ދެވަނައަށް އެންމެ ދުވަސްވީ މީހާ ކޮވިޑް-19އިން މިންޖު ވެއްޖެ
މިހާރު ދުނިޔޭގައި ހުރި ދެވަނައަށް އެންމެ ދުވަސްވީ މީހާ ކޮވިޑް-19އިން ރަނގަޅު ވެއްޖެއެވެ.
ފްރާންސްގެ ޕެރިސްއަށް ނިސްބަތްވާ މި އަންހެން މީހާގެ އުމުރަކީ 116 އަހަރެވެ. މި މީހާ ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ އޭނާ އަށް 117 އަހަރުވާން ހަފްތާއަކަށް ވެފައި ވަނިކޮށެވެ. ކޮވިޑް-19 ޖެހިގެން މި މީހާގެ ހާލަތު މާ ބޮޑަށް ދަށަށް ގޮސްފައެއް ނުވެއެވެ.
އެންޑްރޭ ނަމަކަށް ކިޔާ މި މީހާ ކޮވިޑް-19އަށް ފައްސިވެފައި ވަނީ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުއެވެ. އޭނާ މި ބައްޔަށް ފައްސިވީ، ބަލީގެ އެއްވެސް އަލާމާތެއް ފެނުމަށް ފަހު ނޫން ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
ބޭރުގެ ރޭޑިއޯއަކަށް ދިން އިންޓަވިއުއެއްގައި އެންޑްރޭ ބުނެފައިވަނީ ބަލި ޖެހުމުން އޭނާ ބިރު ނުގަންނަ ކަމަށެވެ. ސަބަބަކީ އޭނާ މަރު ވެދާނެތީ އެކަމާ ބިރު ނުގަންނާތީ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ،
އޭނާގެ ބެލެހެއްޓުންތެރިޔާ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އެންޑްރޭ އޭނާގެ ސިއްހަތާ ގުޅިގެން މާ ކަންބޮޑުވެގެން ނޫޅޭ ކަމަށެވެ. އޭނާ ކަންބޮޑުވެގެން އުޅުނީ އޭނާގެ ނިދުމުގެ ވަގުތާއި ކެއުމުގެ ވަގުތަށް ބަދަލު އައިސްދާނެތީއެވެ. އެންޑްރޭ މިހާރު ދަނީ ބުރާސްފަތި ދުވަހު އޭނާގެ 117 ވަނަ އުފަން ދުވަސް ފާހަގަ ކުރަން ތައްޔާރުވަމުންނެވެ.
ދުނިޔޭގައި މިހާރު ހުރި އެންމެ ދުވަސްވީ މީހާގެ އުމުރަކީ 122 އަހަރެވެ. އޭނާ އަކީ ވެސް ފްރާންސްއަށް ނިސްބަތްވާ މީހެކެވެ.