ޚަބަރު

އައްޑޫން ކޮވިޑް-19އަށް ފައްސިވި ހައިރިސްކު މީހެއް ހާލުބޮޑުވެ، އެޑުމިޓު ކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އައްޑޫއިން ކޮވިޑް-19 އަށް ފައްސިވި ހައިރިސްކު މީހެއްގެ ހާލުބޮޑުވެ، އެޑުމިޓު ކޮށްފިއެވެ.

Ads by Sosun Fihaara

އެޑްުމިޓު ކޮށްފައި ވަނީ އުމުރުން 79 އަހަރުގެ މީހެއް ކަމަށާއި، އައްޑޫ ކޮވިޑް މެނޭޖުމަންޓްގައި މީނާ އެޑުމިޓުކޮށް ފަރުވާދޭން ފަށާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތު ލިބެއެވެ. މީގެއިތުރުން އައްޑޫ ކޮވިޑް ފެސިލިޓީގައި މިވަގުތު ފަރުވާ ދެމުން ގެންދަނީ 3 މީހަކަށް ކަމުގައި ވެސް އައްޑޫ އޮޕަރޭޝަން ސެންޓަރުން މައުލޫމާތު ލިބެއެވެ.

އިއްޔެ އިރުއޮއްސި 6.00 އާ ހަމައަށް އައްޑޫ ސިޓީން ޖުމުލަ 53 މީހަކު ކޮވިޑް-19އަށް ފައްސިވެފައިވާއިރު، އޭގެ ތެރޭގައި ހިތަދޫއިން ފައްސިވި 17 މީހަކާއި، ފޭދޫއިން ފައްސިވި 7 މީހުންގެ އިތުރުން މަރަދޫ ފޭދޫން ފައްސިވި 4 މީހުންނާއި ހުޅުދޫ މީދޫއިން ފައްސިވި 25 މީހުން ހިމެނެއެވެ.

އައްޑޫގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ފެށުމާ ގުޅިގެން، މުޅި އައްޑޫ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސް އެއްގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން މަނާކޮށް ރޭގަނޑު 8.00 އިން ފެށިގެން ކާފިއު ހިންގާފައި ވެއެވެ.

މީގެ އިތުރުން ހަލުވި ކަމާއެކު މުޅި ރާއްޖޭގައި މި ބަލި ފެތުރެމުން ދިއުމާ ގުޅިގެން އެޗްޕީއޭ އިން އަނެއްކާވެސް ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފަތިހު 4:00 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މާސްކު އެޅުން ވެސް ވަނީ މަޖުބޫރު ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!