ފުލުހަކަށް އަނިޔާވީ މުޒާހަރާތެރެއަކުން ނޫން: އިދިކޮޅު
މިއަދު މާލޭގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބޭއްވި އެއްވުމުގެ ތެރެއިން ފުލުހަކަށް އަނިޔާވީ އެއްވުމުގެ ބައިވެރިއެއްގެ ފަރާތުން ނޫން ކަމަށް އިދިކޮޅުން ބުނެފިއެވެ.
މިއަދުގެ މުޒާހަރާގެ ތެރެއިން ފުލުހަކު ހޭނެތިފައިވާ ކަމަށް ވެސް ބައެއް މީޑިއާ ތަކުން ރިޕޯޓް ކުރި ނަމަވެސް އެފަދަ ބޮޑު އަނިޔާއެއް ވެފައެއް ނުވެއެވެ. ފުލުސް މީހާ ވެއްޓުމާއެކު މުޒާހަރާގެ ބައިވެރިންގެ އެހީއާއެކު އޭނާ ނެގިކަން ވެސް ފާހަގަ ކޮށްލެވެއެވެ.
އިދިކޮޅުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ފުލުހުންގެ މައްޗަށް ކުރަމުން ގެންދާ ޣައިރު ޤާނޫނީ ޢަމުރުތައް ތަންފީޒު ކުރުމުގައި ފުލުހުންގެ މުއައްސަސާގެ ބައެއް ބޭކަލުން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ރައްޔިތުންނަށް އަނިޔާވާ ގޮތަށް ޢަމަލުތައް ގެންގުޅޭ ކަމަށެވެ.
ނަމަވެސް އެ ކޯލިޝަންގެ ފަރާތުން ފުލުހުންނަށް އަނިޔާކޮށް ފުލުހުންނަށް ގެއްލުން ލިބޭ ގޮތަށް ޢަމަލު ކުރުމަކީ އެއްވެސް ވަރަކަށް ތަރުހީބުދީ ތާއީދު ކުރާ ކަމެއް ނޫން ކަމަށާއި އަދި އެފަދަ ޢަމަލެއް މިހާތަނަށް ހިންގާފައި ނުވާނެ ކަމަށް އިދިކޮޅުން ބުނެއެވެ.
"މިއަދުގެ ޙަރަކާތުގައިވެސް ފުލުހަކަށް އަނިޔާއެއް ލިބިފައިވަނީ އިޙުތިޖާޖުގެ ބައިވެރިއެއްގެ ފަރާތުންނެއް ނޫނެވެ. މިކޯލިޝަނުން ހިންގާ އެއްވެސް ޙަރަކާތެއްގައި ފުލުހަކަށް އަނިޔާ ކުރުމަކީ މިކޯލިޝަންގެ އެއްވެސް މެންބަރަކު ކުރާނެ ކަމެއް ނޫން ކަމުގައިވެސް ދަންނަވަން" އިދިކޮޅުން ބުނެއެވެ.
މީގެ އިތުރުން ސަރުކާރުގެ ޣައިރު ޤާނޫނީ ޢަމަލުތަކަށް ތަބާ ނުވުމަށާއި، ޤާނޫނުއަސާސީގެ ހުދޫދުގެ ތެރެއިން އެ ޤާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤެއްގެ ބޭނުން ކޮށް ސުލްޙަވެރި ކަމާއެކު ހިންގާ ޙަރަކާތްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތުގައި ދިވެހި ރައްޔިތުންނަށް އަނިޔާވެދާފަދަ ކަންކަން ނުކުރުމަށް ފުލުހުންނަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
މިއަދުގެ މުޒާހަރާގައި އިދިކޮޅުން ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާ އަޑު އުފުލާފައެވެ. އަދި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންގެ ސަފުތައް ފަޅާލާ މުޒާހަރާ ކުރިއަށް ގެންގޮސްފައެވެ.
ފުލުހުންގެ ސަފު ފަޅާލާފަ މުޒާހަރާ ކުރުމަކީ އަސްލު ސުލްހަވެރި މުޒާހަރާއަކީ.. މާންޒަރު ވަރަށް ސާފު