ކޮވިޑްގެ އައު ވޭރިއަންޓު، ވެކްސިން ޖަހައިފައި ތިބި މީހުންނަށް ވެސް ޖެހޭ!
އިނގިރޭސި ވިލާތުން ފެނުނު ކޮވިޑް-19ގެ އައު ވޭރިއަންޓު، ވެކްސިން ޖަހާފައިވާ މީހުންނަށާއި، ކުރިން ބަލި ޖެހިފައިވާ މީހުންނަށް ވެސް ޖެހޭ ކަމުގައި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ވެސް މި އައު ވޭރިއަންޓު ފެނިފައިވާއިރު، ރާއްޖޭގައި ހަލުވި ކަމާއެކު އަނެއްކާ ވެސް ކޮވިޑް-19 ފެތުރެނީ އައު ވޭރިއަންޓުގެ ސަބަބުން ކަމުގައި ވެސް ޑރ ފައިސަލް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިފަހަކުން ކޮވިޑް-19އަށް ފައްސިވެފައިވާ މީހުންގެ ތެރެއިން 30 އިންސައްތަ މީހުންނަށް ކޮވިޑް-19ގެ އައު ވޭރިއަންޓު ޖެހިފައިވާ ކަމުގައި އެޗްޕީއޭއިން ވަނީ ފާހަަގަކޮށްފައެވެ.
މީގެއިތުރުން ރާއްޖެއިން މިފަހަކަށް އައިސް މިބައްޔަށް ފައްސިވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު 100 އިން މައްޗަށް އެރުމާ ގުޅިގެން އެޗްޕީއޭއިން ބުނީ ރާއްޖެ މިހާރު އޮތީ އެންމެ ނުރައްކާތެރި ހާލަތުގައި ކަމަށެވެ. އަދި ޑރ ފައިސަލް ވިދާޅުވީ ރާއްޖެ އެންމެ ނުރައްކާތެރި ހާލަތަށް ގޮސްފައި މިވަނީ ކޮވިޑް-19ގެ އައު ވޭރިއަންޓުގެ ސަބަބުން ކަމަށެވެ.
އައު ވޭރިއަންޓުގެ ސަބަބުން ބަލިޖެހިފައިވާ މީހާގެ ކިބައިން އެ މާހައުލުގައި އުޅޭ އެންމެންނަށް އެބަލި ވަރަށް ފަސޭހައިން ފެތުރިގެންދާ ކަމުގައި ޑރ ފައިސަލް ވަނީ ހާމަކޮށްފައެވެ. އަދި އެބަލި ފެތުރޭ މިންވަރު އަވަސްވެފައި، ކޮވިޑްގެ އައު ވޭރިއަންޓަކީ ވެކްސިން ޖަހާފައިވާ މީހުންނަށާއި، ބަލި ޖެހިފައިވާ މީހުންނަށް ވެސް ޖެހޭ ވޭރިއަންޓެއް ކަމުގައި ޑރ ފައިސަލް ވިދާޅުވިއެވެ.
ރާއްޖޭގައި މިފަހަކަށް އައިސް އަނެއްކާވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
އެހެންކަމުން އެޗްޕީއޭ އިން އަނެއްކާވެސް ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފަތިހު 4:00 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މާސްކު އެޅުންވެސް ވަނީ މަޖުބޫރު ކޮށްފައެވެ.