ޗައިނާއިން ރާއްޖެއަށް އެއްލައްކަ ޑޯޒް ވެކްސިން ދެނީ

ރާއްޖޭގައި ވެސް ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ، މިބަލިން ރައްކާތެރިވުމަށް ޗައިނާއިން ރާއްޖެއަށް އެއްލައްކަ ޑޯޒް ވެކްސިން ދޭން ނިންމައިފިއެވެ.
ޗައިނާއިން ރާއްޖެއަށް އެއްލައްކަ ޑޯޒް ވެކްސިން ދޭން ނިންމާފައިވާކަން އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ރާއްޖެއަށް ޗައިނާއިން އެއްލައްކަ ޑޯޒް ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ސަފީރު ކަށަވަރު ކޮށްދެއްވާފައިވާކަން، ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވެސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޗައިނާއިންދޭ ވެކްސިން ރާއްޖެއަށް ގެނައުމާމެދު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ޗައިނާ ސަފީރު ވިދާޅުވީ، އެޤައުމުން ދޭން ނިންމާފައިވާ ވެކްސިން އަވަސް މުސްތަޤުބަލެއްގައި ރާއްޖެއާ ހަމައަށް ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިބަލިމަޑުކަމުން ރައްކާތެރިވުމަށް ދުނިޔޭގެ އެކި ހިސާބުތަކަށް ވެސް ވެކްސިން ފޯރުކޮށްދެވޭތޯ ޗައިނާއިން ބަލަމުންދާ ކަމަށް ވެސް ސަފީރު ވިދާޅުވެފައިވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ޗައިނާއިން ރާއްޖެއަށް ވެކްސިންގެ އެއް ލައްކަ ޑޯޒް ދޭން ނިންމާފައިވާއިރު، މިހާރު ރާއްޖޭގައި ދަނީ އިންޑިއާއިން ހަދިޔާކުރި އެސްޓްރާޒެނެކާ "ކޮވިޝީލްޑް" ވެކްސިން ޖަހަމުންނެވެ.