ޚަބަރު

ވެކްސިން ޖެހި މީހުންގެ އަދަދު 10،000 އާ ގާތް ކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދު އަތޮޅުތެރެއިން 523 މީހަކަށް އަދި މާލެ ސަރަޙައްދުން 2،375 މީހުންނަށް ވެކްސިން ދީފިއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު 2،898 މީހުންނަށް މިއަދު ކޮވިޑަށް ވެކްސިން ދީފައި ވެއެވެ. އަދި މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 9،752 މީހުންނަށް ވެކްސިން ދީފައި ވެއެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 7،963 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 1،789 މީހުންނަށް ވަނީ ވެކްސިން ދީފައި ވެއެވެ.

ރާއްޖޭގައި މިވަގުތު ދެމުންދަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ، އަދި ރާއްޖެއަށް ހަދިޔާ ކޮށްފައިވާ އަސްޓްރާޒެނެކާ "ކޮވިޝީލްޑް" ވެކްސިނެވެ.

އެޗްޕީއޭއިން އާއްމު ކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 92 މީހުންނާއި، އަތޮޅުތެރެއިން 15 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 13 މީހަކާއި އަދި ޚިދުމަތް ދޭން ނުފަށާ ރިސޯޓުތަކުން 7 މީހެކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 16،783 މީހުން ފައްސި ވެފައި ވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 14،604 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 55 އެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 207 މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 433،954 ސާމްޕަލް ނަގައިފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!