މަރާލުމަށްފަހު ޕާކެއްގެ ތެރެއަށް އެއްލާލައިފައިވާ މީހެއް، ހަގީގަތް އެނގުނީ މާ ފަހުން

ނެދަރލޭންޑުގެ ވެރިރަށް އެމްސްޓާޑަމްގެ މަގުތަކުގައި ފޯރި މަރަމުން ދިޔަ ފުލުހުންތަކަކަށް މަރާލުމަށްފަހު ޕާކެއްގެ ތެރެއަށް އެއްލާލައިފައިވާ "މީހެއް" ފެނިއްޖެއެވެ.
މި މީހާ ފުލުހުންނަށް ފެނިފައި ވަނީ ވަރަށް ދުރުންނެވެ. އަދި އެޕާކުގައި އެވަގުތު އެހެން އެއްވެސް މީހެއްގެ ހިލަމެއް ވެސް ނުވާ ކަމަށް މީޑީއާތަކުން ރިޕޯޓް ކުރެއެވެ. އެމީހާ ފެނުމާއެކު ފުލުހުން ވަނީ އެކަން ތަހުގީގު ކުރުމުގެ މަސައްކަތް ފަށާފައެވެ.
އެހެން ނަމަވެސް ތަހުގީގުގެ މަސައްކަތް ފެށުމުގެ ކުރިން އެމީހާގެ ކައިރިއަށް ފުލުހުން ދިއުމުން ހާމަވި ހަގީގަތުން ފުލުހުންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަދި ފުލުހުންގެ ގާތަށް ވެސް އެވަގުތު ހިނި އައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ހަގީގަތުގައި އެއީ މަރާލުމަށްފަހު އެއްލާލައިފައިވާ މީހެއް ނޫނެވެ. އެއީ ކޮންމެވެސް ބަޔަކު ހަދާފައިވާ "ސްނޯ މޭން" އެކެވެ. އޭގެ ނޭފަތަކަށް ޖަހާފައިވަނީ ކެރެޓެކެވެ. އެއީ ހަގީގަތުގައި "ސްނޯ މޭން"އެއް ކަމުގައި ވިޔަސް ދުރުން ބަލާ މީހަކަށް އަސްލު ވެސް ހީވާނީ އެއީ މަރާލައިފަައި އެއްލާލައިފައި އޮތް އިންސާނެއްގެ ފުރާނަ ނެތް މަސްގަނޑު ހެންނެވެ.

މި ދުވަސްވަރަކީ ނެދަރލޭންޑަށް އަދި ޔޫރަޕުގެ ގިނަ ގައުމުތަކަށް ވަރަށް ގިނައިން ސްނޯ ފައިބާ ދުވަސްވަރެކެވެ.