ފަތުރުވެރިން ކަރަންޓީނު ވާން ނުޖެހި އާންމުން ކަރަންޓީނު ވާން ޖެހެނީ ކީއްވެ؟
ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިންނަށް ކަރަންޓީނު ނުވެ ރަށްތަކާއި ރިސޯޓްތަކުގައި އުޅެވޭއިރު، މާލެ އިންނާއި ރިސޯޓްތަކުން ރަށް ރަށަށް ދާ މީހުން ކަރަންޓީންވާން ޖެހޭ ގޮތަށް އުސޫލު ހަދާފައި ވަނީ ކީއްވެގެންކަން "ޖަޒީރާ ސައްލާ" ގައި ތަފްސީލު ކޮށްދީފިއެެވެ.
އެޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ ރާއްޖޭގެ އިކޮނޮމީވެސް ހުޅުވަން ޖެހޭ ކަމަށެވެ. އެއީ މީހުންގެ ވަޒީފާ ތަކާއި ރާއްޖޭގައި ދެން ހުރި އަސާސީ ހިދުމަތްތައް ދިނުމަށް، ފަތުރުވެރިކަަމަށް ބަރޯސާ ވާން ޖެހޭއިރު، ފަތުރުވެރިކަން ހުޅުވާލަން މަޖުބޫރުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މިގޮތަށް ހުޅުވާލާފައި ވަނީ ފިޔަވަޅުތަކަކާ އެއްގޮތަށްކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.
ފަތުރުވެރިން ރާއްޖެ އައިސް ކަރަންޓީނު ވާން ނުޖެހި މާލެ އާއި ރިސޯޓްތަކުގައި އުޅޭ މީހުން ކަރަންޓީންވާން ޖެހޭ ގޮތަށް ހަދާފައި ވަނީ ކީއްވެގެންކަން ހާމަ ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ ފަތުރުވެރިން އައިސް ރާއްޖޭގެ ރިސޯޓްތަކުގައި އުޅެނީ، ސްޓާފުންނާ ނޫނީ އެހެން މީހުންނާ އެހާ ބޮޑަށް މަސްހުނިވާ ގޮތަކަށް ނޫން ކަމަށެވެ.
"މީގެ ފަހަތުގައި އޮތް ޕްރިންސިޕަލްއަކީ ފަތުރުވެރިން އައިސް ރާއްޖޭގެ ރިސޯޓްތަކުގައި މި އުޅެނީ، ސްޓާފުންނާ ނޫނީ އެހެން މީހުންނާ އެހާ ބޮޑަށް މިންގަލްވާ ގޮތަކަށް ނޫން އާއްމުކޮށް އުޅޭ ހާލަތްތަކުގައި، ޓޫރިސްޓުން ވަރަށް ގިނައިން ފައްސިވޭ ރާއްޖެ އައިސް ފުރަން ސުންކު ނަގާއިރު، އެކަމަކު އެ މީހުންގެ ފަރާތުން ރިސޯޓުގެ ސްޓާފުންނަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ، އެއީ އެހާ ގާތުން މަސައްކަތް ނުކުރާތީ" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިގޮތަށް ގެސްޓް ހައުސްއެއްގައި އުޅޭއިރު ވެސް ސީދާ ސްޓާފުންނާ މާގިނަ ހާލަތްތަކުގައި، ފަތުރުވެރިން ކައިރިން ދިމާނުވާ ކަމަށާއި، އެހެންކަމުން އެ މީހުންގެ ފަރާތުން ރަށުގެ ތެރެއަށް ބަލި އައުމުގެ ފުރުސަތު ކުޑަ ކަންވެސް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.
އެހެން ނަމަވެސް މާލެ އިން މީހަކު ގޮސް އާއިލާ ކައިރީގައި ރަށުގައި ގޭގައި ހުންނައިރާއި، ރަށުގެ ތަންތަނަށް ގޮސް އުޅޭނެކަން ވެސް ފާހަގަ ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ، މިކަމުގެ ސަބަބުން ގިނަ މީހުންނާ މާބޮޑަށް ބައްދަލުވާ ކަމަށާއި، އެކަމުގެ ސަބަބުން ބަލި ފެތުރެން މެދުވެރިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.