ކޮވިޑް-19: ފައްސިވި އަދަދު އަދިވެސް 100އިން މަތީގައި
ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 127 މީހުން ފައްސިވެ، 48 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 92 މީހުންނާއި، އަތޮޅުތެރެއިން 15 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 13 މީހަކާއި އަދި ޚިދުމަތް ދޭން ނުފަށާ ރިސޯޓުތަކުން 7 މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 16،783 މީހުން ފައްސި ވެފައި ވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 14،604 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 55 އެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 207 މީހުންނެވެ.
ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 433،954 ސާމްޕަލް ނަގައިފައި ވެއެވެ.
ރާއްޖޭގައި މިފަހަކަށް އައިސް އަނެއްކާވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
އެހެންކަމުން އެޗްޕީއޭ އިން އަނެއްކާވެސް ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ރޭގަނޑު 8:30 އިން ފެށިގެން މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފަތިހު 4:00 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މާސްކު އެޅުން ވެސް ވަނީ މަޖުބޫރު ކޮށްފައެވެ.