ފިނޮޅު ހަލާކު ކުރި މައްސަލައިގައި، ގިރިލަންކަންފުށީގެ ޖެނެރަލް މެނޭޖަރު މަގާމުން ވަކިކޮށްފި

ކ. ހިންމަފުށީ ފަޅު ތެރޭގައި އޮންނަ ފިނޮޅަކަށް ގިރިލަންކަންފުށި ރިސޯޓުން ގެއްލުންދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް، އެ މަގާމުން ވަކިކޮށްފިއެވެ.
އޮންލައިން ނޫސް "މިހާރު" ނޫހުން ވަނީ ޑޭވިޑް ސްޓެޕެޓިކް އެ މަގާމުން ދުރުކޮށްފައިވާ ކަން އެ ނޫހަށް ކަށަވަރު ވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.
މިމައްސަލަ ފުލުހުންނާއި އީޕީއޭ ގުޅިގެން ތަހުގީގު ކުރަމުން އަންނައިރު، މީގެ ކުރިން ފުލުހުން ވަނީ އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާ ކޮށްފައެވެ. ފުލުހުން އެއިރު ވިދާޅުވީ، ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅެއްގައި ކޯރުކެނޑި މައްސަލައާ ގުޅިގެން ގިރިލަންކަންފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރ ފުރުން މަނާކުރުމުގެ އަމުރު ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.
ގިރިލަންކަންފުއްޓާއި ހިންމަފުއްޓާ ދެމެދުގައި އޮންނަ މިފިނޮޅަކީ ހިންމަފުށީގައި ދިރިއުޅޭ މީހުންނާއި އެ ރަށަށް ޒިޔާރަތް ކުރާ މީހުން ދަތުރު ގޮސް ހަދާ ފިނޮޅެކެވެ.
ގިރިލަންކަންފުށި ރިސޯޓުން ހިތްހަމަނުޖެހުނީ އެ ތަނަށް ރަށުން މީހުން ދަތުރު ގޮސް ހަދާތީ ރިސޯޓަށް ޗުއްޓީ ހޭދަ ކުރަން އަންނަ ފަތުރުވެރިންނަށް އުނދަގުލާ ކުރިމަތިވާތީ ކަމަށް ބުނެއެވެ.