ކުޅުދުއްފުށިން ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

ހދ. ކުޅުދުއްފުށިން ދެ މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ކުޅުދުއްފުށިން "ދެން" އަށް މައުލޫމާތު ދިން މީހަކު ބުނީ ފައްސިވެފައި ވަނީ ކަރަންޓީނުގައި ތިބި ދެމީހުން ކަމަށެވެ.
"ދެން" އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށި ކައުންސިލު މެންބަރު މުޙައްމަދު ފަވާޒު ވިދާޅުވީ، ފައްސި ވެފައިވަނީ ދެމަފިރިއެއް ކަމަށެވެ.
"އަދި އިތުރު މައުލޫމާތެއް އެނގިފައެއް ނުވޭ. ފައްސި ވެފައިވަނީ ކަރަންޓީނު ގައި ތިބި ދެމަފިރިއެއްކަން އެނގިފައިވަނީ. ކަރަންޓީނު ގައި ކަމަށްވާތީ، އެމީހުންގެ ކޮންޓެކްްޓް ޓްރޭސިންއެއް ނުހަދާ" ފަވާޒު ވިދާޅުވިއެވެ.
ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާތީ މިއަދު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިތުރު ފިޔަވަޅުތަކެއް އިއުލާނު ކޮށްފައެވެ.
އެގޮތުން ރަށްރަށުގައި ވެސް ކޮވިޑަށް ފައްސިވާ މީހުން އިތުރުވަމުން ދާތީ، ހުރިހާ ރަށެއްގައި ވެސް މާސްކު އަޅައިގެން އުޅުމަށް ވެސް މި ފިޔަވަޅުތަކުގައި ވެއެވެ.