ޚަބަރު

ކޮވިޑް ވެކްސިން: މިއަދު ޖުމްލަ 2،575 މީހަކަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދު އަތޮޅުތެރެއިން 560 މީހަކަށް އަދި މާލެ ސަރަޙައްދުން 2,015 މީހުންނަށް ވެކްސިން ދީފިއެވެ.

Ads by Hajj Corporation

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު 2575 މީހުންނަށް މިއަދު ކޮވިޑަށް ވެކްސިން ދީފައި ވެއެވެ. އަދި މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 6،854 މީހުންނަށް ވެކްސިން ދީފައި ވެއެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 5،588 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 1،266 މީހަކަށް ވަނީ ވެކްސިން ދީފައި ވެއެވެ.

ރާއްޖޭގައި މިވަގުތު ދެމުންދަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ، އަދި ރާއްޖެއަށް ހަދިޔާ ކޮށްފައިވާ އަސްޓްރާޒެނެކާ "ކޮވިޝީލްޑް" ވެކްސިނެވެ.

މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައި ވަނީ މާލެއިން 78 މީހުންނާއި، އަތޮޅުތެރެއިން 11 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 20 މީހަކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 16،656 މީހުން ފައްސި ވެފައި ވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 14،556 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 54 އެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 207 މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 430،513 ސާމްޕަލް ނަގައިފައި ވެއެވެ.

ރާއްޖޭގައި މިފަހަކަށް އައިސް އަނެއްކާވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!