ޚަބަރު

ނަބީލްއަށް ފުލުހުން އަނިޔާ ކުރި މައްސަލަ ހުށަހަޅައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވި ދުވަހު އިދިކޮޅުން ބޭއްވި އަޑުއުފުލުމުގައި ހައްޔަރު ކުރި ޕީއެންސީގެ ކައުންސިލް މެންބަރު ނަބީލް ޒަމީލަށް ފުލުހުން އަނިޔާ ކުރި ކަމުގެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

Ads by MWSC

މައްސަލަ ހުށަހަޅާ ނަބީލް ފުލުހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާ ރައީސް ޔާމީންގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން އެދުވަހު އެތަނަށް ދިޔަ ކަމަށާއި އޭނާ ހައްޔަރު ކުރީ އޭނާގެ ރައްޓެހިންތަކަކާއެކު އެތާ ހުއްޓާ އެއްވެސް ކަހަލަ ކޯޓު އަމުރެއް ވެސް އަދި ގާނޫނީ އިންޒާރެއް ވެސް ދިނުމަކާ ނުލާ ވަރަށް އަނިޔާވެރި ކޮށް ކަމަށެވެ. އަދި ހުކުރު ދުވަހުގެ ހުކުރު ވަގުތު ނިމެންދެން މާލޭ ކަސްޓޯޑިއަލް ގޮޅީގައި އޭނާ ބޭއްވުމަށް ފަހު އެއްވެސް ކުށެއް ނެތުމުން ފުލުހުން އަމިއްލައަށް އޭނާ ދޫކޮށްލާފައިވާ ކަމަށް ވެސް މި ސިޓީގައި ބުނެފައިވެއެވެ.

ނަބީލްގެ ސިޓީގައި އެދުވަހު އޭނާ ހައްޔަރުކޮށް 22 ގަޑިއިރުވަންދެން ބަންދުގައި ބޭއްވުމަށްފަހު ފުލުހުން ހިންގާފައިވާ ޣައިރު ގާނޫނީ ކަންކަން ކަމަށް ވެސް ބައެއް ކަންކަން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން އޭނާ ހައްޔަރު ކުރީ އެދުވަހު ހަވީރީ މަގުން ދުއްވާފައި ދިޔަ މީހަކު ބީއެޗްއެމް ޓްރޭޑާސް ވޭނަށް ގެއްލުން ދިނުމުގެ މައްސަލައިގެ ތުހުމަތުގައި ކަމަށް ބުނެފައިވާއިރު އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ނަބީލް ބުނެފައި ވެއެވެ.

ނަބީލް ވަނީ ފުލުހުންގެ މައްޗަށް ތިން ތުހުމަތެއް ކޮށްފައެވެ. އެގޮތުން އެއް ތުހުމަތަކީ ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށް ލާއިންސާނީ ރަހުމު ކުޑަ އަނިޔާ ކުރުމެވެ. އެގޮތުން، އެދުވަހު އޭނާގެ ބުރަކަށްޓަށާއި މައިބަދަ އަށް އަނިޔާ ކޮށްފައިވާ ކަމަށާއި އުޅަނބޮށިން އޭނާގެ މޭދަށުގައި ފުލުހަކު ވަރަށް ބާރަށް ޖަހާ އަނިޔާ ކޮށްފައިވާ ކަމަށް ވެސް ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.

ދެވަނަ ތުހުމަތެއްގައި ނަބީލް ފުލުހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ "ފޯލްސް އެެރެސްޓް" ކުރިކަމުގެ ތުހުމަތެވެ. އެއީ ހައްޔަރު ކުރަން ޖެހޭ މީހާ ނޫން އެހެން މީހަކު ހައްޔަރު ކުރުމުން ކުރެވޭ ތުހުމަތެކެވެ. އެގޮތުން، ވޭނަށް ހަަމަލާދިނީ އޭނާކަން ޔަގީންވާ ވަރުގެ އެއްވެސް ހެެއްކެތް ނެތި ބިދޭސީއަކު މެދުވެރިކޮށް އޭނާގެ ފޮޓޯގަނޑެއް އައިޑެންޓިފައި ކުރުވައިގެން ފުލުހުން ރޭވި ރޭވުމެއް ކަމުގައި އޭނާ ތުހުމަތު ކުރެއެވެ.

ތިންވަނަ އަށް ނަބީލް ފުލުހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ޣައިރު ގާނޫނީ ހައްޔަރު ކުރި ކަމުގެ ތުހުމަތެވެ. އެގޮތުން އޭނާ ހައްޔަރު ކުރީ ހަމަލާދިން ވޭން ވެސް އެ ސަރަހައްދުން ނެގި ފަހުން ކަމަށާއި އަދި އެކަން ހިނގިތާ ދޮޅުގަޑިއިރު ވެސް ވީ ފަހުން ކަމަށް ނަބީލް ވަނީ ފާހަގަ ކޮށްފައެވެ.

މިކަމާ ގުޅިގެން "ދެން"އާ ވާހަކަ ދައްކަވަމުން ނަބީލްގެ ގާނޫނީ ވަކީލް އާސިފް ވިދާޅުވީ ނަބީލް ދޫކޮށްލީ އެއްވެސް ކަހަލަ ބަޔާނެއް ނެގުމަކާ ވެސް ނުލާ ކަމަށާއި އަދި ފަހުން ބަޔާނެއް ނަގަން ގުޅާނެ ކަމަށްވެސް ނުބުނެ ކަމަށެވެ. އަދި ފުލުހުންނަށް ހައްޔަރު ކުރެވުނީ ގޯސް މީހެއްކަން ފުލުހުންނަށް ވެސް އެނގޭ ކަމަށާއި އެއީ ވަރަށް ބޮޑު ކުށެއް ކަމަށް ވެސް އާސިފް ސިފަ ކުރިއެވެ.

މީގެ ކުރިން ވެސް ނަސްރުގެ ދުވަހުގެ ޖަލްސާގައި ނަބީލަށް ފުލުހަކު އަނިޔާކުރި މައްސަލައެއް ވަނީ ފުލުހަށް ހުށަހަޅައިފައެވެ. އެހެން ނަމަވެސް އެފަހަރު ފުލުހުން ބުނީ ނަބީލަށް އަނިޔާ ކުރި މައްސަލަ ބަލާނެ ޖާގައެއް ނެތް ކަމަށެވެ.

Ads by Allied Insurance
  1. އޭނަ

    ގޭގަ އޮއް ނަމަ ނުގެންދާނެ