ޚަބަރު

ލަންކާގައި ފުރަތަމަ ވެކްސިން ދިނީ ސިފައިންގެ ތިން މީހުންނަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ދޭ ވެކްސިން ޝްރީލަންކާގައި ދޭން ފަށައިފިއެވެ.

Ads by STELCO

ވެކްސިން އެންމެ ފުރަތަމަ ދީފައި ވަނީ ތިން ސިފައިންނަށް ކަމަށް އޮފިޝަލުން ބުނެފި އެވެ.

މިއަދު އެގައުމުގައި ވެކްސިން ދޭން ފަށާފައިވާއިރު އެންމެ ފުރަތަމަ ވެކްސިން ޖަހާފައި ވަނީ ސިފައިންގެ ތިން މީހެއްގެ ގަޔަށެވެ.

އިންޑިއާ އިން އިއްޔެ ވަނީ ކޮވިޝީލްޑް ވެކްސިންގެ 500،000 ޑޯޒް ލަންކާ އަށް ހަދިޔާ ކޮށްފައެވެ. މިއާއެކު ޝްރީލަންކާގެ ރައީސް ގޯތަބަޔާ ރާޖަޕަކްސާ ވިދާޅުވީ އިންޑިއާއިން ލިބުނު އެހީއާއެކު ވެކްސިން ޖެހުމުގެ ކަންތައްތައް ކުރިޔަށް ގެންދާނެ ކަމަށެވެ.

ލަންކާ އިން ފުރަތަމަ ވެކްސިން ޖަހާ މީހުންގެ ތެރޭގައި ހިމެނެނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ހެލްތު ވޯކަރުންނާއި ފުލުހުންނާއި ސިފައިންނެވެ. ލަންކާގެ 6 ހޮސްޕިޓަލެއްގައި ވެކްސިން ޖެހުމުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖައްސާފައެވެ. މި ހޮސްޕިޓަލުތަކުން 25 އިންސައްތަ މުވައްޒަފުންނަށް ވެކްސިން ދެވޭނެއެވެ.

ޝްރީލަންކާއިން ޖުމްލަ 61،980 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 297 އަށް އަރާފައެވެ. ބަލީގައި ރަނގަޅު ވެފައިވަނީ 55،398 މީހުންނެވެ. ކޮލަމްބޯގެ ހަ ހޮސްޕިޓަލެއްގައި ވަނީ ކޮރޯނާ ވައިރަހުގެ ވެކްސިން ޕްރޮގްރާމް ފަށަން ނިންމައިފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!