ރައީސް ޔާމީން މާދަމާ ފުލުހަށް ހާޒިރު ކުރަނީ
މަނީ ލޯންޑަރިން މައްސަލައިގައި 5 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ ފުލުހަށް ހާޒިރު ވާނެ ކަަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ޔާމީންގެ ވަކީލުން މިހެން ވިދާޅުވެފައި ވަނީ މިއަދު ނެރުއްވި ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނެއްގައި ބުނީ، ރައީސް ޔާމީން މާދަމާގެ މެންދުރު ފަހު 1:00 އަށް ފުލުހަށް ހާޒިރު ކުރާނެ ކަމަށް އެއިދާރާއިން އަންގާފައިވާ ކަމަށެވެ.
ރައީސް ޔާމީން ހާޒިރު ކުރަނީ ކުރިން އެމަނިކުފާނާ ސުވާލު ކޮށްފައި ވާ މައްސަލައެއްގެ ބަޔާނުގައި ސޮއި ކުރުމަށް ކަމަށް މިއަދު ވަކީލުން ނެރުނު ބަޔާނުގައި ބުނެއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ މަނީ ލޯންޑްރިންގެ ދައުވާއެވެ. އެ މަނިކުފާނުގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދަައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި އެ ފައިސާ ލޯންޑާރ ކުރިކަން ސާބިތުވާ ކަމަށް ކަނޑައެޅުމުން، ރައީސް ޔާމީން ގެންދަވަނީ އެކަމުގެ ހުކުމަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.