ކައުންސިލް އިންތިޚާބުގެ 80 ޕަސެންޓް ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ: ރައީސް
ލޯކަލް ކައުންސިލް އިންތިޚާބުގައި 80 އިންސައްތަ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިހު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް 57 އިންސައްތަ ލިބުނު ކަމަށާއި ނިމިދިޔަ މަޖިލީސް އިންތިޚާބުގައި 75 އިންސައްތަ އެމްޑީޕީއަށް ކާމިޔާބު ކުރެވުނު ކަަށެވެ.
އެކަން ފާހަގަ ކުރައްވަމުން ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނަށް ފެންނަ މަންޒަރުގައި 80 އިންސައްތައަށް ވުރެ މައްޗަށް އެމްޑީޕީއަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ކާމިޔާބު ކުރުމަށްޓަކައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުން އެމްޑީޕީއަށް ވަރަށް މުހިންމު ކަމަށެވެ. އެގޮތުން އެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާއިރު މި ނިޒާމް ދަންނަ ބައެއްގެ އަތް މައްޗަށް މިކަން ހިންގަން ފުރުސަތު ދޭން ޖެހޭ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.