ދީން

އަހަރެމެން އެދޭ ކަމެއްވުން މާތް ﷲ ފަސްކުރައްވަނީ، އެކަމެއްވުމަށް އެންމެ ރަނގަޅު ވަގުތަށްޓަކައި: މުފްތީ މެންކް

މަދު ދުވަސްކޮޅެއް ނޫނެވެ. ދިގު ދެމިގެންދިޔަ 30 އަހަރެވެ.

ތިރީސް އަހަރުގެ ދިގު އިންތިޒާރަކަށްފަހު މަޝްހޫރު ފުޓުބޯޅަ ޓީމު "ލިވަރޕޫލް" މިވަނީ އިނގިރޭސި ޕްރިމިއަރ ލީގް ކާމިޔާބު ކޮށްފައެވެ. މިއީ އެޓީމުގެ ކޯޗާއި، މެންބަރުންގެ އިތުރުން، ލިވަރޕޫލަށް ސަޕޯޓުކުރާ އެންމެހާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު އުފާވެރިކަމެކެވެ.

ނަމަވެސް މިކަމުން ވެސް އިބުރަތެއް ހާސިލު ވެއެވެ.

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްލާއިމް މެންކު މިކަމާއި ގުޅޭގޮތުން ވިދާޅުވެފައިވަނީ އަހަރެމެން ހިތް އެދޭ ކަމެއް، އެވަގުތުން ވަގުތަށްވުމަށް އެދި އަަހަރެމެން މާތް ﷲ ޙަޟްރަތުން އެދޭ ކަމަށެވެ. ނަމަވެސް އެކަލާނގެއީ ހުރިހާާ ކަމެއް ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ އަހަރެމެން އެދޭހާ ކަމެއް އެވަގުތަކު ކޮށް ނުދެއްވާ ފަސްކުރައްވަނީ، އެކަމެއް ވާން އެންމެ ރަނގަޅު ވަގުތު ޖެހެންދެން ކަމަށް މުފްތީ މެންކު ވިދާޅުވެފައިވެއެވެ.

"ކަމަކަށް އެދި އަހަރެމެން އެކަލާނގެ ޙަޟްރަތުން ދުޢާ ކުރުމުން، އެކަމެއް އެވަގުތުން ވަގުތަށް އެކަލާނގެ ފުރިހަމަ ކޮށްނުދެއްވާ، ފަސްކުރައްވާ ބައެއް ކަންކަން ވެސް ހުރެއެވެ. އެއީ އެކަމެއްވުމަށް އެންމެ ރަނގަޅު، އަދި އަހަރެމެންނަށް އެކަމެއް ވުމުން އެންމެ ފައިދާއެއް ކުރާނެ ރަނގަޅު ވަގުތަކަށްޓަކައެވެ.

ދެން އަހަރެމެން ހަދަނީ ކިހިނެއްތޯއެވެ؟ އަަހަރެމެން އިތުރަށް އެކަމަކަށްޓަކައި އެދެނީއެވެ. އަދި އެކަންވުމަށް ކޮންމެ އަހަރަކު ވެސް އެދެމުން، ރޮމުން ދަނީ އެވެ. އަހަރެމެން އާދޭސް ކުރަނީ އެކަމެއް އަވަހަށް ވުމަށެވެ.

މިފަދައިން އެތަކެއް އަހަރުތަކެއް ވެސް ބައެއް ކަންކަމުގައި ވޭތުވެގެން ދެއެވެ. އަހަރުމެން އެކަމަކަށް ދަނީ އެދެމުންނެވެ. މާތް ﷲ ޙަޟްރަތުން ދުޢާ ކުރަމުންނެވެ. އަހަރެމެންގެ ކެތްތެރިކަން ވެސް އެފަދަ ބައެއް ކަންކަމުގައި ވަރަށް ވަރުގަދައެވެ.

އެގޮތުން މިކަމަށް ވެސް ބަލާލަމާ ހިނގާށެވެ. މިކަމަށް ބައެއް ފަރާތްތަކުން އެދެމުންދާތާ މިވީ ކިތައް އަހަރުހެއްޔެވެ. ކިތައް ޑެކޭޑް ހެއްޔެވެ؟ ތިން ޑެކޭޑު ފަހުން މިވަނީ އެކަން ކާމިޔާބުވެފައެވެ. ތިން ޑެކޭޑުވަންދެން އަހަރެމެންގެ ތެރެއިން ބަޔަކު ދިޔައީ މިކަމަށް، މިކާމިޔާބީއަށް އެދެމުން ނޫން ހެއްޔެވެ؟

މިހާރު 30 އަހަރު ފަހުން މިކާމިޔާބީ ލިބުމުން އަހަރުމެން މިވަނީ ކުރިން މިކަމާއި ކުރި ހިތާމައާއި، ކުރަމުން ދިޔަ ފިކުރުތައް މަތިން ވެސް ހަނދާން ނެތިފައެވެ. އަހަރުމެން މިވަނީ މިއުފަލުގައި، ކުރިން އުފުލި ބުރަ މަތިން ހަނދާން ނެތިފައެވެ. އަދި ކުރިން ކުރި އާދޭހާއި ދުޢާތައް މަތިން ވެސް ހަނދާން ނެތިފައެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. އަހަރެމެން އެދޭހާ ކަމެއް މާތް ﷲ އެވަގުތުންް ވަގުތަކު ކޮށް ނުދެއްވާފާނެއެވެ. ބައެއް ފަހަރު އަހަރެމެން އެދޭ ކަމެއް އެދޭ ގޮތަކަށް ވެސް ކޮށްނުދެއްވާފާނެއެވެ. ނަމަވެސް ވިސްނަންޖެހޭ ކަމަކީ، އެކަލާނގެ ކޮންމެ ކަމެއް ވެސް ކޮށްދެއްވާނީ، އެކަމަކުން އަހަރެމެންނަށް ފައިދާވާނެ ރަނގަޅު ވަގުތަކު އެންމެ ރަނގަޅަށް ކަމެވެ. މިއީ އަހަރެމެން އަބަދު ވެސް ހަނދުމަ ކުރަން ޖެހޭނެ ކަމެކެވެ. އަދި ކަމެއް ހާސިލުވުމުން ކުރިން އުފުލި ބުރައިގެ މަތިން ހަނދާން ނައްތާލައިގެން ވެސް ނުވާނެއެވެ." މުފްތީ މެންކު ވިދާޅުވެފައިވެއެވެ.

  1. ދިރާސާ

    މިއީ ކޮންމެ މުސްލިމަކުވެސް ދަންނަ ކަމެއް، އަދި މުސްލިމުން މިކަން ދަސްކުރަނީ މުސްލިމު މައިންނާއި ބަފައިންގެ ކިބައިން، ޅަފަތުގައި އުގުގެ ތަރުބިއްޔަތުގެ ތެރެއިން.