ކޮވިޑް-19: މިއަދު ވެސް ރާއްޖެއިން ފައްސިވީ އަދަދު 100 އަށްވުރެ މަތި
ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 109 މީހުން ފައްސިވެ 35 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 78 މީހުންނާއި އަތޮޅުތެރެއިން 11 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 20 މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 15،102 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 13،884 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 51 އެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 87 މީހުންނެވެ.
ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 390،396 ސާމްޕަލް ނަގައިފައި ވެއެވެ.
ރާއްޖޭގައި ބަލި ފެތުރުން މިހާރު ބޮޑުތަނުން ކޮންޓްރޯލް ވެފައިވީ ނަމަވެސް، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ބައެއް ފަރާތްތަކުން ފަރުވާ ކުޑަކުރަމުން އަންނަކަން އެޗްޕީއޭއިން ފާހަގަ ކުރެއެވެ.
އެގޮތުން ބައެއް ފަރާތްތަކުން މިހާރު ބޭރުގައި އުޅޭއިރު މާސްކު ރަނގަޅަށް ނާޅާ އުޅޭކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.