މާލޭ ސަރަހައްދުގައި ދިރިއުޅޭ 70 އަހަރުން މަތީގެ ފަރާތްތަކަށް މާދަމާ ވެކްސިން ދޭން ފަށަނީ
ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގައި ދިރިއުޅޭ އުމުރުން 70 އަހަރުން މަތީގެ ފަރާތްތަކަށް ކޮވިޑް-19 ގެ ވެކްސިން ދިނުން މާދަމާ ފެށުމަށް ނިންމައިފިއެވެ.
މި އުމުރުފުރާގެ މީހުން ވެކްސިން ޖަހަން ދިއުމަށް ތަނާއި ގަޑި ކަނޑައަޅައި އެފަރާތްތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގަމުން ގެންދާނެ ކަމަށް އެ އެޖެންސީން ބުނެއެވެ.
މާލެ ސަރަހައްދުގައި މި ވަގުތު ވެކްސިން ދެމުންގެންދާ ތަންތަނަކީ ސޯޝަލް ސެންޓަރާއި އޭ.ޑީ.ކޭ ހޮސްޕިޓަލްގެ އިތުރުން ވިލިމާލެ ހޮސްޕިޓަލާއި ސެނަހިޔާއެވެ.
އެޗްޕީއޭއިން ބުނެފައި ވަނީ ވެކްސިން ޖަހަންދާއިރު އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށާއި ވެކްސިން ޖަހަންދާ މީހަކީ ބަލީގެ އެއްވެސް އަލާމާތެއް ނެތް އަދި ކަރަންޓީންގައި ވެސް ނެތް މީހަކަށް ވާން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ފަސޭހައިން ވެކްސިން ޖެހުމަށް ކޮނޑު ދެއްކޭނެ ފަދަ ގަޔަށް ދޫ ހެދުމެއް ލައިގެން ދިޔުމަށާއި ރަނގަޅަށް ކައިގެން ދިޔުމާއި ފެން ފުޅިއެއް ގެންދިޔުމާއި އެކުގައި އެކަކަށްވުރެ ގިނަ މީހުން ނުދިޔުމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން ވެކްސިން ޖެހުމަށް ޕޯޓަލް (mv.health.my) ގައި ރަޖިސްޓްރީ ކުރުމުގައި އެހީތެރިކަން ބޭނުންވާނަމަ 1676 އަށް ގުޅުމަށާއި އަވަހަށް ރަޖިސްޓްރީ ވުމަށް ވެސް އެޗްޕީއޭއިން އެދެއެވެ.