7 ފެބްރުއަރީ އަކީ ރައްޔިތުން ހާލުގައި ޖެހެން ދޫކޮށްލާ، ގަދަބަސް ބުނުމުގެ ނަތީޖާ : ޣައްސާން

ދެހާސް ބާރަވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7ވަނަ ދުވަހަކީ ރައްޔިތުން ހާލުގައި ޖެހެން ދޫކޮށްލާ، ގަދަބަސް ބުނުމުގެ ނަތީޖާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އޭރުގެ އިދިކޮޅު ފަރާތްތަކާއި، ސިފައިންނާއި ފުލުހުން ސަރުކާރާ ދެކޮޅަށް އެދުވަހު ނުކުތުމުން، އޭރު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އެދުވަހުގެ ހާދިސާ އެމްޑީޕީން ބަޣާވާތެއްގެ ގޮތުގައި އަދިވެސް ސިފަކޮށް އިންސާފު ލިބުމަށް ގޮވާލަމުން އަންނައިރު، އެކަމާ ގުޅިގެން ޣައްސާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 7 ފެބްރުއަރީ 2012 ވަނަ ދުވަހަކީ ދިވެހި ވެރިކަމުން އިންސާފު ބޮލާލާޖަހާ، ރައްޔިތުން ހާލުގައި ޖެހެން ދޫކޮށްލާ، ގަދަބަސް ބުނެ، ހިތްތިރިކަން ދޫކޮށްލުމުގެ ނަތީޖާ ކަމަށެވެ.
"މިއަދުވެސް މިޢަމަލުތައް ތަކުރާރުވާތަން އެބަ ފެނޭ. ތާރީޚް އިޔާދަވެޔޭ ބުނެ އުޅޭ. ރައްކާވެ ތިބިއްޔާ ދަތުރު" ޣައްސާނު ވިދާޅުވިއެވެ.
އެމްޑީޕީން ތަކުރާރުކޮށް ބުނަމުން ދަނީ އޭރުގެ ސަރުކާރު ވެއްޓުނީ ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކާއި އޭރުގެ އިދިކޮޅު ފަރާތްތަކުން ބަޣާވާތް ކުރުމުން ކަމަށެވެ.