ހެޔޮ އެދޭ ފަރާތަކުން ރާއްޖެއަށް 5000 ޑޯޒް ވެކްސިން ދީފި
ހެޔޮ އެދޭ ފަރާތަކުން ރާއްޖެއަށް 5000 ޑޯޒް ވެކްސިން ދީފިއެވެ.
ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ މިހާރު ކުރިއަށްދާ ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ހެޔޮ އެދޭ ފަރާތަކުން 5000 ޑޯޒް ވެކްސިނަކީ ކޯވިޑް 19 އަށް ޗައިނާއިން ތައްޔާރު ކުރި ވެކްސިން (ސައިންފާމް)ގެ ޑޯޒްތަކެއް ކަމަށެވެ.
ސައިންފާމްގެ ކޮވިޑް ވެކްސިންއިން 78 ޕަސެންޓު މީހުން ބަލިން ރައްކާތެރިކޮށްދޭ ކަމަށް ބޭރުގެ ޚަބަރުތަކުން ބުނެއެވެ.
ނަޒްލާ ވިދާޅުވީ މި ވެކްސިން މިވަގުތު ހުރީ ސްޓޯރޭޖް ގައި ކަމަށެވެ. އަދި މި ވެކްސިން ދޭން ފަށާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯތިޓީ އިން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު ކަމަށް ނަޒްލާ ވިދާޅުވިއެވެ.
މިވަގުތު ރާއްޖެ އޮތީ ކޮވިޑް-19ގެ ހައި ރިސްކް ގައުމެއްގެ ގޮތުގައި ކަމަށާއި ދިވެހި ރާއްޖެ މިހާރު މިއޮތް ހާލަތުން ރައްކާތެރި ނޫން ކަމަށް ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަ ކޮށްފައެވެ.
ފަހަކަށް އައިސް ދުވާލަކު ބަލި ޖެހޭ މީހުން އަދަދު ސަތޭކައަށް ވުރެ މަތީގައި ހުރުމަށް ފަހު، އިއްޔެ ވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް ވެފައެވެ. މިއާއެކު މާދަމާއިން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އިތުރަށް ހަރުކަށި ކޮށްފައެވެ.