1438 ގެ ތަޖުރިބާކާރު ވަރުގަދަ އަޑު އާތިފް: ދެކޭ ހުވަފެނަކީ އެ ބޭންޑްގެ ކުރިއެރުން!
ބޮޑުބެރަކީ ދިވެހީންގެ ސަގާފަތުގެ ތެރެއިން ދިވެހީންގެ ހިތާ ޚާއްސަ ގުޅުމަކުން ގުޅިލާމެހިފައިވާ ފޯރިގަދަ ކުޅިވަރެކެވެ. އެހެންނަމަވެސް ދިވެހީންގެ ތެރޭގައި ބޮޑުބެރު ވަޅުޖެހުމަށް ފަހު 2010 ވަނަ އަހަރު ޓެލެވިޜަން މޯލްޑިވްސް އިން ގެނެސްދިން ބޮޑުބެރު ޗެލެންޖު ވެގެން ދިޔައީ ބޮޑުބެރަށް އައު ދިރުމެއް ލިބިގެން ދިޔަ ކަމަކަށެވެ. އެ ޗެލެންޖުގައި ހުނަރުވެރި އެތައް ބަޔަކު ބައިވެރިވެ މޮޅެތި ބެރުވެރިންނާއި، ލަވަކިޔުންތެރިންގެ އިތުރުން ތަފާތު ނެށުންތެރިން ވެސް ވަނީ ފެނިގެން ގޮސްފައެވެ.
2010 ވަނަ އަހަރު ތަޢާރަފު ކުރި މި މުބާރާތާއެކު ގިނަ ޒުވާނުންތަކެއްގެ ޝައުގުވެރިކަން ހުއްޓުނީ ބޮޑުބެރު ޗެލެންޖާ ދިމާއަށެވެ. އެގޮތުން އުމުރުން 36 އަހަރުގެ އަހުމަދު އާތިފްއަކީ ވެސް ހަމަ މިފަދަ ހުނަރުވެރި ޒުވާނެކެވެ.
އާތިފްއަކީ ކުޑައިރުން ފެށިގެން ވެސް ބޮޑުބެރަށް ޝައުގުވެރިކަން ހުރި ޒުވާނެކެވެ. އާއިލާގެ ބައެއް ބޭފުޅުންނަކީ ވެސް އޭރު ބެރު ޖަހާ އުޅުނު މީހުން ކަމުގައި އާތިފް "ދެން'އާ ހިއްސާ ކުރިއެވެ. އާތިފްގެ މުނި ކާފައަކީ އޭރުގެ މަޝްހޫރު ބޮޑުބެރު ޖަހާ ބެރުވެރިއެކެވެ. އެގޮތުން ކާފަމެންނާއެކު އެކި ޝޯވަތަކަށް ގޮސް އުޅުނު ކަމުގައި ވެސް އޭނާ ފާހަގަ ކުރިއެވެ. އަދި ރަސްމީކޮށް ބޮޑުބެރުގެ ދާއިރާއަށް ނިކުތުމުގެ އަސްލަކީ "ހަރުބީ" ކަމުގައި އޭނާ ފާހަގަކުރިއެވެ. 2008 ވަނަ އަހަރު ހަރުބީއިން މިދާއިރާއަށް ވަން އާތިފަކީ މިހާރު މަޝްހޫރު ބޮޑުބެރު ގުރޫޕެއް ކަމަށްވާ 1438 ގެ ހުނަރުވެރި ފަންނާނެކެވެ.
ސުކޫލު ދައުރުގައި ވެސް ބޮޑުބެރު ޖަހާ އުޅުނު!
އާތިފްއަކީ އަމީރު އަހުމަދު ސުކޫލުގައި ވެސް އަދި އިސްކަންދަރު ސުކޫލުގައި ވެސް ތައުލީމު ހާސިލު ކުރި ޒުވާނެކެވެ. އަދި ތައުލީމު ހާސިލުކުރަން އުޅުނު މި ދެ ސުކޫލުގައި ވެސް އޭނާ ވަނީ އެކި އެކި މުނާސަބާ ތަކުގައި ބެރު ޖަހާފައެވެ. އެގޮތުން އެކި އެކި ކޮންސާޓް ތަކުގައި ވެސް އޭނާ ބެރު ޖަހައިފައިވާނެ ކަން ފާހަގަ ކުރެވެއެވެ.
"ސުކޫލުގައި ދެން އެހެން ހުންނަ ކޮންސެޓު ކަހަލަ އެއްޗިހީގައި ދެން އޭރު ހުންނާނެ ބެރު ޖަހާ ހަދާފަ"
އާތިފް
އެންމެ އުނދަގޫވީ ކޮންކަހަލަ ބެރެއް ޖަހަން؟
ބެރަކީ އޭގައި އެތައް ވައްތަރެއް ހިމެނޭ އެއްޗެކެވެ. އެގޮތުން ތިން ބެރާއި، ކޮށްޓާ ބެރުގެ އިތުރުން ބަބުރަށް ޖަހާ ބެރު ފަދަ ބެރުތައް ފާހަގަ ކޮށްލެވެއެވެ. މި ހުރިހާ ބެރުތަކެއްގެ ތެރެއިން ވެސް އާތިފްއަށް ދަސްކުރަން އެންމެ އުނދަގޫވީ ބެރުގެ ގޮތުގައި އޭނާ ފާހަގަކުރީ ބަބުރަށް ބެރު ޖަހާށެވެ. އަދިވެސް އެންމެ ރަނގަޅަށް ދަސްނުވި ނަމަވެސް އެންމެ ފުރިހަމައަށް ދަސްވޭތޯ އާތިފް އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އަދި އެހުރިހާ ވައްތަރަކީ ވެސް އޭނާ ވަރަށް ޖަހާ ހިތުން ޖަހާ ބެރެއް ކަމަށާއި، ވަކި ބެރެއް ޚާއްސަކޮށް ބުނަން ދަތި ކަމުގައި އޭނާ ފާހަގަކުރިއެވެ.
1438 ގައި އާތިފްގެ ތަޖުރިބާ
1438 ބޮޑުބެރު ގުރޫޕަކީ ރާއްޖޭގައި މިހާރު އެންމެ ފާހަގަ ކޮށްލެވޭ ބޮޑުބެރު ގުރޫޕެވެ. އެގޮތުން މަޝްހޫރު 1438 ބޮޮޑުބެރު ގުރޫފަށް އާތިފް މަރުޙަބާކީ އެގުރޫޕު އުފެދިގެން އައި ދުވަސްވަރެވެ. އަދި އަދާ ހަމައަށް ވެސް އާތިފް އަންނަނީ އެ ގުރޫޕުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.
މިދާއިރާގައި އިތުރަށް ކުރިއަށް ދިއުމަށާއި، އައު ކަންކަން ދަސްކުރުމަށް 1438 އިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާ ކަމުގައި އޭނާ ފާހަގަކުރިއެވެ. އަދި ވަކި މީހަކަށް ވަކި ގޮތެއް ހެދުމެއް ނެތި އެންމެން ވެސް ވަރަށް ގުޅިގެން އެއް އާއިލާއެއް ފަދައިން މަސައްކަތް ކުރަމުން އަންނަ ކަމުގައި ވެސް އޭނާ ފާހަގަ ކުރިއެވެ.
" 1438 އުފެދިގެން އައި ހިސާބުން ފެށިގެން ވެސް އެންމެ އިސް މީހެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެވިފަ ކަންނޭނގެ ހުރީ. ދެން އެއްވެސް ދަތި ކަމެއް ނެތި އިރާދަކުރެއްވިއްޔާ މިދަނީ ކުރިއަށް"
އާތިފް
ބޮޑުބެރުގެ ދާއިރާގައި އެންމެ ބޮޑު ގޮންޖެހުން!
ކޮންމެ ކަމެއްގައި ވެސް ކުރިއަށް ދިއުމުގައި އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަން ގައިމެވެ. އެގޮތުން މި ދާއިރާގައި އޮތް އެންމެ ބޮޑު ގޮން ޖެހުން ކަމަށް އޭނާ ފާހަގަ ކުރީ، ކުޅެން ލިބޭނެ ޝޯވތައް މަދުވުމެވެ. އެކި ދުވަސްވަރާ ދިމާކޮށް އެތައް ޝޯވ ތަކެއް ލިބިފައި ކުއްލިއަކަށް އެއްވެސް ޝޯވ އެއް ނުލިބި ދާ ދުވަސްތައް އަންނަ ކަމުގައި ވެސް އޭނާ ފާހަގަކުރިއެވެ. އަދި ރިސޯޓު މިއުޒިކަށް ދިއުމުގެ ފުރުސަތު އޮތް ނަމަވެސް ގުރޫޕުގެ އެންމެންނަކީ އެކި ވަޒީފާތަކުގައި އުޅޭ މީހުން ކަމުން އެފުރުސަތު ވެސް ބޭނުން ކުރެވެން ނެތް ކަމުގައި އޭނާ ފާހަގަ ކުރިއެވެ.
" ސީދާ ރިސޯޓަކަށް ދެވޭކަން ނީންނާނެ. އެންމެން ކަހަލަ ގޮތަކަށް މިއުޅެނީ ޖޮބްގަ. ޖޮބްތަކުގަ އުޅެމުން ދޫކޮށްލާފަ ރިސޯޓުތަކުގައި ޕަފޯމް ކުރަން ދާކަށް ނުލިބޭނެ އެއްނު "
އާތިފް
މިދާއިރާގައި ލިބުނު އެންމެ ބޮޑު ފުރުސަތު!
ބޮޑުބެރު ދާއިރާގައި އެންމެ ބޮޑު ފުރުސަތާއި އެންމެ ބޮޑު އުފާވެރިކަން އޭނާ "ދެން" އަށް ހިއްސާ ކުރީ ހިނިތުންވެ އިނދެއެވެ. އެގޮތުން އޭނާ ފާހަގަކުރީ، ރާއްޖެ ތަމްސީލު ކުރަން ތިން ފަހަރަކަށް މެލޭޝިޔާއަށް ދެވުން އެއީ ވަރަށް ބޮޑު ފުރުސަތެއް ކަމުގައި ދެކޭ ކަމަށާއި، ހަރުބީގައި މަސައްކަތް ކުރި އިރު، ބޮޑުބެރު ޗެލެންޖު ޖެހިޖެހިގެން ދެބުރު ކާމިޔާބު ކުރުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމަކާއި، އުފާވެރިކަމެއް ގޮތުގައި ދެކޭ ކަމަށެވެ.
މިދާއިރާގައި ކުރެވޭ އެންމެ ބޮޑު އުއްމީދު!
14 އަހަރު ދުވަސް ވަންދެން ބޮޑުބެރުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ އާތިފްގެ އެންމެ ބޮޑު އުއްމީދަކީ މިހާރު 1438 އެވެ. މިހާރު މަސައްކަތް ކުރަމުން އަންނަ ފެންވަރަށް ވުރެ ވެސް މަތިން މަސައްކަތް ކޮށް "ޓޮޕް ލެވެލް" އަށް ވާސިލު ވުމަކީ އޭނާ ކުރަމުން އަންނަ އުއްމީދެވެ. ދެކެމުން އަންނަ ފޮނި ހުވަފެންތަކެވެ. އެހެންނަމަވެސް މިދުވަސްވަރު ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން ބޮޑުބެރުގެ މަސައްކަތަށް ވެސް މަޑުޖެހުމެއް އައިސްފައިވާ ކަން އޭނާ "ދެން" އާ ހިއްސާ ކުރިއެވެ. އެހެންނަމަވެސް އުއްމީދުތަކަށް ހުއްޓުމެއް ނެތި އެކި ކަހަލަ ލަވަތައް ރެކޯޑުކޮށް އާންމުންނާ ހަމައަށް ގެނެސްދިނުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން އަންނަ ކަމުގައި ވެސް އޭނާ ފާހަގަ ކުރިއެވެ.
އާތިފްއަށް އެހީތެރިވެދިން އެންމެނަށް ވަރަށް ޚާއްސަ ޝުކުރެއް!
ކޮންމެ ކަމަކީ ވެސް ވަކި ބައެއްގެ އެހީތެރިކަމާ ނުލާ ހާސިލު ނުވާނެ ކަމެއް ކަން ޔަގީނެވެ. އަދި މިއަދު މި ދާއިރާގައި އާތިފް އެ ހުރި ހިސާބަށް ވާސިލު ވުމަށް ޓަކައި ވެސް އޭނާއަށް އެތައް ބަޔަކު ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރު ކޮށްދީފައެވެ. އެގޮތުން އޭނާގެ މަންމަ، ބައްޕަ އަދި ލޯބިވާ އަނބިމީހާއަށް އޭނާ ވަނީ ވަރަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި މުޅި އާއިލާގެ ފަރާތުން ލިބުނު އެހީތެރިކަން އޭނާ ފާހަގަކޮށް މުޅި އާއިލާއަށް ވެސް އޭނާ ވަނީ ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މީގެ އިތުރުން ކުރީގައި ހަރުބީ ބޮޑުބެރު ގުރޫޕުގައި މަސައްކަތް ކުރި މަޝްހޫރު ބެރުވެރިޔާ ހަސަން އަރީފް (ކައިރޭ) އަދި ލަވަކިޔުންތެރިޔާ އިބްރާހިމް މަމްދޫހު (މަންޑޭ) ގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް މުޅި ހަރުބީ ގުރޫޕަށް ވެސް އޭނާ ވަނީ ވަރަށް ޚާއްސަ ޝުކުރެއް އަދާ ކޮށްފައެވެ. ހަމައެއާއެކު މިހާރު އާތިފް މަސައްކަތް ކުރަމުން އަންނަ 1438 ބޮޑުބެރު ގުރޫޕުން ވެސް ލިބެމުން އަންނަ ހުއްޓުމެއް ނެތް އެހީތެރިކަން ފާހަގަކޮށް މުޅި ޓީމަށް ވެސް އޭނާ ވަނީ ވަރަށް ޚާއްސަ ޝުކުރެއް އަދާ ކޮށްފައެވެ.
އަސްތަގުފިރުއްލާހި
ތިއީ އެއް ވެސް ކަހަލަ އުޅުމެއް ހުރި މީހެއް ނޫން
ސީދާ ބޮޑު ޕާޓޭ އެއް
ގަދަ ޅާއެއް