މި ސަރުކާރަކީ ބީރު، މަންމަން އަދި ލޮލުގައި ފުސްކަމެއް ހުރި ސަރުކާރެއް: އަދުރޭ

މި ސަރުކާރަކީ ބީރު، މަންމަން އަދި ލޮލުގައި ފުސްކަމެއް ހުރި ސަރުކާރެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސިފަ ކުރައްވައިފިއެވެ.
މިއަދު އިދިކޮޅުން ބޭއްވި "މަގޭ ފްލެޓް ކޮބާ؟" އިހުތިޖާޖުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ސަަރުކާރު ޒިންމާދާރު ކުރުވުމަށް ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހޭ ކަމަށެވެ. އަދި މި ސަރުކާރުން ވައްކަން ކުރާކަށެއް އަދި އަނިޔާ ކުރާކަަށް ވަކި ކަމެއް ނެތް ކަމަށް ވެސް އަދުރޭ ފާހަގަ ކުރެއްވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ މި ސަރުކާރުން ދަނީ މިގައުމުގައި ނާޗަރަންގީ ކުޅޭނެ މަގުތައް ވެސް ތަނަވަސް ކޮށްދެމުން ކަމަށެވެ. އަދި މި ސަރުކާރު ބަދަލު ކުރަން ޖެހޭ ކަމަށާއި ނޫން ނަމަ ދިވެހީންގެ ދިވެހި ގައުމު ދިވެހީންނަށް ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އަދުރޭ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، އަދުރޭ ވަނީ މިހާރު އައްޑޫ ސިޓީ އޮތް ހާލަތާމެދު ވެސް އަލިއަޅުވާލާފައެވެ. އެގޮތުން، އައްޑޫ މިއަދު ވެއްްޓިފައި އޮތް ނުރައްކާތެރި ހާލަތަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އަދުރޭ ސިފަ ކުރެއްވިއެވެ. އެގޮތުން އެ ސިޓީގައި ކޮވިޑް-19 ފެތުރުނީ ސަރުކާރުގެ ހާއްސަ ހުއްދައޭ ކިޔައިގެން ބަޔަކު އެ ސިޓީއަށް ގޮސް އުޅުމުން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އިދިކޮޅުން މިއަދު ކުރި މުޒާހަރާގައި، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. އެގޮތުން، ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާއިރު، ތިން ފަހަރެއްގެ މަތިން މުޒާހަރާގައި ވަނީ ކަރުނަ ގޭސް ޖަހާފައެވެ. އަދި ފުލުހުން ވަނީ މުގުރުގެ ބޭނުން ވެސް ކޮށްފައެވެ.