރު މާސްކު ރަނގަޅަށް ނާޅާ އުޅޭކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.