އެއް ރިސޯޓުން އަނެއް ރިސޯޓަށް ދާނަމަ 10 ދުވަހަށް ކަރަންޓީނު ވާންޖެހޭ
ރިސޯޓުތަކުން ކޮވިޑް-19 އަށް މީހުން ފައްސިވަމުން އަންނަވަރު އިތުރުވަމުންދާތީ، އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރު ކުރާ މުވައްޒަފުން 10 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހޭނެކަމަށް ނިންމައިފިއެވެ.
އެއް މެނޭޖްމަންޓަކުން ހިންގާ ރިސޯޓަކަށް ދިޔުމަށް މީގެކުރިން ކަރަންޓީނު ވާކަށް ނުޖެހެއެވެ. ނަމަވެސް ކޮވިޑް-19 އަށް ފައްސިވާ އަދަދު އިތުރުވަމުންދާތީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ދަނީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އިތުރު ކުރަމުންނެވެ.
އެގޮތުން އެމިނިސްޓްރީން ބުނީ މި މަހުގެ 19ވަނަ ދުވަހު އެ މިނިސްޓްރީ އިން އުސޫލެއް ނެރެފައިވާނެ ކަމަށާއި އެ އުސޫލުގައި އެއް ރިސޯޓުން އަނެއް ރިސޯޓަށް ދާ ފަރާތްތައް 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާނެ ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ގިނަ ދުވަސް ދުވަހު 30 އަށް ވެސް ނޭރި ނަމަވެސް، މިހާރު އަނެއްކާވެސް މިއަދަދުތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރު ގިނަ ދުވަސް ދުވަހު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 50 އަށްވުރެ މަތިކަން އެޗްޕީއޭއިން ވެސް ވަނީ ފާހަގަ ކޮށްފައެވެ.