ޚަބަރު

ބިދޭސީންނަށް ވެސް ވެކްސިން ދޭނީ ދައުލަތުގެ ޚަރަދުގައި: ނަޒްލާ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑު-19 ގެ ބިރުވެރި ވަބާއިން ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން ސަލާމަތް ކުރެވޭނީ އެންމެން ވެސް ކޮވިޑު ވެކްސިން ޖަހައިގެން ކަމަށާއި، އެގޮތުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވެސް ދައުލަތުގެ ޚަރަދުގައި ވެކްސިން ދެވިގެން ދާނޭ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ނަޒްލާ މިހެން ވިދާޅުވީ ކޮވިޑާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިފައިވާ އެންމެހާ ސުވާލުތަކަށް ޖަވާބު ދިނުމަށް ތައްޔާރުކުރެވުނު “ޖަޒީރާ ސައްލާ” ގެ ނަމުގައި މިއަދު ކުރިއަށް ގެންދިޔަ ޕްރޮގުރާމެއްގައި ވާހަކަ ދައްކަމުންނެވެ.

ވަގުތުން ކުރިއަށް ގެންދިޔަ މި ސޯޝަލް މީޑިއާގެ ޕްރޮގުރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވީ ޑރ. ނަޒްލާ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު އެވެ.

އެގޮތުން ޓްވިޓާ މެދުވެރިކޮށް މީހަކު ކުރި ސުވާލެއްގައި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ވެސް ވެކްސިން ޖަހާނީ ދައުލަތުގެ ހަރަދުގައިތޯ އެހުމުން ނަޒްލާ ވިދާޅުވީ ބިދޭސީންނަށް ވެސް ވެކްސިން ޖަހާނީ ދައުލަތުގެ ހަރަދުގައި ކަމަށެވެ. އަދި މި ބަލިން އަރައިގަނެވޭނީ އެންމެން ވެސް ރައްކާތެރިވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މި ސުވާލުގެ ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ މިއީ ކޮންމެހެން ކޮށްދޭން ޖެހޭނެ ކަމެއް ކަމަށާއި، އެ މީހުންނަކީ، ދިވެހިން ނޫން ނަމަވެސް ރާއްޖޭގައި ވަރަށް ބޮޑު ރޯލެއް އަދާ ކުރާ ބައެއް ކަމަށް ވިދާޅުވި އެވެ. އަދި ހާއްސަކޮށް ރާއްޖޭގެ އިގްތިސާދަށް ބޮޑު ހިއްސާއެއް އަދާކުރާ ބައެއް ކަމަށް މަބްރޫކް ފާހަގަ ކުރެއްވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!