ހިތަދޫ ކްލަސްޓާ: އިތުރު ތިން މީހަކު ފައްސިވެއްޖެ
އިތުރު ތިން މީހަކު އައްޑޫސިޓީ ހިތަދޫން ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ކަރަންޓީނުން ބޭރުން އައްޑޫސިޓީ ހިތަދޫން ދެ މީހަކު ފައްސިވުމާއެކު އުފެދުނު ކްލަސްޓާއިން މިހާރު ޖުމްލަ 15 މީހަކު މިވަނީ ފައްސި ވެފައެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މައުރޫފް ވިދާޅުވީ، ހިތަދޫއިން ފުރަތަމަ ފައްސިވި މީހާއާ ބައްދަލުވި 44 ފަރާތެއް މިވަގުތު އައްޑޫގެ ގުޅިފައިވާ ހަތަރު ރަށުގައި އެބަ ތިބި ކަމަށާއި މި ކްލަސްޓާއާ ގުޅުންހުރި 25 މީހަކު ތިނަދޫން ވެސް ފެނިފައިވާ ކަމަށެވެ.
ހިތަދޫން އުފެދުނު މިކްލަސްޓާއާ ގުޅުން ހުރި ކަންކަން ޓާސްކްފޯހާ ގުޅިގެން ބަލަމުން އަންނަ ކަމަށް ވެސް އެޗްއޯސީން ބުނެއެވެ.
ކަރަންޓީނުގައި ނެތް ދެ މީހަކު ހިތަދޫން ކޮވިޑަށް ފައްސި ވެފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގައެވެ. އެމީހުން ކޮވިޑަށް ފައްސިކަން އެނގުނީ ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔުމުން ނެގި ސާމްޕަލް ފައްސި ވުމުންނެވެ.
އެދެމީހުންނަކީ އެއާޕޯޓުގައި މަސައްކަތް ކުރާ ދެމީހުން ކަމަށް ވާތީ، އެމީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި ބައެއް ފަރާތްތައް ވެސް މިހާރު ވަނީ މިބައްޔަށް ފައްސި ވެފައެވެ.
މިކްލަސްޓާއާ ގުޅިގެން އައްޑުސިޓީ މިވަގުތު މޮނީޓަރިންގެ ހާލަތަށް ލާފައެވެ.